https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޞިއްޙަތަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ބަނގުރަލުން ލިބޭ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 20, 2021
  • 2 min read


ބަނގުރަލުގެ ކިތަންމެ ކުޑަ މިންވަރަކުން ވެސް އިންސާނުންގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ދިރާސާއަކުން ހާމަ ވެއްޖެއެވެ.ގްލޯބަލް އަލްކަހޯލް ކޮންސަޕްޝަން އެންޑް ޑިޒީޒް ރިސްކުގެ ނަމުގައި ކުރިއަށް ގެންދިޔަ މި ދިރާސާގެ އަލީގައި، ރަލުގެ ޒައްރެއްގެ މިންވަރު ހަށިގަނޑަށް އެތެރެ ވުމުން ވެސް، އާންމު ސިއްހަތަށް ނައްސި އަސަރުތަކެއް ކުރާކަން ވަނީ ސާބިތުވެފައެވެ.


ދުނިޔޭގެ އެކި ޤައުމުތައް ހިމެނޭހެން އުމުރުން 15 އަހަރާއި 49 އަހަރާއި ދެމެދުގެ އަންހެނުންނާއި ފިރިހެނުން ހިމަނައިގެން ކުރިއަށް ގެންދިޔަ މި ދިރާސާއިން ހާމަވާ ގޮތުގައި،ބޮޑެތި ބަލި ޖެހުމާއި އަވަސް މަރާއި ބަނގުރާ ބުއިމާއި ދެމެދުގައި ގުޅުމެއްވެއެވެ.އެގޮތުން، ކޮންމެ 10 މަރަކުން 1 މަރަކީ ބަނގުރާ ބުއިމާއި ގުޅުން ހުރި މަރެއްކަން ވަނީ ދެނެގަނެވިފައެވެ. ހުރިހާ އުމުރެއްގެ މީހުން ހިމެނޭހެން، 2016 ވަނަ އަހަރުގެ 2.8 މިލިއަން މަރަކީ ބަނގުރާ ބުއިމާއި ސީދާ ގުޅުން ހުރި މަރުތައް ކަމަށް ވެސް މި ދިރާސާއިން ދައްކައެވެ.މީގެ ތެރޭގައި، ބަނގުރަލުގެ ސަބަބުން ޖެހޭ ކެންސަރުތަކާއި، ހިތުގެ ބަލިތަކުގެ އިތުރުން ޓީބީފަދަ ގައިންގަޔަށް އަރާ ބަލިތަކުގައި މަރުވި މީހުން ހިމެނެއެވެ. އަދި ބަނގުރާ ބޭނުން ކުރުމުގެ ސަބަބުން އެކި އެކި އަނިޔާތައް ލިބިގެން މަރުވެފައިވާ މީހުންވެސް ގިނަކަން ވަނީ ފާހަގަ ކުރެވިފައެވެ. އެ ގޮތުން، މަސްތުގެ ހާލުގައި ހުރެ އަމިއްލަ ނަފްސަށް ދެވޭ އަނިޔާތަކުގެ ސަބަބުންނާއި، މަގުމަތީގެ އެކްސިޑެންޓްތަކުގެ ސަބަބުން އަދި ގެނބުމާއި އަލިފާނުގެ ހާދިސާތަކުގައި މަރުވާ މީހުން ވެސް ހިމެނެއެވެ. މި ހުރިހާ ހާދިސާއެއް ވެސް ހިނގަން މެދުވެރިވި ސަބަބެެެއް ކަމުގައި ވަނީ ބަނގުރާކަން ވެސް ފާހަގަ ކޮށްލެވެއެވެ.



ބަނގުރަލުގެ ސަބަބުން އެ އަހަރު ޗައިނާއިން މަރުވެފައިވާ ފިރިހެނުންގެ އަދަދު 650،822 ގައި ވާއިރު، އެ ޤައުމުން މަރުވި އަންހެނުންގެ އަދަދު އުޅެނީ 59،064 ގައެވެ.ރަޝިއާއިން 182،609 ފިރިހެނުން މި ކަމުގެ ސަބަބުން މަރުވެފައި ވާއިރު، 42،990 އަންހެނުންވަނީ އެ ޤައުމުން މަރުވެފައެވެ. ބަނގުރަލުގެ ސަބަބުން އިންޑިއާއިން މަރުވެފައި ވަނީ 289،859 ފިރިހެނުންނާއި 41،716 އަންހެނުންނެވެ. އަދި އެމެރިކާއިން 71،166 ފިރިހެނުން ބަނގުރަލުގެ ސަބަބުން މަރުވެފައި ވާއިރު،އެ ޤައުމުން 18،849 އަންހެނުންވެސް ވަނީ މިކަމުގެ ސަބަބުން މަރުވެފައެވެ. މީގެ އިތުރުންވެސް 6 ޤައުމެއްގެ އެތަކެއް ހާސް އަންހެނުންނާއި ފިރިހެނުން ބަނގުރަލުގެ ސަބަބުން މަރުވެފައިވާ ކަން މި ދިރާސާއިން ހާމަ ވެގެން ދެއެވެ.


