https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އީރާންގެ ރައީސް ކަމަށް ރައިސީ އިންތިހާބުވެއްޖެ

  • Writer: Goal mv
    Goal mv
  • Jun 20, 2021
  • 1 min read


އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ގާތް އެކުވެރިއެއް ކަމަށްވާ، އިބްރާހިމް ރައީސީ އީރާންގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފިއެވެ.


އީރާންގެ އިންޓީރިއާ މިނިސްޓްރީން މިއަދު އިއުލާން ކުރި ނަތީޖާތައް ދައްކާ ގޮތުން ވޯޓްލާން ނިކުތް މީހުންގެ %61.95 ވަނީ ރައީސީއަށް ލިބިފައެވެ. ނަމަވެސް މިއީ 1979 ވަނަ އަހަރު އީރާންގައި ރިޔާސީ އިންތިހާބު ބާއްވަން ފެށިފަހުން އެންމެ މަދުއަދަދެއްގެ މީހުން ވޯޓް ލާން ނިކުތް އިންތިހާބެވެ. ވޯޓް ލާން ނިކުތީ ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އެންމެ %48.8 އެވެ.

އިންތިހާބުގައި ވޯޓް ލާން ނިކުތް މީހުންގެ އަދަދު އިންތިހާއަށް މަދުވީ އިންތިހާބަށް ކުރިމަތިލީ އިދިކޮޅު ކެންޑިޑޭޓުންގެ ނަން ބާތިލްކޮށް، އެބޭފުޅުންނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދިނުމުންނެވެ. 300 އަށް ވުރެ ގިނަ ކެންޑިޑޭޓުން އިންތިހާބަށް ކުރިމަތިލީ ނަމަވެސް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ އެންމެ ހަތް ކެންޑިޑޭޓުންނަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ރައިސީ އަކީ އީރާންގެ ޝަރުއީ ދާއިރާގެ އެންމެ އިސްވެރިޔާ އެވެ. އޭނާ އަކީ ރޫހާނީ ލީޑަރު ހާމަނާއީގެ ވަރަށް ގާތް އެކުވެރިއެއް ކަމަށް ވެއެވެ. ރައީސީ ވަނީ 2017 ވަނަ އަހަރު އީރާންގައި އޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެފަހަރު މިހާރުގެ ރައީސް ރޫހާނީގެ މައްޗަށް ކުރިއަށް ނުހޯއްދެވުނެވެ.

ރައިސީގެ އެންމެ ބޮޑު ރިޔާސީ ވައުދަކީ އެމެރިކާ އިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިނދަޖެހިފައި އޮތް އިޤުތިޞާދު އަލުން ކޮޅަށް ޖެހުމެވެ. ގައުމުގެ އިންފްރާސްޓަކްޗަރތައް މަރާމާތު ކުރުމާއި، އިތުރު އިމާރާތްތައް ބިނާކޮށް ތަރައްގީގެ ދުވެލި ހަލުވިކުރައްވާނެ ކަމަށް ރައިސީ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައިސީގެ މައްޗަށް އޮތް ހާމަނާއީގެ ނުފޫޒަށާއި، އެމެރިކާގެ ސިޔާސަތުތަކުގެ ސަބަބުން އީރާންގެ އިގުތިޞާދު ރަނގަޅު ކުރުމަށް ރައިސީއަށް ވެސް އެކަށީގެންވާ މަސައްކަތެއް ކުރެވިދާނެ ކަމަކަށް ތަޖުރިބާކާރުން ނުދެކެއެވެ.

ރައިސީ އަކީ 2019 ވަނަ އަހަރު އެމެރިކާ އިން ބްލެކްލިސްޓްކޮށް، ވަކިން ހާއްސަކޮށް އޭނާ އަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބޭފުޅެކެވެ. އެހެންކަމުން އެއީ އެމެރިކާ އާއިއެކު މަޝްވަރާގެ މޭޒަށް ދިއުމަށް ވެސް ރައިސީއަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page