https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަަޅައިފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 24, 2021
  • 1 min read


މިސްކިތްތަކުގައި ހުރުމަތް ކެނޑޭ ފަދަ ކަންތައްތައް ކުރުން އާއްމުވެފައިވާ ކަމަށް ބުނެ މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ގޮވާލައި، މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު އާދަމް ޝަރީފު މިއަދު މަޖިލީހަށް މައްސަަލައެއް ހުށަހަޅުއްވައިފިއެވެ.


އާދަމް ޝަރީފު ވިދާޅުވި ގޮތުގައި އޭނާ މައްސަލައެއް ހުށަހެޅުއްވީ ކޮވިޑް-19 ގެ ސަބަބުން މާލޭގެ މިސްކިތްތައް ބަންދުކޮށްފައި ވަނިކޮށް މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ ވިޔާނުދާ އަމަލުތައް ހިންގަމުން ދާތީ އެވެ. އެގޮތުން މިސްކިތްތަކުގައި، މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތީގެ ވިޔަފާރިކުރުން ފަދަ ކުށްތައް ކުރަމުންދާ ކަަމަށް އޭނާ ވިދާޅުވި އެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން މިސްކިތްތަކުގައި ނިދާ ކައިބޮއެ އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


އެފަދަ ކަންތައްތަކަކީ އިސްލާމީ މުޖުތަމައެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫން ކަމަށާއި އެއީ އިސްލާމީ އުސޫލުތައް ނެތިކޮށްލާ ފަދަ އަމަލުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


މައްސަލައިގައި އޭނާ ގޮވައިލެއްވީ މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މިސްކިތްތަކުގައި ހިންގާ ހަޑިމުޑުދާރު އަމަލުތައް ހުއްޓުވުމަށެވެ.


"މާލޭގައި މިއަަހަރު ވެސް ގާތްގަނޑަކަށް ހަތް މިސްކިތެއްގައި، މަސްތުވާތަކެތީގެ މުއާމަލާތް ކުރާ ކަމަށް ހަބަރުތައް ފެތުރިފައި އެބަހުރި. މިބާވަތުގެ ނުރައްކާތެރި، އަަޅުގަނޑުމެން އުއްމީދުނުކުރާ ކަހަލަ ކަންތައްތަކެއް މިސްކިތްތަކުގައި ހިނގަމުން ދާއިރު އަޅުގަނޑު ހިތުން އެތަންތަނުގެ ސަލާމަތާ ރައްކާތެރިކަން، އަދި އެތަންތަން ހިމާޔަތްކުރުމަށްޓަކައި، އެތަންތަނުގައި އެބާވަތުގެ އަމަލުތައް ނުހިންގޭނެ ގޮތަކަށް ކަންތައްތައް ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލަައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 ގެ ތެރެއިން 31 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ. އެ މައްސަަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އިރު ވަކިގޮތަކަށް ވޯޓު ނުދެއްވައި ވެސް ދެ މެމްބަރަކު ތިއްބެވިއެވެ.


ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރި ފަަހުން މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަންތަން މުޑުދާރު ކުރުމުގެ ގިނަ މައްސަލަތަތަކެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ކުރިން ބުންޏެވެ. އެފަދަ ކުށްތައް ކުރި 15 މީހަކު ހައްޔަރުކޮށްފައިވާ ކަަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page