އަލިފުށީ އެއަރޕޯޓް ސަރުކާރުގެ ސިޔާސަތާ ފުށޫއަރަނީ ކިއްވެ؟
- މާހިރު މުޙައްމަދު
- Sep 7, 2021
- 2 min read

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ރ. އަލިފުށީ ފަޅުން ބިން ހިއްކައިގެން އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރިކަން ސަރުކާރުން އިޢުލާންކުރެއްވުން ވެގެންދިޔައީ އަލިފުށީގެ ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދިން ޚަބަރަކަށެވެ. ސަރުކާރުގެ މި ނިންމެވުން ބަލައިނުގަނެވޭ ކަމަށް އަލިފުށީ ދާއިރާގައި ހިމެނޭ 3 ރަށް ކަމުގައިވާ ވާދޫ، ރަސްގެތީމް އަދި އަނގޮޅެތީމުގެ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑުއުފުލާފައިވެއެވެ. އެ ސިޔާސަތު ރަނގަޅު ނޫން ކަމަށް ވިދާޅުވާ ފަރާތްތަކުން އެ ކަމަށް ދެކޮޅު ހައްދަވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަލިފުށްޓަކީ އެކަހެރިކޮށް އޮތް ރަށަކަށްވުމާއި، އަތޮޅުގެ ނިޞްބަތުން އުތުރު ބިތަށްވުރެ ދެކުނު ބިތުގެ އާބާދީ ބޮޑުވުމާއި، ދެކުނު ބިތުގައި ރިޒޯޓުތައް ގިނަވުމާއި، ސަރުކާރުގެ ސިޔާސަތާ ނުބައްދަލުވުމުގެ އިތުރުން، އިފުރު އެއަރޕޯޓް މިހާރު ވެސް ހިންގަމުން އަންނަކަން ފާހަގަވާތީއެވެ. ދެން އުފެދޭ ސުވާލަކީ އެކަމަށް ރިޢާޔަތްކޮށް، އަލިފުށްޓަށް ލިބެން އޮތް އިޤްތިޞާދީ ބޮޑު ނަފާވެރިކަމަކަށް އަދި ދުރު ރާސްތާ ތަރައްޤީއަކަށް ހުރަސް އެޅުމަކީ ވާދޫ، ރަސްގެތީމް އަދި އަނގޮޅެތީމުގެ ރައްޔިތުންނަށް ކުރެވޭނެ ކަމެއްތޯ އުފެދޭ ސުވާލެވެ. އަލިފުށީގައި އެއަރޕޯޓް ނާޅަންވީ ކީއްވެ؟ އަލިފުށްޓަކީ އަތޮޅުގެ ނިޞްބަތުން 2 ވަނައަށް އެންމެ އާބާދީ ބޮޑު އެއް ރަށެވެ. ހިތާމަޔާއެކު ފާހަގަކުރަންޖެހޭ ކަމަކީ އަތޮޅުގެ ނިޞްބަތުން ބަލާއިރު ވެސް ތަރައްޤީގެ ރޭހުގައި މިހާރު ވެސް އަލިފުށި އޮތީ އެންމެ ކުރީގައެވެ. އަލިފުށްޓަކީ ޒަމާނުއްސުރެ ބޯޓުފަހަރު ބަނުމާއި ކިއްސަރު ވަޑާމާއި، އެހެނިހެން ސިނާޢީ މަސައްކަތްތަކުގައި ނަން މަޝްހޫރު ރަށަކަށްވާ އިރު، އެއަރޕޯޓް ފަދަ ބިޔަ މަޝްރޫޢެއްގެ ސަބަބުން އިޤްތިޞާދީގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އަލިފުށްޓަށް ބޮޑު ގެއްލުމަކާއި ކުރިމަރިވާނެއެވެ. އިޤްތިޞާދީ ވިސްނުމަކުން ބަލާ އިރު އެ ސަރަޙައްދަށް ޓޫރިޒަމް ތަޢާރަފްވުމަކީ މުހިންމު ކަމެކެވެ. އަލިފުށީ ސަރަޙައްދުގައި މިވަގުތު ރިޒޯޓެއް ނެތެވެ. އަލިފުށީ ފަޅުތެރޭގައި ރިޒޯޓް ތަރައްޤީކުރުމުގެ ޕްލޭންތަކެއް ކުރެވުން ނަމަ ވެސް އެކަންވުމަށްވުރެ ނުވުންގާތެވެ. މިއާއެކު އެ ސަރަޙައްދުގެ އިޤްތިޞާދީ ޙަރަކާތް އިތުރު ނުވެ ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރު ނުކުރެވޭނެވެ. ހަމައެހެންމެ، އުތުރު ބިތުގައި އަލިފުށި ހިމެނޭ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގެ އާބާދީގެ ނިޞްބަތް ގާތްގަނޑަކަށް 7000 ގައި ހުރި އިރު، މިއީ މިފަދަ މަޝްރޫޢަކަށް އެކަށީގެން ނުވާ އާބާދީއެއް ނޫނެވެ.
