https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޒީރޯ ޓޮލެރެންސްގެ ދަށުން ވައްކަމުގެ އެންމެ ބޮޑު އަދަބަކީ އިސްތިއުފާ ދިނުން ތޯ؟

  • Writer: Goal mv
    Goal mv
  • Jun 5, 2021
  • 3 min read

ޒީރޯ ޓޮލެރެންސްގެ ދަށުން ވައްކަމުގެ އެންމެ ބޮޑު އަދަބަކީ އިސްތިއުފާ ދިނުން ކަމަށް ވާނަމަ، އެންމެން ވެގެން މިލިއަން މިލިއަނުން ވައްކަން ނުކުރަންވީ ސަބަބެއް ނެތެއް ނޫންތޯއެވެ. އަޅުގަނޑު މިހެން މި ދަންނަވަން ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ.



ADVERTISEMENT

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި މިހާތަނަށް ފަޅާށް އެރި އެންމެ ބޮޑު ކަރަޕްޝަންގެ މައްސަލައަކީ ހެލްތު މިނިސްޓްރީން 75 ވެންޓިލޭޓަރު ހޯދުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަރަޕްޝަނުގެ މައްސަލައެވެ.


މި މައްސަލައަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވީޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ހެލްތު މިނިސްޓްރީގެ ބޭނުމަކަށް ހޯދަން މަސައްކަތް ކުރި 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި ހަވާލު ކޮށްފައި ވަނީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންގެ ނުފޫޒުން ކަމަށް އޭސީސީން ތުހުމަތުކުރި މައްސަލައެކެވެ.


އޭސީސީގެ ތަހުޤީޤުގައި އަމީންގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުނި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75% އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައި ވަނީ އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް އޭސީސީގެ ތަހުޤީޤުގައި ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓީއަށް އަމީން އޮޅުވާލެއްވި ކަމަށް ވެސް އޭސީސީން ތުހުމަތުކުރެއެވެ.


މި މައްސަލަ އާއި ގުޅިގެން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖްލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީއަށް މިނިސްޓަރ އަމީން އާއި ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓި ހާޒިރުކޮށް ސުވާލު ކުރެވުނެވެ.


އެބައްދަލުވުމުގައި މަޖްލިހަށް މިނިސްޓަރ އަމީން ދޮގު ހެއްދެވިކަމަށް ބުނެ ބައެއް މެމްބަރުން ވާހަކަ ދެއްކެވި އިރު ވެސް އެންމެ ފަހު ވަގުތާއި ޖެހެންދެން ރައީސް ޞާލިހުގެ ޒީރޯ ޓޮލެރެންސްގެ ދަށުން އަމީން މިނިސްޓަރ މަޤާމުގައި ރައްޔިތުންގެ ފައިސާއިން މުސާރަ ދިފައި ބެހެއްޓެވިއެވެ.


އޭރު ވެސް ސަރުކާރަށް ވަގަށް ގޮވައި، ”ވަގު ވެންޓިލޭޓަރު ސަރުކާރުގެ“ ޓެގް އަޅުވައިގެން އިދިކޮޅު ފަރާތްތަކުން މުޅި ސޯޝަލް މީޑިއާ ފަތަހަ ކުރާއިރު ވެސް މަޖްލިސް މެންބަރުން ހަނު ތިބީއެވެ.


ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްޙޫރީ ޕާޓީގެ ސްލޮޓުގައި ހެލްތު މިނިސްޓަރ ކަމުގެ މަޤާމްގައި އަމީން ހުރުމުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަޖްލިހުން ބޭރު ކުރަން އިއްޒަތްތެރި މެންބަރުންނަށް ކެރިވަޑައި ނުގެންނެވި ކަމަށް ވުން ގާތެވެ.


އަމީންގެ މައްޗަށް ކަރަޕްޝަންގެ ތުހުމަތު ކުރެވުމާއި އެކު އެމަނިކުފާން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި އަމިއްލައަށް މަސައްކަތުން އެކަހެރިއެވެ. ނަމަވެސް ވަޒީރުގެ މުސާރަ ބަރާބަރަށް ނަންގަވަމުންނެވެ.


ދެން ފެނިގެން ދިޔައީ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސް ބައެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލަ އަނބުރާ ފޮނުވާލި އަޑުތަކެވެ.


ޕީޖީ އޮފީހުން އެ މައްސަލައިގައި ނިއްމީ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށެވެ. އެކަމުގެ ތަފްޞީލެއްގެ ގޮތުގައި ޕީޖީ އޮފީހުން ހަމަކުރީ ކޯޓުގައި މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ނެތުން ކަމަށެވެ. މިހާ ހިސާބުން މުޅި މިސްމީޑިޔާގައި މައްސަލަ ކައްކާލިއެވެ.


