https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު ދެ އެކުވެރިން ދެ ހަތުރުންނަށްވެ އެމްޑީޕީގައި "ރެނދު" ލަނީ

  • Writer: Goal mv
    Goal mv
  • Jun 7, 2021
  • 2 min read


ކޯލިޝަން ސަރުކާރެއްގައި އެމްޑީޕީން ވެރިކަމަށް އައި ނަމަވެސް މިއީ އެމްޑީޕީގެ ވެރިކަމެއްކަމަށް ވަރަށް ގިނަ ފަރާތްތަކުން ދެކެއެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކަށްވީތީ އެގޮތަށް ދެކޭ މީހުން ގިނައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ކުރިންސުރެވެސް ގާތް ދެ ރަހުމަތްތެރިންނެވެ. ގިނަ ބަޔަކު އުންމީދުކުރީ ދެ ރައީސުންގެ ގާތްގުޅުމުގެ ސަބަބުން އެމްޑީޕީގެ ފުރިހަމަ ވެރިކަމެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް ފެނިގެންމިދަނި އެތެރޭގެ ތަޅާފޮޅުމުގައި ވަގުތުތައް ހޭދަވަމުންދާތަނެވެ.


ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް ލިބުމަށްފަހު ދޭތެރެ ދޭތެރެއިން އެތެރޭގެ ނުތަނަވަސްކަމުގެ ވާހަކަ އަކީ ދެކެވެމުންނެވެ. އެ ވާހަކަތަކުގެ އަޑު ގަދަވާ ކޮންމެ ފަހަރަކު ދެ ރައީސުން ބައްދަލުކުރައްވާ އެކުގައި ނަންގަވާ ފޮޓޯގަނޑަކުން އެ އަޑުތައް ހިނދެނީއެވެ. ހަނގުރާމަ ހިނގާތަން ފެންނަނީ ރައީސް ސޯލިހްގެ އަރިސް ބައެއް ބޭފުޅުންނާއި ރައީސް ނަޝީދުގެ އަރިސް ބޭފުޅުންގެ ދެމެދުގައެވެ.


ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު ދެ އެކުވެރިންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރެވޭން ފެށިއެވެ. ހާއްސަކޮށް ރައީސް ސޯލިހް ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް އޭޑީކޭއަށް ވަޑައިގަތުމަށްފަހު ނިކުމެ ވަޑައިގެން ދެއްކެވި ވާހަކަތަކުން ހިތްޕުޅާނުވާ ގޮތަކަށް ކަންތައްތަކެއް ހިނގިކަން ހާމަވާކަހަލައެވެ.


ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ފެއްޓީ ފަންޑު ކުރި ބަޔަކު ހޯދުމަށް ގޮވާލާށެވެ. ފުލުހުންގެ ތަހުގީގު ލަސްކަމަށް ތުހުމަތު ކުރެވި، ޑިފެންސްގެ މަތިފަޑިއަށްވެސް ތުހުމަތުގެ އިނގިލި ދިއްކުރެވެން ފެށިއެވެ. މި މަރުގެ ހަމަލާއާ އެކު އެމްޑީޕީގައި ހަމަ ރަނގަޅަށްވެސް މިފަހަރު "ރެނދު" އެޅީއެވެ. ރައީސް ނަޝީދުގެ ތުހުމަތުގެ އިނގިލި ސީދާ ރައީސް ސޯލިހަށް އަމާޒު ކުރެއްވީއެވެ.

ހަމަލާއާ ގުޅިގެން މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުނުވާނެ ކަމަށް ބުނެ ޑިފެންސްގެ ނައިބަކު ސޮއިކޮށް ފޮނުވި ސިޓީއާ އެކު އެމްއެންޑީއެފުން ވަނީ ވަކިވަކި ސިފައިންގެ ބަދަލުގައި ޖަވާބުދާރީ ވާނީ އެމްއެންޑީއެފުން ކަމަށް ބުނެފައެވެ. އެހެންނަމަވެސް މިއީ ރައީސް ނަޝިދު އަދި މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން އެހާ ހިތްހަމަ ޖެހޭ ގޮތަކަށް ނުވިއެވެ.


ޑިފެންސާއި މަޖިލީހާއި ދެމެދު ހުޅުފަޅައިގެން ދިޔައިރު، މިކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރެވެނީ ރައީސް ސޯލިހަށެވެ. ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުކުރުމަށް ރައީސް ސޯލިހް އުޅުއްވާކަމުގެ ތުހުމަތު ރައީސް ނަޝީދު ކުރެއްވުމަކީ ކުޑަކަމެއް ނޫނެވެ. ސުވާލަކީ ދެ އެކުވެރިން ދެ ހަތުރުންނަށް ވީތޯ؟ އެމްޑީޕީގެ އެތެރޭގައި ބޮޑު ރެނދު އަޅާ ޕާޓީ ދެބައިވީތޯ؟


އެމްޑީޕީގެ ވެރިކަމެއް އޮވެ، އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހެއްވެސް އޮވެމެ، އެތެރޭ ކޮއިލުގެ ޒުވާބު ގަދަކަމުން ރައްޔިތުންނަށް ކަމެއް ނުކޮށްދެވި އޮތުމަކީ ހަމަ އެމްޑީޕީ ފައިލްވުން ނޫން އިތުރު ކަމެއް ނޫނެވެ. ރައްޔިތުން ހުރިހާ ބާރެއް ދިނުމުންވެސް ކަމެއް ނުކޮށްދެވޭނަމަ އިތުރަށް އެމްޑީޕީއަށް މިފަދަ ގޮތަކަށް މެޖޯރިޓީ ރައްޔިތުން ދޭންވީ ހަމައެއްވެސް ސަބަބެއް ނެތެވެ.

Comments


  • White Facebook Icon

@goal.mv2021

bottom of page