އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް މީ އެފަހަރަށް ހަދައިފި
- މާހިރު މުޙައްމަދު
- Oct 16, 2021
- 1 min read

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފިއެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި އިންޑިއާއިން ނޭޕާލާއި ބައްދަލުކޮށް މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި ފަހަރުގެ މުބާރާތުގައި އިންޑިއާއިން ފައިނަލަށް ދިޔައީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މިއީ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިންޑިއާއިން ފައިނަލްގައި ކުޅުނު 12 ވަނަ ފަހަރެވެ. ހަމައެހެންމެ މިއީ ނޭޕާލުން ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މި މެޗުގައި އިންޑިއާއިން ޖެހި ފުރަތަމަ ލަނޑުޖެހީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. ޗެތުރީ މި ގޯލް ކާމިޔާބުކުރީ މެޗުގެ 49 ވަނަ މިނެޓުގައެވެ. އޭގެފަހުން ޖެހިގެންއައި މިނެޓުގައި އިންޑިއާއިން ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކުރިއެވެ. އެ ލަނޑު ޖަހައިދިނީ ސްރޭޝް ސިންގްއެވެ. އިންޑިއާގެ ތިންވަނަ ގޯލު ޖެހި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޝަހާލް ޢަބްދުއްސަމަދެވެ. ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިންޑިއާއިން 12 ފަހަރު ފައިނަލުގައި ކުޅެފައިވާއިރު، އޭގެތެރެއިން 08 ފަހަރު ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.








Comments