ސީނިއާ ގައުމީ ޓީމަށް ކުޅުނު ފުވައްމުލަކު ފުރަތަމަ ކުޅުންތެރިޔާ
- Goal mv
- Jun 5, 2021
- 1 min read

ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރޭ ރާއްޖެއާއި ސީރިއާ ބައްދަލުކުރި މެޗުގެ ނަތީޖާއަށް ބަލާއިރު ދިވެހި ސަޕޯޓަރުން މާޔޫސްވާނެކަން ޔަގީނެވެ. ނަމަވެސް ޓީމުން މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ އިދިކޮޅު ޓީމަށް ނުރައްކާކުރިތަން ފެނުމާއެކު ގިނަ ދިވެހިންގެ އުއްމީދުތައް އާވިއެވެ.
މި މެޗާއެކު އެންމެ ބޮޑު އުފަލެއް ލިބުނީ ފުވައްމުލަކު ސިޓީއަށެވެ. ނިސްބަތުން ފުޓުބޯޅަ ކުޅުންތެރިން ގިނަ މި ސިޓީގައި މިވީހާތަނަށް ސީނިއާ ގައުމީ ޓީމަށް އެއްްވެސް ކުޅުންތެރިއަކު ކުޅެފައެއްނުވެ އެވެ.
ނަމަވެސް ރޭ ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އުމުރުން 22 އަހަރުގެ އަލީ ޝަމާލް ކުޅެން އެރުމާއެކު އޭނާ ވަނީ ފުވައްމުލަކުގެ ތާރީހުގެ ތެރެއިން ޖާގަ ހޯދާފައެވެ.
ކުލަބް އީގަލްސްގެ ޖޫނިއާ އަދި ސީނިއާ ޓީމަށްވެސް ކުޅުނު ޝަމާލް އެންމެ ބޮޑަށް ވިދާލީ ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލްޢަނީ (ސާންތި) ގެ ކޯޗުކަމުގެ ދަށުން ލީގުގައި ކުޅުނު ޔުނައިޓެޑް ވިކްޓްރީއެވެ. ޝަމާލް މޮޅު ކުޅުން ގައުމީ ޓީމަށް ފާހަގަވީ ސާންތިގެ ކޯޗުކަމުގެ ދަށުން ކުޅުނުއިރު އެވެ. މި މެޗަށްފަހު ކޯޗު ސާންތި ވަނީ ޝަމާލް އަށް މަރުހަބާކިޔާ މީސްމީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. މި ޕޯސްޓުގެ ރިޕްލައި އަކަށް ޝަމާލް ވަނީ ކޯޗު ސާންތި އަށް ޝުކުރުއަދާކޮށްފައެވެ.
"ޝުކުރިއްޔާ ކޯޗު، އަހަންނަކަށް ނޭނގެ ބަޔާންކޮށްދޭކަށް/ ބުނާކަށް އަހަންނަށް ތި ކޮށްދިން ކަންތަކަށް ޝުކުރުއަދާކުރާނެ ގޮތެއް، ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ކޯޗު ސާންތި އަށް ޝުކުރުއަދާކުރަމުން ޝަމާލް ބުންޏެވެ.
މީގެއިތުރުން ގިނަ އަދަދެއްގެ ފުވައްމުލަކު ރައްޔިތުންވެސް ވަނީ މީސްމީޑިއާގައި ޝަމާލް އަށް މަރުހަބާކިޔާފައެވެ. އަދި މިއީ ފުވައްމުލަކަށް ލިބުނު ބޮޑު އުފަލެއްގެ ގޮތުގައި ވެސް އެ ރައްޔިތުން ފާހަގަކުރެއެވެ.
ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް މި ސީޒަނުގައި ކުޅެމުން އަންނަ ޝަންމު އެންމެ ފުރަތަމަ ފެނުނީ ކްލަބް އީގަލްސް އިން 2016 ވަނަ އަހަރު އެވެ. ޒުވާން އުމުރުގައި ކްލަބް އީގަލްސްއާ ގުޅި އެ ޓީމާ އެކު ޔޫތު ފުޓްބޯޅަ މުބާރާތްތައް ކުޅުނު ޝަންމު ވަނީ އީގަލްސްގެ ސީނިއާ ޓީމަށް ވެސް މެޗުތަކެއް ކުޅެދީފަ އެވެ.
ރަށު ލެވެލްގައި ވެސް ޝަމާލް ވަނީ ގިނަ މުބާރާާތްތަކެއް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ރާއްޖޭގެ 19 އަހަރުންދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް އޭނާ މީގެކުރިން ކުރިއެވެ. އަދި ފަހުން ގައުމީ 23 އަހަރުންދަށުގެ ސްކޮޑުގައި ހިމެނި ސައުތު އޭޝިިއަން ގޭމްސްގަައި ވެސް އޭނާ ކުޅުނެވެ.
ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމުގައި ވެސް ފުވައްމުލަކުގެ ކުޅުންތެރިއެއް ހިމެނެއެވެ. އެއީ ޓީސީގައި ހިމެނޭ ސާދު ނިޒާރެވެ. އޭނާ ވަނީ އެންމެފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ކުޅެފައެވެ.








Comments