ކުރިމިނަލް ކޯޓުން "ޕެސްޓް" ބަންދުކުރަން އަމުރުކޮށްފި
- މާހިރު މުޙައްމަދު
- Jun 24, 2021
- 1 min read

ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސިމްބޮލިކް ރެކޯރޑްސްގެ ރެޕް ލަވަ ކިޔުންތެރިޔާ އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ. މި އަހަރުގެ ފެބްރުއަރީ މަހު ޕެސްޓު ހައްޔަރު ކޮށްފައިވަނީ، މަސްތިވާ ތަކެތީގެ މައްސަލައަކާއި ގުޅިގެންނެވެ. ޕެސްޓުގެ އިތުރުން 4 މީހަކު ވަނީ މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައެވެ. ޕެސްޓަށް ދައުވާ ކުރުމަށް ފަހު މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި އޭނާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ކްރިމިނަލް ކޯޓުން ދިނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދައުލުތުން ހުށައެޅި ހެކިތަކަށް ބެލުމަށްފަހު ކުރިމިނަލް ކޯޓުން ވަނީ، އޭނާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައެވެ. ދައުލަތުން ޕެސްޓުގެ މައްޗަށް ކުށް ސާބިތު ކުރުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުން ސީސީޓީވީ ފުޓޭޖަކާއި އެނާލިސިސް ރިޕޯޓެއް ވަނީ ހުށަހަޅައިފައެވެ. ޕެސްޓުގެ މައްޗަށް ދައުލަތުން ވަނީ 5 ހެއްކެއް ހުށައަޅާފައެވެ. އެއީ، ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ، މަސްތުވާ ތަކެތި ޓްރެފިކް ކުރަން އުޅުނު ކުށުގެ ދައުވާ، ކެނެބިސް ބޭނުން ކުރުމުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.








Comments