ހާސް ކަމެއް ނެތި އަހަރެމެން ވޯލްޑް ކަޕަށް ދާނެ- މަންޗީނީ
- ޙުސައިން އަޙުމަދު

- Nov 16, 2021
- 1 min read

މިިދިޔަ ޖޫން މަހުގައި ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި އިޓަލީ، ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެއެވެ.
ޔޫރަޕްގެ ޗެމްޕިއަން އިޓަލީއަށް ގަތަރު 2022 ގެ ޔަގީން ޖާގަ ގެއްލުނީ ރޭ އެޓީމުން މި ބުރުގައި ކުޅުނު ފަހު މެޗުގައި ނޮދާން އަޔާލޭންޑް ކައިރީ އެއްވަރުވުމުންނެވެ. ކޮލިފިކޭޝަން ގްރޫޕް ސީގައި އިޓަލީން ރޭ ކުޅުނު މެޗު 0-0 އިން އެއްވަރު ވެގެން ނިމުނު އިރު، އެ ގްރޫޕުގެ އެއްވަނަ ހޯދައި ވޯލްޑް ކަޕް ޔަގީންކުރީ ސްވިޒަލޭންޑެވެ.
ރޭގެ މެޗަށް ނުކުތް އިރު އިޓަލީއާ ސްވިޒަލޭންޑުވެސް ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައި އޮތް އިރު، ފައިދާ ގޯލުގެ ތަފާތުވެސް އޭރު އޮތީ ގާތް ގަނޑަކަށް ހަމަހަމަ ކޮށެވެ. އެހެންކަމުން ދެޓީމަށްވެސް އޮތީ ގިނަ ގޯލުތަކެއް ޖަހައިގެން މޮޅުވުމެވެ. އެ ވިސްނުމުގައި މެޗަށް ނުކުމެ ސްވިޒަލޭންޑުން ވަނީ ބަލްގޭރިއާ ކޮޅަށް ހަތަރު ގޯލު ޖަހައި، 4-0 އިން މޮޅުވެފައެވެ.
އެންމެފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވެފައި ނުވާ އިރު، ޕްލޭ އޮފްއާއެކު އެޓީމަށް އާވާނީ 2017 ވަނަ އަހަރުގެ ހިތްދަތި ހަނދާންތަކެވެ. ސްވިޑެންއާއެކު ޕްލޭ އޮފްގައި ވާދަކޮށް އިޓަލީއަށް ވޯލްޑް ކަޕް ގެއްލުމާއެކު އެޓީމަށް ވަނީ ބޮޑު ހިތްދަތިކަމެއް ކުރިމަތިވެފައެވެ. އެހެން ނަމަވެސް މިހާރުގެ ކޯޗު ރޮބާޓޯ މަންޗީނީ ހުރީ އުންމީދުގައެވެ.
"މާޗުގެ ޕްލޭ އޮފް ކުޅެ ވޯލްޑް ކަޕަށް އިޓަލީ ދާނެ. ގޮސް މުބާރާތް ނެގިވެސް ދާނެ. އަހަރެން މިހުރީ ފުރިހަމަ އިތުބާރާއެކު. ރަނގަޅަށް ކުޅެ ގޯލު ނުޖެހިގެން މިހާރު މިއުޅެނީ. އެހެންވީމަ އެ މައްސަލައަށް ހައްލެއް ހޯދަން މިހާރު މި ޖެހުނީ. ގްރޫޕުން އަވަހަށް ކޮލިފިކޭޝަން ޔަގީން ނުކުރެވި އޮތުމަކީ ލަދެއް،" މަންޗީނީ ބުންޏެވެ.
އިޓަލީން ޕްލޭ އޮފްގައި ވާދަކުރަން ޖެހޭ ޓީމުތައް އަދި ޔަގީނެއް ނުވެއެވެ. ޔޫރަޕްގެ ޕްލޭ އޮފް މިފަހަރު ކުޅޭނީ 12 ޓީމުގެ މެދުގައި ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ޕްލޭ އޮފްއިން ވޯލްޑް ކަޕަށް ދާނީ ތިން ޓީމެކެވެ.








Comments