އިންގްލޭންޑަށް 1 ވަނަ، ކްރޮއޭޝިއާ 2 ވަނަ ބުރަށް
- މާހިރު މުޙައްމަދު
- Jun 23, 2021
- 2 min read

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭގެ ޗެކް ރިޕަބްލިކްގެ މައްޗަށް 1-0 އިން ކުރި ހޯދައި ގްރޫޕްގެ އެއްވަނަ އިންގްލޭންޑް އިން ހޯދި އިރު، ސްކޮޓްލޭންޑް 3-1 އިން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ކްރޮއޭޝިއާ ދަތުރުކޮށްފިއެވެ.
ގްރޫޕް ޑީ ގެ ހުރިހާ މެޗެއް ނިމުނު އިރު އިންގްލޭންޑުން ގްރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކުއެވެ. ގްރޫޕްގެ 2 ވަނަ ހޯދި ކްރޮއޭޝިއާ އަދި ތިންވަނަ ހޯދި ޗެކް ރިޕަބްލިކަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ކްރޮއޭޝިއާ އަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ޗެކް ރިޕަބްލިކް ވެސް ވަނީ އަނެއް ބުރަށް ދަތުރުކޮށްފައެވެ. އެންމެ ޕޮއިންޓަކާއެކު ގްރޫޕްގެ ފުލަށްދިޔަ ސްކޮޓްލޭންޑް ވަނީ މުބާރާތުން ކަޓާފައެވެ.
ރޭގެ މެޗަށް ނިކުތްއިރު ވެސް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވާ ދެ ޓީމު ކަމަށްވާ އިންގްލޭންޑާއި ޗެކް ރިޕަބްލިކް މިރޭ ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އިންގްލޭންޑަށް މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. ސްޓާލިން މި ގޯލު ކާމިޔާބުކުރި ޖެކް ގްރީލިޝް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.
މި ގޯލަށް ފަހު އިންގްލޭންޑަށް ޗެކް ރިޕަބްލިކްގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައި ނުވާ އިރު، ޗެކް ރިޕަބްލިކަށް މި މެޗުގައި އިންގްލޭންޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
މުބާރާތުގެ ދެވަނަ ބުރުގައި އިންގްލޭންޑް ބައްދަލުކުރާނީ ގްރޫޕް އެފްގެ ދެވަނަ އަށްދާ ޓީމަކާއެކެވެ. އެ ގްރޫޕްގައި ހިމެނެނީ ފްރާންސް އާއި ޖަރުމަނާއި ޕޯޗުގަލް އަދި ހަންގޭރީއެވެ.
ސްކޮޓްލޭންޑްގެ މައްޗަށް ކްރޮއޭޝިއާ އިން ރޭ ކުރި ހޯދިއިރު، މި މެޗަށް ނިކުތްއިރު އަނެއް ބުރަށް ދިޔުމަށް ދެ ޓީމަށް ވެސް އޮތީ މޮޅުވުން މަޖުބޫރުވެފައެވެ.
ސްކޮޓްލޭންޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ކްރޮއޭޝިއާ އިންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓްގައި މި ގޯލު ކްރޮއޭޝިއާ އަށް ކާމިޔާބުކޮށްދިނީ ވްލަސިޗް އެވެ. ނަމަވެސް މެޗުގެ 42 ވަނަ މިނެޓްގައި މެކްގްރެގާ ވަނީ ސްކޮޓްލޭންޑަށް ގޯލެއް ކާމިޔާބުކޮށްދީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 62 ވަނަ މިނެޓްގައި ލޫކަ މޮޑްރިޗް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ކްރޮއޭޝިއާ އަށް އަލުން ލީޑު ނަގާދީފައެވެ. މި ގޯލު މޮޑްރިޗް ކާމިޔާބުކުރީ ސްކޮޓްލޭންޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. މި މެޗުން ކްރޮއޭޝިއާ އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗް އެވެ.








Comments