ދީނީ ކަންކަމަށް ސަރުކާރުންދޭ ސަމާލުކަން އިންތިހާއަށް ކުޑަ- މިނިސްޓަރ ޑރ.ޒާހިރު
- މާހިރު މުޙައްމަދު
- Nov 18, 2021
- 1 min read

ދީނީ ކަންތައްތަކަށް ސަރުކާރުންދޭ އަހައްމިއްޔަތުކަން ކުޑަކަން ފާހަގަކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ޝަކުވާ ކުރައްވައިފިއެވެ.
ޑރ.ޒާހިރު މި ޝަކުވާ ކުރެއްވީ މި މަހުގެ 2 ވަނަ ދުވަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި ވިދާޅުވެފައިވަނީ، ޕީއެސްއައިޕީ މަޝްރޫޢުގެ ދަށުން 2022 ވަނަ އަހަރު މި މިނިސްޓްރީން އަލަށް ފެށުމަށް ހަމަޖެހިފައިވާ 11 މަޝްރޫޢުއެއް ނިއުޕޮލިސީ ބަޖެޓްގައި ހިމަނައި އިސްލާމިކް މިނިސްޓްރީން، މިނިސްޓްރީ އޮފް ފިނޭންސަށް ވާނީ ފޮނުވާފައި ކަމަށެވެ. ނަމަވެސް މިނިސްޓްރީ އޮފް ފިނޭންސުން 2022 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުން މަޖިލީހަށް ފޮނުވިއިރު، މި މިނިސްޓްރީން ނިއުޕޮލިސީ ބަޖެޓްގައި ހިމަނާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ އެންމެ މަޝްރޫޢުއެއް ކަމަށެވެ. އަދި 2020 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން އުނިކޮށްފައިވާތީ އެ މަޝްރޫޢުތައް ފެށިފައިނުވާކަން ވެސް ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. ހަމައެއާއެކު 2021 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށް ޓެންޑަރިންގ މަރުހަލާ ނިމިފައިވަނީ އެންމެ މަޝްރޫޢުއެއް ކަމަށެވެ. ”މިސްކިތް ޢިމާރާތް ކުރުމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ނުފެށި ލަސްވަމުން ދިއުމުގެ ސަބަބުން މިސްކިތްތައް ޢިމާރާތް ކުރުމާއި ދީނީ ކަންތައްތަކަށް ސަރުކާރުންދޭ އަހައްމިއްޔަތުކަން ކުޑަ ކަމަށާއި، އެހެން ދާއިރާތަކަށް ކުރާ ޚަރަދަށްވުރެ ދީނީ ދާއިރާއަށް ކުރާ ޚަރަދު ކުޑަކަން ފާހަގަކޮށް ކައުންސިލުތަކުންނާއި، ޢާންމު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.“ ސިޓީގައިވެއެވެ. ޑރ.ޒާހިރު ވަނީ ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް 2022 ވަނަ އަހަރުގެ ނިއުޕޮލިސީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތައް އެއްވެސް މަޝްރޫޢުއެއް އުނިނުކޮށް ބަޖެޓުގައި ހިމަނައިދިނުމަށް ވެސް އެދިވަޑައިގަންނަވައިފައެވެ.








Comments