ޗައިނާއާއި އިންޑިއާ އަދި ރަޝިއާ މި ލިސްޓުގެ ކުރީގައި އޮތް އިރު، އެމެރިކާ އޮތީ ލިސްޓުގެ 7 ވަނައިގައެވެ. އަދި އިނގިރޭސި ވިލާތް އޮތީ ރާ ބުއިމުގެ ސަބަބުން މަރުވާ ފިރިހެނުންގެ ލިސްޓުގެ 21ވަނައިގައެވެ. އަދި އަންހެނުންގެ ލިސްޓުގެ 9 ވަނައިގައެވެ.



މި ދިރާސާގެ އިސް މުސައްނިފު، ވޮޝިންގްޓަން ޔުނިވަރސިޓީގެ އެމެނުއޭލާ ގަކިޑޯ ވިދާޅުވި ގޮތުގައި، މި ދިރާސާއިން އެ ޓީމަށް ފާހަގަވި އެންމެ މުހިންމު ކަމަކީ، ބަނގުރަލުގެ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ހަށިގަނޑުގެ ތެރެއަށް ދިއުމަކީ، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގެ މީހުންގެ ސިއްހީ ހާލަތުވެސް ދަށްވުމަށް މެދުވެރިވާ މައިގަނޑު ސަބަބެއް ކަމެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ދިރާސާގެ ހެކީގެ އަލީގައި، ބަނގުރަލަކީ އެއްވެސް މިންވަރަކަށް ހަށިގަނޑަށް ރަނގަޅު އެއްެޗެއް ނޫންކަން ސާބިތުވާ ކަމަށެވެ.


އިނގިރޭސި ވިލާތުގެ ރޯޔަލް ކޮލެޖު އޮފް ޖެނެރަލް ޕްރެކްޓިޝަނަރޒްގެ ރައީސް، ހެެލެން ސްޓޯކްވަނީ މި ދިރާސާގެ ނަތީޖާއާއި މެދު ކަންބޮޑު ވާން ޖެހޭ ކަމަށާއި، ބަނގުރަލުގެ ނުރައްކާތެރިކަން މި ދިރާސާގެ އަލީގައި ސާބިތުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.


ބިލްގޭޓްސް އަދި މެލިންޑާ ގޭޓްސް ގެ ފައުންޑޭޝަނުން ކުރައަށް ގެންދިޔަ ގްލޯބަލް ބަރޑަން އޮފް ޑިޒީޒް ރިޕޯޓުގެ ދާރިސުން ވަނީ 15 އަހަރާއި 95 އަހަރާއި ދެމެދުގެ ގިނަ ބައެއް ހިމަނައިގެން، 23 ބައްޔަކާއި ބަނގުރާ ބޭނުން ކުރުމާއި ދެމެދުގައިވާ ގުޅުން ދިރާސާ ކޮށްފައެވެ.މި ދިރާސާއިން ހާމަ ވެފައިވާ ގޮތުގައި، ބަނގުރާ ބޭނުން ކުރުމަކީ އާލަމީ ސިއްހީ މައްސަލައެެކެވެ.އަދި ޕޮލިސީ އެކުލަވާލާ ފަރާތްތަކުން، ބަނގުރާ ބޭނުން ކުރާ މިންވަރު ދަށް ކުރާނެ ޕްރޮގްރާމްތައް އިތުރު ކުރުމަށް މި ދިރާސާގެ އިސް މުސައްނިފު، ރޮބީން ބަރޓަން ވަނީ ގޮވާލައްވާފައެވެ.



ދުނިޔޭގައި އެންމެ ގިނައިން ބަނގުރާ ބޭނުން ކުރާ ޤައުމުތަކަކީ ޑެންމާރކް، ނޯރވޭ އަދި ޖަރުމަނުވިލާތެވެ. އަދި އެންމެ މަދު މިންވަރަކަށް ބަނގުރާ ބޭނުން ކުރާ ކަމަށް ދައްކަނީ، ޢަރަބި އަދި މެދު އިރުމަތީގެ ޤައުމުތަކެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page