އިފުރު އެއަރޕޯޓް އޮތުމުން ފުދޭންވީ ކިއްވެ؟
އިފުރުގައި އެއަރޕޯޓެއް އެޅުން ވެގެންދިޔައީ އަލިފުށި ހިމެނޭގޮތަށް އެ ސަރަޙައްދުގެ ރަށްތަކަށް ލިބިގެންދިޔަ ފަސޭހައަކަށެވެ. އަލިފުށިން ފުރައިގެން ސްޕީޑް ފެރީގައި 40 މިނެޓުގެ ދަތުރަކުން ދެވޭ ދުރުމިނުގައި އިފުރު އޮތްކަމީ ވަރަށް ބޮޑު ފަސޭހައެކެވެ. އަދި އަލިފުށިން އިފުރަށް ދިޔުމަށް ލޯންޗެއް ކުއްޔަށް ހިފަން 2200 ރުފިޔާ ޚަރަދުވާނެވެ. މިއަށްވުރެ ޚަރަދު ކުޑަ އިޚްތިޔާރަކަށް އޮތީ 2 ގަޑިއިރާ ބައިގެ ދަތުރެއް ކޮށްގެން އަތޮޅު ފެރީގައި އިފުރަށް ދިޔުމެވެ. މިއީ މިހާރު ވެސް ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެކެވެ.
ދުރު ރާސްތާ މުސްތަޤުބަލަކަށް ވިސްނާ އިރު އަލިފުށި އެއަރޕޯޓް ދިގު މުއްދަތަކަށް އޮޕަރޭޓްވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
އަލިފުށީ އެއަރޕޯޓް ސަރުކާރުގެ ސިޔާސަތާ ފުށޫއަރަނީ ކިއްވެ؟
އަތޮޅުތެރޭގައި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ ސިޔާސަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ފެށިގެން މިހާތަނަށް ވެސް ތަންފީޒުކުރެވެމުން އަންނަ ސިޔާސަތެކެވެ. އަދުގެ ސަރުކާރުން ވެސް ތާޢީދުކުރާ ސިޔާސަތެކެވެ.
މި އަހަރު ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރ އަތޮޅުގައި އިތުރު އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގެ ފޮނި އުއްމީދު އަތޮޅުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަލިފުށީގައި އެއަރޕޯޓެއް އަޅަން ނިންމުމަކީ، ރ އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓް އަޅާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމާ ޚިލާފުވާ ކަމެކެވެ. ދެކުނު ބިތުގައި އެއަރޕޯޓް އެޅުމުގެ ވަޢުދު ބަދަލުނު އެންމެ ފަހުން އެ ވައުދުފުޅު ވެސް އުތުރު ބިތުގެ އެންމެ އުތުރުގައިވާ އަލިފުށީގައި އެޅުމަަކީ ވަރަށް ވެސް ބޭއިންސާފެކެވެ.
އަތޮޅުތެރޭގައި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން މައިގަނޑު ގޮތެއްގައި ގެންގުޅުއްވާ އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެންމެ ގިނަވެގެން 20 މިނިޓު ތެރޭގައި ދަތުރުކުރެވޭ ދުރުމިނުގައި އެއަރޕޯޓެއް ޤާއިމްކުރުމެވެ. އަލިފުށިން ފުރައިގެން 20 މިނެޓުގެ ދަތުރަކުން އިފުރަށް ނުދެވޭ އިރު، އަލިފުށީގައި އެއަރޕޯޓެއް ޤާއިމްކުރުމަކީ ސަރުކާރުގެ މި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ވެސް ފުށޫއަރާ ކަމެކެވެ.
އަލިފުށި އެއަރޕޯޓަަަަކީ އުއްމީދީ މަޝްރޫޢެއް!
އަލިފުށްޓަށް މިފަދަ މަޝްރޫޢެއްގެ ކުލަވަރު ދެއްކުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމަކަށް ވީ ނަމަވެސް އިޤްތިޞާދީ ތަރާދުން ކިރާ، ދުރު މުސްތަޤުބަލުގައި ލިބެން އޮތް ގެއްލުމަށް ވިސްނާ އިރު އަލިފުށީގައި އެއަރޕޯޓް އަޅަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނުވެ.
އާބާދީގެ ނިޞްބަތުން ބަލާ އިރު، އަދި އިފުރު އެއަރޕޯޓުގެ އުންމީދީ މުސްތަޤުބަލަށް ވިސްނާ އިރު އަލިފުށީ އެއަރޕޯޓް މަޝްރޫޢު ކުރިއަށް ގެންދާންވީ ސަބަބެއް ހަމަ ނުވިސްނުނެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފުށޫއަރާ އަދި އެ މަޝްރޫޢުން ވަކި ރަށެއްގެ ރައްޔިތުންނަށް ނާފާވާހާ ހިނދަކު ސަރުކާރުން ވަކި ރަށެއްގެ ރައްޔިތުންގެ ޙައްޤުގައި މިފަދަ މަޝްރޫޢެއް ހިންގަންވީ ސަބަބެއް ކޮބާތޯއެވެ؟








Comments