ހުޅުމާލޭގައި މިހާރު ހުރި ފްލެޓުތައް 6،000 ރުފިޔާއަށް! ދެން ކީއްވެ ހިޔާ ފްލެޓު 7،500 އަށް އަރަން ވީ؟
- އާންމުންގެ ޖަމްއިޔާ

- Jun 7, 2021
- 5 min read

ހިޔާ ފްލެޓުގެ އަގަކީ މަހަކު 7،500 ކަމަށް ކަނޑައެޅުމުން ވަރަށް ގިނަ ފަރާތްތަކުން ދެއްކި އެއް މިސާލަކީ މިހާރު ހުޅުމާލޭގައި ހުރި ފްލެޓު ތަކުގެ ވާހަކައެވެ. "3 ކޮޓަރި ތަންތަން 6،000 ރުފިޔާއަށް، ދެން ކީއްވެ ހިޔާ ފްލެޓު 7،500 އަށް އަރަން ވީ" ވަރަށް ގިނަ މީހުން ސުވާލުކުރިއެވެ. ވީމާ މިވަނީ ކިހިނެއްކަން ކޮންމެވެސް ވަރަކަށް ކިޔައި ދެވޭތޯ މަސައްކަތް ކުރާނަމޭ އަޅުގަނޑު ހިތަށް އެރިއެވެ.
އިޖްތިމާއީ ބޯހިޔާވަހިކަމާއި ސަބްސިޑީ
އިޖްތިމާއީ ބޯހިޔާވަހިކަމަކީ ކޮބާ؟ އާންމުކޮށް ކިޔާތީ އިވޭ އަޑަކީ "ސޯޝަލް ހައުސިން" އެވެ. ބައެއް ފަރާތްތަކުން ރާއްޖޭގައި ސޯޝަލް އަހުސިން މިކިޔާ ފްލެޓު ތަކަކީ އަސްލު ސޯޝަލް އަހުސިން ނޫންކަމަށް، އެއީ އެފޯޑަބުލް ހައުސިން ކަމަށް ވަކާލާތު ކުރެެވެ. އަޅުގަނޑަކީވެސް އެ ވިސްނުމުގެ މީހެކީމެވެ. އެހެނަސް އެބަހުސް މި ލިޔުމުގައި ނުކޮށް އާންމުކޮށް ދިވެހިން ބޭނުން ކުރާ އުސޫލުން މިލިޔުމުގައި މިފަދަ ބޯހިޔާވަހިކަމަށް ބޭނުން ކުރާނީ އިޖްތިމާއީ ބޯހިޔާވަހިކަން ނުވަތަ ސޯޝަލް ހައުސިންއެވެ.
ފްލެޓުތައްް އަޅަނީ ލޯނެއް ނަގައިގެނެވެ. އެއީ އަމިއްލަ ވިޔަފާރިވެރިން ހިންގާ މަޝްރޫއެއް ވިޔަސް އަދި ސަރުކާރުން ހިންގާ މަޝްރޫއެއް ވިޔަސްވެސް މެއެވެ. އަމިއްލަ ވިޔަފާރި ކުންފުންޏަކުން އަޅާ ފްލެޓުތަކުގެ އަގު ބިނާވެގެން ވަނީ ލޯނާއި އެ ކުންފުނިން ނަގާ ފައިދާގެ މައްޗަށެވެ. ސަރުކާރުން އަޅާ ތަނެއްގެ ލޯނު ދެއްކުމުގައި އެ ފްލެޓު ލިބޭ އާންމުންނަށް އެކަނި ބަރޯސާ ނުވެ ސަރުކާރުގެ އެހީ ނުވަތަ "ސަބްސިޑީ" އާއި އެކު އެ ލޯނު ދެއްކުމުން އެ މަޝްރޫއުއެއް މިވަނީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއަކަށެވެ. މިސާލަކަށް މިކަމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމު ސިންގަޕޫރަށް ބަލާލަމާ ހިނގާށެވެ.