ނަތީޖާއަކަށް ވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖްލިހަށް މެންބަރުން އެ މައްސަލަ ވެއްދުމަށް ސޮއި ހޯދުމުގެ މަސައްކަތް ފަޔަށް ބާރުލާފައި ފެށުމެވެ. ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަގައި ސޮއި ދެއްވީ އެންމެ 24 މެންބަރުންކަން ފާހަގަކުރަމެވެ.


މައްސަލަ ހުނުވެ އެންމެ ފަހުން ރޭގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނު މަޤާމުން އިސްތިއުފާ ދެއްވިއެވެ.


ވެންޓިލޭޓަރުގެ ބޮޑު ކަރަޕްޝަނާއި އެކު ރޭ ހެލްތު މިނިސްޓަރުކަމުގެ މަޤާމުން ޢަބްދުﷲ އަމީން އިސްތިއުފާ ދެއްވާފައިވާ އިރު އޭނާގެ މައްޗަށް ކަރަޕްޝަންގެ ބޮޑު ތުހުމަތުތަކެއް އެންޓި ކަރަޕްޝަން ކަމިޝަނުން ވަނީ ކޮށްފައެވެ.


އަމީންގެ މާޒީއަށް ބަލާއިރު މީގެ ކުރިން ވެސް އަމީނުގެ މައްޗަށް ކަރަޕްޝަންގެ ތުހުމަތު ކުރެވި މައްސަލަ އޭސީސީން ބަލައި ތަހްޤީޤު ކުރުމަށް 2015 ވަނަ އަހަރު ޕީޖީއަށް ފޮނުވާފައިވެއެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އަމީން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެމަޤާމުގައި ހުންނަވައި، ތިމަރަފުށި އެއާޕޯޓުގެ މަސައްކަތް ކުރަމުން އައި ކުންފުންޏަށް މަސައްކަތް ނުނިމުމާއި ގުޅިގެން ކުރެވުނު ޖުރިމަނާ ކޮށްފައި ވަނީ މަޤާމުގެ ނުފޫޒުން ކަމަށް އޭރު ތުހުމަތު ކުރެވި އެ މައްސަލަ އޭސީސީން ތަހުޤީޤޫކޮށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވިއެވެ. ނަމަވެސް އެފަހަރު ވެސް އަމީންގެ މައްޗަށް ދައުވާކޮށް ފައިނުވެއެވެ.


އެ މައްސަލް ފެންމަތިވުމާއި ގުޅިގެން އަމީން ރާއްޖެ ދޫކޮށް އަވައްޓެރި ލަންކާއަށް ބަދަލުވެ، މަޤާމުން އިސްތިއުފާ ދެއްވިއެވެ. އަމީން އޭރު މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް ސިޓީގައި ހިމަނާފައިނުވާކަން ފާހަގަ ކުރަމެވެ.


ރައީސް ޔާމީންގެ ވެރިކަމުގައި ކަރަޕްޝަންގެ ތުހުމަތު ކުރެވުނު އަމީނަށް އޭގެ 5 އަހަރު ފަހުން އިތުރު ކޮރަޕްޝަންގެ ދައުވާތަކެއް އުފުލިފައިވާ އިރު އޭސީސީން ވަނީ އަމީންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.


އެގޮތުން މިނިސްޓަރު އަމީންގެ މައްޗަށް 4 ދައުވާއެއް އުފުލައިދިނުމަށް އޭސީސީން އެދުނެވެ. އެ ދައުވާ އުފުލައިދޭން އެދުނީ ޤާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ)ގެ (2) އާއި 512 ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ.


ޒީރޯ ޓޮލެރެންސްގެ ދަށުން އައި ޞާލިހްގެ ސަރުކާރުން ވައްކަމުގެ އެންމެ ބޮޑު އަދަބަކަށް އިސްތިއުފާ ދިނުންން ދޭނަމަ ރައްޔިތުން ފައިސާއިން ގެއްލިގެން ދިޔަ ފައިސާ އަނބުރާ ރައްޔިތުންނަށް ހޯދައި ދޭނީ ކާކުތޯއެވެ.


އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމަކީ އަދުގެ ވެރިންގެ ޒިންމާއެކެވެ. މި ފަދަ ވައްކަމާއި ކަރަޕްޝަނުގެ މައްސަލަތަށް ތަހްޤީޤުކުރުމާއެކު އެފަދަ މައްސަލަ ތަކުގައި ޝާމިލްވާ ފަރާތްތަކަށް ޤާނޫނޫގައިވާ އެންމެ ހަރުކަށި އަދަބު ވިނުމުގެ ކުޅަދަނަކަމާއި ހިތްވަރު މާތްﷲ މި ޤައުމުގެ ވެރިންނަށް ދެއްވާށި.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page