ފިލްމު ލަގާން އަށް އޮސްކާ ލިބޭނެކަމަށް އާމިރު ހާން ވަރަށް ބޮޑަށް އުއްމީދުކުރި
- Goal mv
- Jun 17, 2021
- 1 min read

ފިލްމު ލަގާން އަށް އޮސްކާ ލިބޭނެ ކަމަށް ވަރަށް އުއްމީދު ކުރި ކަމަށާއި އަދި އެވޯޑު ނުލިބުމުން މާޔޫސްވި ކަމަށް އާމިރު ހާން ބުނެފިއެވެ.
އާމިރު ހާން މިހެން ބުނެފައިވަނީ ''ލަގާން'' ރިލީސްކުރިތާ 20 އަހަރު ފުރުން ފާހަގަކޮށް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައެވެ.

އަޝުތޯޝް ގޮވަރިކަރު ލިޔެ އަދި ޑައިރެކްޓުކޮށް 2001 ވަނަ އަހަރު ނެރުނު އާމިރުހާންގެ ލަގާން އަކީ 2002ވަނަ އަހަރުގެ ބެސްޓް ފޮރީން ލެންގުއޭޖް ފިލްމު ކެޓަގަރީން އެ އަހަރުގެ އޮސްކާ އެވޯޑަށް ވާދަކުރި ފިލްމެކެވެ. މިފިލްމަށް 20 އަހަރު ފުރުން ފާހަގަކޮށް ފިލްމުގެ ޕްރޮޑިއުސަރު އަދި އެފިލްމުގައި މޮޅު ރޯލެއް ކުޅެދީފައިވާ އާމިރު ހާން މިވަނީ ފިލްމުގެ ކާމިޔާބީއާ ގުޅޭގޮ ތުން ވާހަކަ ދައްކާފައެވެ.
ފާއިތުވި 20 އަހަރު ދުވަހު ލަގާން މީހުންނަށް މަގުބޫލު ފިލުމެއްގެ ގޮތުގައި އޮތުމުން އުފާ ކުރާ ކަމުގައި އާމިރު ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި 1960 ގައި ނުކުތް މުގަލް-އޭ އާޒަމް، 1957ގެ މަދަ އިންޑިއާ، 1961 ގެ ގަންގާ ޖަމުނާ އަދި 1975ގެ ޝޯލޭ ފަދަ ފިލްމުތަކަކީ އަދިވެސް އަޑު ކަނޑައިގެން ނުދާ ފިލްމުތައް ކަމަށާއި، އެހާ ދުވަސްވަންދެން ލަގާން ފަނޑު ނުވެ އޮންނާނެ ކަމާ މެދު އޭނާއަށް އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
މީގެ އިތުރުން އާމިރު ބުނީ ފިލްމު އެކެޑެމީ އަށް ނޮމިނޭޓް ވެ އެވޯޑު ނުލިބުމުން ވަރަށް މާޔޫސްވި ކަމަށާއި ނަމަވެސް އެ ކެޓެގަރީން އެންމެ މޮޅު ފަސް ފިލްމުގެ ތެރޭގައި ނޮމިނޭޓް ވުމަކީވެސް ވަރަށް ބޮޑު ކާމިޔާބެއް ކަމާއި އޭނާއަށް ލިބުނު އެންމެ ބޮޑު އެވޯޑަކީ އެފިލްމު ބަލާ އެންމެންނަށް ފިލްމު ކަމުދިޔުންކަމުގައި ވެސް އާމިރު ވަނީ ފާހަގަކޮށްފައެވެ.
ލަގާންގެ ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް ހަރަކާތްތެރި ވި އާމިރު ބުނީ އޭނާއަށް މިފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރި ވެ ގިނަ ކަންކަން ދަސްވެގެން ދިޔަ ކަމަށާއި ފިލްމެއް އުފެއްދުމަށް ކޮންމެ ދުވަހަކު އެތައް ހާސް ނިންމުންތަކެއް ނިންމައި އެތައް މައްސަލަތަކާ ކުރިމަތިލައި ހައްލުކުރަން ޖެހޭ ކަމަށް ބުނެ އާމިރު ވަނީ އެފިލްމާ ގުޅޭ ގިނަ ވާހަކަތަކެއް މީޑިއާގައި ދައްކާފައެވެ.








Comments