މަތީގައިވާ ތާވަލުން ފެންނަނީ 88/87 ގައި ސިންގަޕޫރުގެ HBD އިން ހިންގި އިޖްތިމާއީ ބޯހިޔާ ވަހިކަމުގެ މަޝްރޫގެ ތަފްސީލް ތަކެވެ. ލޯނު ދެއްކުމަށް ސަރުކާރުން ދޭ ސަބްސިޑީ އުޅެނީ 40 އާއި 50 އިންސައްތައިގައެވެ. މާނައަކީ ފްލެޓެއްގެ އަގުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދައްކަނީ ސަރުކާރުންނެވެ. ފްލެޓު ލިބޭ ނިކަމެތި މީހާ ދައްކަންޖެހެނީ އަސްލު އަގުގެ ބައެކެވެ. ނަތީޖާއެއްގެ ގޮތުން އެންމެ އަގުހެޔޮ 750،964 ރުފިޔާގެ ގެ ފްލެޓަކަށް ފްލެޓު ލިބޭ މީހާ ދައްކަން ޖެހެނީ 355،680 ރުފިޔާއެވެ. އެންމެ އަގުބޮޑު 2.2 މިލިއަން ރުފިޔާގެ ފްލެޓަކަށް ފްލެޓު ލިބޭ މީހާ ދައްކަން ޖެހެނީ 1.2 މިލިއަން ރުފިޔާއެވެ. މިއީ ދުނިޔޭގައި މިކަމުގައި އެންމެ ކުރިއަރާފައިވާ ގައުމުން އިޖްތިމާއީ ބޯހިޔާވަހިކަމުގެ ލޯނުތައް އެންމެ ފުރަތަމަ ސަބްސިޑައިޒް ކުރިވަރެވެ.

ކޮންމެ ފަރާތަކުން ( ސަރުކާރު ނުވަތަ ސަރުކާރު ކުންފުންޏަކުން) ލޯނު ނެގިއަސް އެ ލޯނު ދެއްްކުމުގައި ސަރުކާރުން އެހީވާނަމަ އެއީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. ސަރުކާރުން ދޭ އެހީ ބޮޑުވިވަރަކަށް އާންމު މީހާ ނުވަތަ ފްލެޓު ލިބޭ މީހާ ދައްކަން ޖެހޭވަރު ކުޑަ ވާނެއެވެ.
ރާއްޖޭގައި މިހާތަނަށް ހެދިފައި ހުރި ގިނަ ބޯހިޔާ ވަހިކަމުގެ މަޝްރޫތަކުގެ ލޯނަކީ ސީދާ ސަރުކާރުން ނަގާފައި ހުރި ލޯނު ތަކެކެވެ. މިސާލަކަށް ހުޅުމާލެއިން މިހާރު ފެންނަ 1،000 ފްލެޓު އަދި 7،00 ފްލެޓުގެ މަޝްރޫއު އަކީ ސަރުކާރުން ލޯނު ނަގައިގެން ހެދި ތަންތަނެވެ. އެލޯނުގެ ލާރި ދައްކަނީ ސަރުކާރުންނެވެ. މީހުން އަތުން މަހު ކުއްޔަށް ނަގާވަރު ކުޑަ ވަނީ އެހެންވެގެނެވެ.
އާންމު އުސޫލަކުން ބަލާނަމަ މީހުން އަތުން HDC ނަގާ ލާރި ކޮޅު ސަރުކާރަށް ދިނީމައި، މަދުވާބައި ސަރުކާރުން ލާފައި ލޯނުގެ ޖުމްލަ ދައްކަމުން ދަނީއެވެ. އެހެނަަސް މި ދެ މަޝްރޫގައި އެގޮތަށްވެސް ނަހަދައެވެ. ސަރުކާރުން ލޯނު ދައްކަމުން، ކުލީގެ ގޮތުގައި HDC އަށް ލިބޭ ލާރިން އެހެން ކަންކަން ކުރަން ވަނީ ހަވާލު ކޮށްފައެވެ. މިސާލަކަށް HDC އިން ހުޅުމާލޭގައި ބިނާކުރި ރެހެންދި ސްކޫލު އެއީ އެ ލާރިން ހަދާފައިވާ ތަނެކެވެ. ކުރުކޮށް ދަންނަވާނަމަ، ސަރުކާރުން ލޯނު ދައްކާތީ ލޯނަށްވާ ލާރި ފްލެޓުގައި ތިބި މީހުން އަތުން ހޯދަން HDC އުޅޭކަށް ނުޖެހެއެވެ. ލޯނާއިމެދު HDC އިން ކަންބޮޑު ވާކަށް ނުޖެހެއެވެ.
