އަހަރެން ނެތް ދުވަހަކުން އަހަރެންގެ މުހިންމުކަން ތިބާއަށް ވިސްނޭނެ!
- މާހިރު މުޙައްމަދު
- Sep 23, 2021
- 0 min read

ވަރަށް ބުނެވިއްޖެއެވެ. އެތައް ފަހަރަކު ގުޅައިގެންނާއި ކޮފީ މޭޒު ދޮށުގައި ވެސް އަހަރެންނަށް މި ވާހަކަދެއްކިއްޖެއެވެ. އެންމެ ފަހަރަކު ދެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. ނަމަވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރި މީހާ އަހަރެން އެންމެ ބޭނުންވި އަދި އެންމެ މުހިންމުކަންކަމުގައި އެހީއެއް ނުވިއެވެ. އަދި ނުވިތާކަށް އެކަމުގެ އަޕްޑޭޓެއް ހޯދާކަށް އަހަރެންނަށް ނުގުޅައެވެ. އަހަރެންނާ ކޮފީ މޭޒުން ބައްދަލުވެ ފެނުނަސް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލަނީއެވެ. އަހަރެންގެ ކައިރިއަށް އައިސް ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. އެންމެ ކަމެއްގައި ވެސް އެއްބާރުލުން ދޭންކަށް މަސައްކަތެއް ނުކުރެއެވެ. މީހުން ބުނާތީ އަޑު އަހަމުއެވެ. ލޯބިވެރިއަކު ގެއްލުމަށްވުރެ، އެކުވެރިއަކު ގެއްލުނީމާ ވާ ދެރަ މާ ބޮޑު ވާނެއެވެ. އެއީ ތެދެކެވެ. ހަގީގަތުގައި އެކުވެރިކަމަކީ ވަރަށް މާތް ގުޅުމެކެވެ. މަތިވެރި ގުޅުމެކެވެ. އެކުވެރިންނަކީ އެކަކު އަނެކަކަށް ޓަކައި ކޮންމެ ހާލަތެއްގައި ވެސް ތިބޭ ބައެކެވެ. އަނެކާ އެންމެ ބިކަވެ ނިކަމެތިވާ ދުވަހު ވެސް އޭނާއަށް އެހީތެރިވާ މީހުންނެވެ. އޭނާގެ އަތުގައި ފައިސާއެއް ނެތަސް އޭނާގެ ގާތުގައި ތިބޭ މީހުންނެވެ. ބަލިވެއްޖެ ނަމަ ހާލުބަލައި އަޅާލާ މީހުންނެވެ. ވެއްޓިއްޖެ ނަމަ އޭނާ ވެއްޓިއްޖެކަން އަނެކާއަށް އެނގުމުގެ ކުރިން ނަގާ މީހުންނެވެ. އެކުވެރިކަމުގެ ހަގީގީ މާނަ ގިނަ މީހުންނަށް ނޭނގޭ ކަމީ ހިތާމަ ހުރި ކަމެކެވެ. ކަމަކު ޖެހުނީމާ އެކުވެރިޔާ ފެނުމަކީ އެއީ އެކުވެރިކަމެއް ނޫނެވެ. ފައިސާއަށް ދަތިވުމުން އެކުވެރިޔާ ފެނުމަކީ އެއީ އެކުވެރިކަމެއް ނޫނެވެ. ތަނަކަށް ދާން "ރައިޑެއް" ބޭނުންވީމާ އެކުވެރިޔާ ފެނުމަކީ އެއީ ވެސް އެކުވެރިކަމެއް ނޫނެވެ. އެކުވެރިންނަކީ އެއަށްވުރެ މާ ގާތް ބައެކެވެ. ދިރިއުޅުމުގައި ހިނގާ ކަންކަން ހިއްސާ ކުރާ މިތުރުންތަކެކެވެ. އެހެން ނަމަވެސް ކަންކަން ބަދަލުވަނީ އެހާ އަވަހަށެވެ. ހަގީގީ އެކުވެރިއަކު ތިބާ ދޫކޮށް ނުދާނެއެވެ. ތިބާއަށް ކޮންމެ ފަދަ ކަމެއް އަދި އެންމެ ބޭނުންވާ ވަގުތުގައި ތިބާގެ ގާތުގައި ހުންނާނެއެވެ. ތިބާ ގޯސް މަގަކުން ދާ ނަމަ ތިބާއަށް މަގު ދައްކާނެއެވެ. ތިބާއަށް ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އެ ވާހަކަ ތިބާގެ ގާތުގައި ބުނާނެއެވެ. މިއަދު އަހަރެންގެ އެކުވެރިޔާ ގާތުގައި ބުނެލަން ބޭނުންވެއެވެ. ތިބާ އަހަރެންގެ ދިރިއުޅުމަށް އައިސް އަހަންނަށް ވަރަށް ގިނަ ކަންކަން ދަސްކޮށްދިނެވެ. އަހަރެން އެންމެ ހިތާމަ ކުރި ދުވަހު އަހަންނަށް ހިތްވަރު ދިނެވެ. ބަލިވި ދުވަހު އަޅާލިއެވެ. ނަމަވެސް އަހަރެންގެ ކައިވެނީގެ ކަންކަމުގައި ތިބާއަށް ކޮށްދެވުނީ ކޮންކަމެއް ހެއްޔެވެ؟ ތިބާއަށް އަހަރެންނަކީ މުހިންމު މީހަކަށް ނުވީތާއެވެ. އަހަންނަށްވުރެ ތިބާއަށް އެދުވަހު މުހިންމުވީ ތިބާގެ ވަޒީފާއެވެ. ކުޅިވަރެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއާއެކުގައެވެ.
މިތުރާއެވެ. މާދަމާ ވެސް އަހަރެން ލޯ މަރައިލައިފި ނަމަ އަހަރެންގެ ހަނދާންތައް ފެނުމުން ތިބާ ރޯނެއެވެ. އަހަރެންގެ ފޮޓޯތަކަށް ބަލައި ހުއްޓިގެން އިންނާނެއެވެ. އެކުގައި ޖެހިހާ ސަކަރާތަކާއި ކުރިހާ މަޖަލެއް ލޯ ކުރިމަތީގައި ސިފަވެސިފަވެ ހުންނާނެއެވެ. އެހެނަސް އަހަންނެއް ނުހުންނާނެއެވެ. އަހަރެން ވާނީ މާ ދުރުގައެވެ. އާނއެކެވެ. އަހަރެން ނެތް ދުވަހަކުން އަހަރެންގެ މުހިންމުކަން ތިބާއަށް ވިސްނޭނެއެވެ.








Comments