ޖަރުމަނުގެ ފެންވަރު ޕޯޗުގަލްއަށް ދައްކާލައިފި
- މާހިރު މުޙައްމަދު
- Jun 19, 2021
- 1 min read
އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަތުން ފަހަތުން އަރައި 4-2 އިން މޮޅުވެ ޖަރުމަނުން އެޓީމުގެ ފެންވަރު މުޅި ދުނިޔެއަށް ދައްކާލައިފި އެވެ.
މިރޭގެ މެޗު ފެށިގެން ޖަރުމަނުން ވަރުގަދަ ކުޅުމެއް ވަނީ ދައްކާފަ އެވެ. އެގޮތުން މެޗުގެ 6 ވަނަ މިނެޓުގައި ރޮބިން ގޮސެން ވަނީ ޖަރުމަނަށް ލަނޑެއް ޖަހައި ދީފައެވެ. އެހެންނަމަވެސް ވީއޭއާރް ބެލުމަށް ފަހު ރެފްރީ ވަނީ އެލަނޑު އޮފްސައިޑް އަށް ނިންމާފައެވެ.
ޖަރުމަނުން ކޮންޓްރޯލް ނަގައިގެން މެޗު ކުޅެމުން ދިޔަ ނަމަވެސް މެޗުގެ 15 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ލަނޑުން ޕޯޗުގަލް ވަނީ ލީޑު ނަގާފައެވެ.
މެޗުގެ 34 ވަނަ މިނިޓްގައި ޖަރުމަނުން އެއްވަރުކުރީ ރޮބިން ގޮސެން ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕޯޗުގަލްގެ ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
އެލަނޑަށް ފަހުވެސް ޖަރުމަނުން ދިޔައީ ކައިރި ކައިރީ ހަމާލަތައް ފޮނުވާލަމުންނެވެ.. ނަތީޖާއެއްގެ ގޮތުން އޭރިއާ ތެރެއަށް ތޯމަސް މުލާ ފޮނުވާލި ބާރު ހަމަލާއެއްގައި ޕޯޗުގަލްގެ ޑިފެންޑަރު ގުރޭރޯގެ ފައިގައި ޖެހި ވަނީ ގޯލަށެވެ.
ދެވަނަ ހާފު ފެށިގެން ގިނަ އިރުތަކެއް ނުވެ ޖަރުމަނުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ގޮސެންސްގެ ހުރަހަކުން މި ލަނޑު ޖެހައިދިނީ އޭރިއާ ތެރޭގައި ހުސްކޮށް ހުރި ކައި ހަވާޓްޒް އެވެ. ޖަރުމަނުން އެޓީމުގެ 4 ވަނަ ލަނޑު ޖެހީ މެޗުގެ 59 ވަނަ މިނެޓުގައި ކިމިޗް ނަގައިދިން ރީތި ހުރަހަކުން ގޮސެންސްއެވެ.
އޭގެ ފަހުންވެސް ޖަރުމަނު ޓީމުގެ ފަރާތުުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް މެޗުގެ 66 ވަނަ މިނެޓުގައި ޖޮޓާ ވަނީ ލަނޑެއް ޖަހައިދީ ޕޯޗުގަލް އަށް އުއްމީދު އާ ކޮށްދީފައެވެ. އެހެން ނަމަވެސް މެޗު ނިމުނީ، 4-2 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.
މި ނަތީޖާއާއެކު ޖަރުމަނު އޮތީ ތާވަލުގެ ދެވަނައިގައި ތިން ޕޮއިންޓާއެކު އެވެ.











Comments