ހިޔާ ފްލެޓަށް ވެގެން އުޅެނީ ކިހިނެއް

ހިޔާ ފްލެޓުގެ ލޯނު ނެގީ HDC އިންނެވެ. ވީމާ ލޯނު ދައްކަން ޖެހޭނީވެސް HDC އިންނެވެ. މައްސަަލަ ދިމާވެގެން މިއުޅެނީ ހިޔާ ފްލެޓުގެ މި ލޯނަށް ސަރުކާރުން ދޭން ޖެހޭ އެހީ ނުދޭތީއެވެ. ސަރުކާރުން އެހީ ނުވާނަމަ HDC އަށް ފްލެޓުގައި އުޅޭ މީހުން އަތުން ލާރި ނަގައިގެން ލޯނު ދައްކަން މަޖްބޫރުވާނެއެވެ. އިތުރު މާލީ ފައިދާއެއް ނުލައި HDC އިން ފްލެޓު އަގު ކުރިއަސް ލޯނު ދައްކަން މިޖެހެނީ ފްލެޓު ލިބުނު މީހުންނެވެ. ވީމާ HDC އަދި ބޭނުން ވިޔަކަސް މަހު ކުލި ބޭނުންހާ ކުޑައެއް ނުކުރެވޭނެއެވެ. HDC އަކީ ކުންފުންޏެކެވެ. "ރައްޔިތުންނަށް ޓަކާ" HDC އަކުން އަމިއްލަޔަށް ލާރި ހަރަދު ނުކުރާނެއެވެ. އެހަރަދު ނުވެސް ކުރެވޭނެއެވެ.
ވީމާ މިހާރު މިއޮތް ގޮތަށް، ސަރުކާރުގެ އެހީއެެއް ނެތި، ފްލެޓު ލިބޭ މީހުން މުޅި ލޯނު ދައްކަން ޖެހޭނަމަ ހިޔާ މަޝްރޫއު އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއަކަށްވެސް އަސްލު ނުވާނެއެވެ. މި މަޝްރޫއަކީ ސޯޝަލް ހައުސިން އެކޭ މިހާރު ނުކިޔޭނެއެވެ.
ވީމާ ކުރަންވީ ކަމަކީ މި މަޝްރޫއު އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ހަދަންވީއެވެ. MDP ވެރިކަމެއްގައި، މަޖިލިސް ސުޕަ މެޖޯރިޓީ އޮވެ މިކަން ނުވާންވީ ސަބަބެއް ނެތެވެ.

ކުރީ ސަރުކާރުގައި HDC މެދުވެރިކޮށް މި މަޝްރޫއު ފެށިއިރު ޕްލޭން ކުރެވިފައި ވަނީވެސް މިގޮތަށެވެ. ލޯނު ސަރުކާރުން ސަބްސިޑައިޒް ކުރާނެއެވެ. ބާކީވާ ބައި ނަގާނީ ފްލެޓު ލިބޭ މީހުން އަތުންނެވެ. އޭރު މަހު ކުލި 5،600 ރުފިޔާ އަށް ކަނޑައެޅީމަ އެވާ ގޮތަކީ އެވަރު ފްލެޓަށް ވަންނަ މީހުން އަތުން ނަގާފައި، މަދުވާ ބައި ސަަރުކާރުން ދައްކަނީއެވެ.
