ނެދަލޭންޑްސް މެޗަށް ސަސްޕެންޝަނުގައި ހުރި އަރްނޯޓޮވިޗް ނެތްތަން ދައްކާނެ- ޕްރިވިއު
- Goal mv
- Jun 17, 2021
- 2 min read

ޔޫރޯ 2020 ގެ ގްރޫޕް ސީގައި މިރޭ ނެދަލޭންޑްސްއިން އިން އޮސްޓްރިއާއާ ދެކޮޅަށް ނުކުންނާނެއެވެ. މި ދެޓީމު ވެސް ވަނީ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައެވެ. މިވަގުތު ފައިދާ ގޯލުގެ ތަފާތުން އޮސްޓްރިއާ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތީ ނެދަލޭންޑްސްއެވެ.
ދެޓީމުގެ ކުރިމަތިލުންތަކުގައި ތާރީހު އޮތީ ނެދަލޭންޑްސް އަތުގައެވެ. އޮސްޓްރިއާއިން އެންމެފަހުން ނެދަލޭންޑްސް ބަލިކުރީ 31 އަހަރު ކުރިންނެވެ. ވިއޭނާގައި ކުޅުނު އެ މެޗު ނިމުނީ 3-2 ގެ ނަތީޖާއަކުންނެވެ.
އެއީ 1990 ގެ ހަނދާނެކެވެ. އޭގެފަހުން ހަ މެޗުންވެސް މޮޅުވީ ނެދަލޭންޑްސްއެވެ. އެންމެ ފަހުން ކުޅުނު 2016 ގައި ނެދަލޭންޑްސްއިން އޮސްޓްރިއާ ބަލިކުރީ 2-0 އިންނެވެ. ޖުމްލަ 19 މެޗު ދެޓީމު ކުޅެފައިވާ އިރު، ނުވަ މެޗު ކާމިޔާބު ކުރީ ނެދަލޭންޑްސްއެވެ. ހަ މެޗުން އޮސްޓްރިއާ މޮޅުވި އިރު، ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
އޮސްޓްރިއާއިން މޮޅަކާއެކު މުބާރާތް ފެށި މެޗުގައި ނޯތު މެސަޑޯނިއާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގޯލުތައް ޖަހައިދިނީ ސްޓެފަން ލައިނާއާއި މިޝޭލް ގްރެގޮރިސްޗް އަދި މާކޯ އަރްނޯޓޮވިޗެވެ. މިރޭގެ މެޗަށް ނެދަލޭންޑްސްގެ ހޯމް، ޔޯހަން ކްރައިފް އެރީނާގައި އޮސްޓްރިއާ ނުކުންނަ އިރު، އެޓީމުގެ ވަރުގަދަ ފޯވަޑް އަރްނޯޓޮވިޗް ހުރީ ސަސްޕެންޝަނުގައެވެ. ގޯލަށްފަހު އުފާފާޅުކުރަމުގެ ތެރޭގައި އަލްބޭނިއާ ނަސްލަށް ނިސްބަތްވާ މެސަޑޯނިއޯގެ ދެ ކުޅުންތެރިޔަކަށް ބޭއަދަބީ ބަހުން ވާހަކަ ދައްކައި، އެ ދެކުޅުންތެރިންގެ ޒާތާ ގުޅޭގޮތުން ދެއްކި ވާހަކައަކާ ގުޅިގެން ޔޫއެފާއިން ވަނީ އަރްނޯޓޮވިޗް އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ.
އަރްނޯޓޮވިޗް ސަސްޕެންޝަން - ދެގައުމުގެ ރުޅިވެރިކަމުގެ ތެރެއިން އައި ރުޅިވެރިކަމެއް
އަރްނޯޓޮވިޗްގެ ގޯލަށްފަހު އުފާފާޅުކުރަމުން އަލްބޭނިއާއަށް ނިސްބަތްވާ ދެ ކުޅުންތެރިން ކަމަށްވާ މެސަޑޯނިއާގެ އެގްޒޮން ބެޓޫލާއާއި ޖާނީ އަލިއޯސްކީއަށް އަމާޒުކޮށް ހުތުރު ވާހަކަތަކެއް ދައްކާފައިވެއެވެ. އަރްނޯޓޮވިޗްގެ ބަސްތައް ގޯސްކަން އެނގި އޮސްޓްރިއާ ކެޕްޓަން ޑޭވިޑް އަލާބާ ވަނީ އަރްނޯޓޮވިޗްގެ އަނގައިގައި ހިފައި އެ ވާހަކަތައް ނުދެއްކުމަށް ބުނެފައެވެ.
އަރްނޯޓޮވިޗްއަކީ އޮސްޓްރިއާއަށް އުފަން ކުޅުންތެރިއެއް ނަމަވެސް ބައްޕައަކީ ސާބިއާ ރައްޔިތެކެވެ. ސާބިއާއާއި މެސަޑޯނިއާއަކީ ހޫނުވެފައި އޮންނަ ދެގައުމަށް ވުމަކީ އަރްނޯޓިވިޗްގެ ޖަޒުބާތު ފެނިގެން ދިޔަ ކަމެއް ކަމަށް ބެލެވެއެވެ. މެޗަށްފަހު އެކަމަށް އޭނާ ވަނީ މައާފަށް އެދިފައެވެ. އަރްނޯޓޮވިޗް ބުނެފައި ވަނީ އޭނާއަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭނެ މީހެއް ނޫން ކަމަށާއި، ހުރިހާ ގައުމެއްގައިވެސް އޭނާގެ ރައްޓެހިން ތިބޭނެ ކަމަށެވެ.
އަރްނޯޓޮވިޗް ނެތްތަން މެޗުގައި ދައްކާނެ ކަމަށް މެޗުގެ ކުރިން ވާހަކަދައްކަމުން އޮސްޓްރިއާގެ ކޯޗު ބުނެފައިވެއެވެ.
"ބަދަލު ކުޅުންތެރިންގެ ގޮތުގައި ދަނޑަށް ނުކުމެ ގޯލު ޖެހި މައިކަލްއާއި މާކޯވެސް ތިބީ ކޮންފިޑެންސް ރަނގަޅަށް. އެހެންނަމަވެސް މާކޯއަށް ވަނީ ހާލަތު ބަދަލުވެފައި. އޭނާ ނެތްތަން ފޫބައްދަން އުނދަގޫވާނެ. އެއީ ބޮޑު ވަރުގަދަ ފޯވަޑެއް. ސްކޮޑުން އެހެން ކުޅުންތެރިން ބޭނުންކޮށް އޭނާ ނެތްތަން ފޫބެއްދޭތޯ ބަލާނަން،" އޮސްޓްރިއާ ކޯޗު ފްރާންކޯ ފޯޑާ ބުނެފައިވެއެވެ.
ނެދާލޭންޑްސް ކޯޗު ފްރޭންކް ޑި ބޯ ހުރީ މެޗަށް އުންމީދު ބޮޑުކޮށެވެ. އޭނާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ މުހިއްމު ޑިފެންޑަރު މެތިއަސް ޑި ލިޓް ފިޓްވެ މެޗަށް ނުކުންނާނެކަން ޔަގީންވުމެވެ. މެޗުގެ ކުރިން ވާހަކަދައްކަމުން ކޯޗު ޑި ބޯ ވަނީ އެކަން ޔަގީން ކޮށްދީފައެވެ.
ނެދަލޭންޑްސްއާއި އޮސްޓްރިއާ، ޔޯހަން ކްރައިފް އެރީނާގައި ކުޅޭ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.








Comments