https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މަސްވެރިން ވެސް ޕްލާސްޓިކަށް ނޫނެކޭ ބުނަން ވެއްޖެ

  • މާހިރު މުޙައްމަދު
  • Jun 9, 2021
  • 2 min read


އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައި ވަރަށް ބޮޑަށް އިސްކަމެއް ދީގެން ޤައުމު ބިނާކުރަމުން އަންނަ ރާއްޖެއެކެވެ. އަދި ދިވެހީންނަކީ ޒަމާނުންސުރެ ސާފުތާހިރު ކަމަށް ވަރަށްބޮޑަށް ލޯބިކޮށް އުޅުނު ބަޔެކެވެ. އެހެން ވުމުން ޤައުމާ، ތިމާމެން ދިރިއުޅޭ ގޯތި ގެދޮރާއި، ކަނޑުފަޅަށް ދާންދެން އަޅުގަނޑުމެން އައީ ސާފުތާހިރު ކުރަމުންނެވެ. ނަމަވެސް އެއީ މީގެ އަހަރުތަކެއް ކުރިންނެވެ.


ގޮނޑުދޮށްތަކުންނާއި، މޫދުން މިހާރު އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތަކަކީ ކުނިބުނި ގިނަވެފައިވާ މަންޒަތުތަކެވެ. ޚާއްޞަކޮށް ޕްލާސްޓިކް ކުނިބުންޏެވެ. މީގެ ތެރޭގައި ފެންބޮއިފައި އެއްލާލެވޭ ހުސްފުޅިޔާއި ޕްލާސްޓިކް ކޮތަޅު ޚާއްޞަކޮށް ފާހަގަ ކޮށްލެވެއެވެ. މިއީ އަޅުގަނޑުމެން އެހާބަލާހިތްވާ މަންޒަރެއް ކަމުގައި ނުވިޔަސް މިއީ ޙަޤީޤަތްކަން އަޅުގަނޑުމެން އެންމެން ޤަބޫލު ކުރަން ޖެހެއެވެ.

ޚާއްޞަކޮށް ގޮނޑުދޮށްތަކަށް ލައްވާ ޕްލާސްޓިކް ކުނި ގިނަވެގެން ދަނީ ދަތުރުފަތުރުކުރާ ފަރާތްތަކުން ވެސް މ ކަމަށް ސަމާލުކަމެއް ނުދީ ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ބާވަތްތައް އިތުރުވެގެން ދާތީ ކަމުގައި ފާހަގަކޮށްލަން ޖެހެއެވެ.


ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކާއި ފަރުތަކަކީ، އަޅުގަނޑުމެންގެ އިޤްތިޞާދާ ނުހަނު ބޮޑަށް ގުޅިފައިވާ ޤުދުރަތީ ވަސީލަތްތަކެކެވެ. ނިސްބަތުން އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް ނަމަ ވެސް، ދުނިޔޭގެ ފަރުތަކުގެ 3 ޕަސެންޓް އޮތީ ރާއްޖޭގެ 4500 އަކަ ކިލޯމީޓަރު ސަރަހައްދު ތެރޭގައެވެ. އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މުހިއްމު 2 ޞިނާޢަތް ކަމަށްވާ ޓޫރިޒަމާއި މަސްވެރިކަން ވެސް ބަރޯސާވެފައި ވަނީ މި ދެންނެވި ޤުދުރަތީ ވަސީލަތްތަކުގެ ތެރޭގައެވެ.





މަސްވެރިކަމަކީ އަޅުގަނޑުމެން ޤައުމުގެ ލޭނާރު ކަމުގައި ވާ އިރު ފަތިހާ މަސްވެރި ކަމަށް ފުރާ އުޅަނދުތަކުން ގެންދާ ޕްލާސްޓިކްގެ އެކިއެކި ބާވަތްތައް ބޭނުންކުރުމަށް ފަހު ކަނޑަށް އުކާލުމަކީ އަޅުގަނޑުމެންގެ މިސާފުކަނޑުތައް ވަރަށްބޮޑަށް ތަޣައްޔަރުވެގެން ދާނެ ކަމަކަށް ވާތީ މި ކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.


ހީލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން އެކިއެކި މުނާސަބަތުތަކާ ގުޅިގެން ސާފު ކުރުމުގެ އެކި ޙަރަކާތްތައް ކުރިއަށް ގެންގޮސް ރަށުތެރެއާއި، ގޮނޑުތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާތަން ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެނިގެން ދެއެވެ. ނަމަވެސް ކަނޑަށްއެޅޭ މިފަދަ ކުނިބުނި އެޅުން ހުއްޓާލައިގެން މެނުވީ އަޅުގަނޑުމެންގެ ގޮނޑުދޮށް ދާއިމީ ގޮތެއްގައި ސާފުކޮށް ނޯންނާނެކަމީ އަޅުގަނޑުމެން އެންމެ ވެސް ޤަބޫލު ކުރަންވާނެ ހަޤީޤަތެވެ. ޚާއްޞަކޮށް ބަނދަރުތަކުގައި އަޅަފައި އޮންނަ އޮޑިދޯނި ފަހަރުން މި ކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ތޮށިގަނޑު މައްޗަށް އަރާލިއަސް މޫދުގެ އެކި ދިމާއިން އަޅުގަނޑުމެންނަށް މިފެންނަނީ ޕްލާސްޓިކްގެ ފާޑުފާޑުގެ ކުނިބުންޏެވެ.


އެއް ފަހަރު ބޭނުންކޮށްފައިވާ އެއްލާލާ ޕްލާސްޓިކް ކޮތަޅު ފަނާނުވެ 10 އަހަރާއި 15 އަހަރުގެ ދުވަހުގެ މުއްދަތެއް ނަގައެވެ. ރައްކާތެރި ގޮތުގައި ނައްތާނުލެވި ޕްލާސްޓިކްގެ މި ފަދަ ނުރައްކާތެރި ކުނިބުނި ކަނޑަށް އެޅުމުން ގުދުރަތީ ގޮތުން ވެއްޓަށް އަންނަ ފިނިހޫނުމިނުގެ ބަދަލުތަކާއި، ރާޅުބާނިތަކުގެ ސަބަބުން މިތަކެތި ކުދިކުދި ޕްލާސްޓިކް އެތިކޮޅުތަކަށް ބަދަލުވެގެން ގޮސް ކަނޑުގެ ދިރުންތަކަށާއި އަދި އިންސާނުންނަށް ވެސް އެކަމުގެ ސަބަބުން އެތައް ގެއްލުންތަކެއް ލިބެމުންދެއެވެ.

އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖެ ސާފުކޮށް ބޭއްވޭނީ ކަނޑުފަޅާއި ގޮނޑުދޮށްތައް ސާފުކޮށްގެން ކަމުގައި ވާ އިރު މިކަމުގައި އެންމެންގެ ޒިންމާ ވެސް އިންތީހާއަށް ބޮޑެވެ. ޚާއްޞަކޮށް މަސްވެރިކަން ކުރާ ފަރާތްތަކުގެ ވަރަށްބޮޑު ޒިންމާއެއްވެއެވެ. މަސްވެރިން މަހަށް ފުރާ ކޮންމެ ދަތުރަކަށް 7 ކޭހާއި 15 ކޭހާ ދޭތެރޭގެ އަދަދަކަށް ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ކޭސް އަރުވައެވެ. މީގެ އިތުރުން ކާތަކެތި މަސްވެރި ދޯނި ފަހަރަށް އަރުވާ އިރު، އެ ހުރިހާ ސާމަނަކީ ވެސް ޕްލާސްޓިކެވެ.


މަސްވެރި އެކި ދޯނި ފަހަރަށް އެކިއެކި ތަކެތި އަޅައިގެން ގެންދާ ޕްލާސްޓިކް ތަކެއްޗާއި، ބޭނުންކުރާ ފެންފުޅި ފަދަތަކެތި ކަނޑަށް އުކާނުލައި އެތަކެތި އަނބުރާ ރަށަށް ގެނެސް ރަނގަޅު ގޮތުގައި ނައްތާލުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. މިފަދަ އިން ކަންތައް ކުރެވިއްޖެ ނަމަ އަޅުގަނޑުމެން ގެ ކުޑަކުޑަ ރާއްޖޭގެ ކަނޑުފަޅުތަކާއި، ގޮނޑުދޮށްތަކަކީ ވަރަށް ރީތި އަދި އެހާމެ ސާފުތަންތަން ކަމުގައި މުޅި އުމުރަށް ދެމިއޮންނާނެ ކަން ޔަޤީނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page