އުދުހޭ ކާރު ދުއްވުމުގެ ހުއްދަ ޖަޕާނުގެ ކުންފުންޏަކަށް
- މާހިރު މުޙައްމަދު
- Nov 16, 2021
- 1 min read

ފުރަތަމަ ފަހަރަށް އުދުހޭ ކާރު ދުއްވުމުގެ ހުއްދަ ޖަޕާނުގެ ކުންފުންޏަކަށް ލިބިއްޖެއެވެ.
ޓޯކިޔޯގެ ސްޓާޓްއަޕް އީވީޓޯލް ކުންފުންޏެއް ކަމަށްވާ ސްކައިޑްރައިވް ކުންފުންޏަށް ވަނީ އުދުހޭ ކާރު ދުއްވުމުގެ ސޭފްޓީ ސެޓިފިކެޓު ދީފައެވެ. މި ހުއްދަ އެކުންފުންޏަށް ދީފައިވަނީ ޖަޕާނުގެ މިނިސްޓްރީ އޮފް ލޭންޑް، އިންފްރާސްޓްރަކްޗާ، ޓްރާންސްޕޯޓް އެންޑް ޓޫރިޒަމް (އެމްއެލްއައިޓީ) އިންނެވެ. ސްކައިޑްރައިވް އިން އީޖާދު ކުރި އުދުހޭ ކާރު އެންމެ ފުރަތަމަ 2018 ވަނަ އަހަރު ދައްކާލާފައިވާއިރު އެކާރު އުދުހުން ފުރަތަމަ ޓެސްޓުކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ.
އެސްޑީ-03 ގެ ނަން ދީފައިވާ މިކާރުގައި 8 ޕުރޮޕެލަރު ހިމެނޭއިރު ގަޑިޔަކު 48 މޭލަށް އުދުހުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ. 30 ކިލޯގެ ބަރު އުފުލުމުގެ ގާބިލުކަން ހުރި މި އުޅަނދުން ދަތުރުވެސް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވީނަމަވެސް އިތުރު ޓެސްޓުތަކާއެކު މިކަންކަމަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަތިން ދޮރުފަތް ހުޅުވޭ ގޮތަށް ފަރުމާކޮށްފައިވާ އެސްޑީ-03 ކާރުގެ ޖާގަ ހަމަޖެހިފައިވަނީ އެންމެ މީހަކަށް ދަތުރުކުރެވޭ ގޮތަށެވެ. ސްކައިޑްރައިވްގެ ތަސައްވުރުގެ ތެރޭގައި 2025 ވަނަ އަހަރުގެ ޖެނުއަރީ ހިސާބުގައި ޖަޕާނުގެ އޮސާކާ ބޭ އޭރިއާގައި އުދުހޭ ކާރު ޓެކްސީ ހިދުމަތް ދިނުން ހިމެނެއެވެ. އޭގެ ސަބަބުން ފަރުބަދަމަތީ ހިސާބުތަކުގައި މަސައްކަތްކުރާ މީހުންނަށް ފަސޭހަވެގެން ދާނެކަމުގައި އެ ކުންފުނީން ދެކެއެވެ.








Comments