މިހާރު އަގު ބޮޑު މިވަނީ ސަރުކަާރުން ދޭ އެހީ މަދުވީމައެވެ. ސަރުކާރުން ހިޔާާ ފްލެޓު ލޯނު މިގޮތަށް ސަބްސިޑައިޒް ކުރަން ވިސްނާފައި ވާހެނެއް އަޅުގަނޑަކަށް ހީނުވެއެވެ. ސަބަބަކީ މިއަހަރުގެ ބަޖެޓުގައި ހިޔާގެ ލޯނު ދެއްކުމަށް އެހީވާން ވަކިވަރެއް ކަނޑައަޅާފައި ނެތުމެވެ. މިއީ ސަރުކާރުން މިހެން މިކަން ކުރަން ބޭނުންވެގެން ކުރިގޮތް ކަމެއް ނުވަތަ ބަޖެޓު ހެދުމުގައި މިކަމާ މެދު ވިސްނާފައި ނެތީމަ ވީގޮތް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.
މިސަބަބު ތަކާއި ހުރެ އާންމުންގެ ޖަމްއިއްޔާއިން ސަރުކާރަށް ހުށަހެޅި ކަންތައްތަކުގައި ވަނީ ފުރަތަމަ 8 މަހު ހިޔާ މަޝްރޫއު ގެ ކުި 6،000 ރުފިޔާއަށް ވުރެ ބޮޑު ނުކުރުމަށެވެ. އެއަދު ގެނައީ ސަރުކާރުން މިކަމަށް ވަކި ބަޖެޓެއް މިއަހަރު ކަނޑައަޅާފައި ނެތީމައެވެ. އެހެނަސް 8 މަސް ފަސްވާއިރު އޮންނާނީ މިއަންނަ އަހަރު ފެށިފައެވެ. މިއަންނަ އަހަރު ބަޖެޓު ހަދާއިރު ސަރުކާރުން ހިޔާ ފްލެޓު ލޯނު ސަބްސިޑައިޒް ކުރަން ވަކި ވަރެއް ކަނޑައެޅިދާނެއެވެ. އެކަން އެގޮތަށް ކުރާތޯ ބަލައި، އެކަން އެގޮތަށް ކުރުމަށް ތިފަރާތްތައް ތަމްސީލު ކުރާ މަޖިލިސް މެންބަރުންނަށް ގޮވާލައި ބާރު އެޅުމަކީ ތިފަރާާތްތަކުގެ ޒިންމާއެކެވެ.
އިޖްތިމާއީ ބޯހިޔާވަހިކަމުގެ ލޯނުތައް މިހާރު ސަބްސިޑައިޒް ކުރަމުން ދަނީ މުޅި ލޯނު އެކީއެވެ. އަބަދުވެސް ކުރަނީ އެހެންނެވެ. އެކަމަކު އެއީ އެކަން ކުރެވޭނެ ހަމައެކަނި ގޮތެއް ނޫނެވެ. އެއަށްވުރެ "ސްމާޓުކޮށް" ސަބްސިޑައިޒް ކުރެވޭނެ ގޮތްތައްވެސް ހުރެެއެވެ. އެެހެނަސް އެ މައުލޫއަށް އެެހެން ލިޔުމެއްގައި އަލިއަޅުވާލާނަމެވެ.
މަތީގައި ބަޔާން ކުރެވިފައިވާ ގޮތަށް މި ލޯނު ސަރުކާރުން ސަބްސިޑައިޒް ކުރަން ފަށައިގި ނަމަ، ސަރުކާާރުން ހިޔާ މަޝްރޫއުގެ ލޯނު ދެއްކުމުގައި ބައިވެރިވެއްޖެ ނަމަ، ފްލެޓު ލިބޭ މީހުންގެ މަހު ކުލި ކުޑަވާނެއެވެ. ސަރުކާރުގެ ސަބްސިޑީ ބޮޑުވި ވަރަކަށް އާންމު މީހާ ދައްކަން ޖެހޭ ވަރު ކުޑަވާނެއެވެ. އޭރުން މީހާރު ދައްކަ ކުލި ކުޑަކުރުން HDC އަކަށްވެސް މައްސަލަ އަކަށް ނުވާނެއެވެ. ކޮންމެ ފަރާތަކުން ލާރި އަޔަސް، ލޯނު ދެއްކޭނަމަ HDC އަށް "OK" ވާނެއެވެ.
ވީމާ ފްލެޓު ލިބޭ މީހުން ވިސްނަންވީ މިކަންކަމަށެވެ. ތިފަރާތްތަކުން އެތަނަށް ކުރިއަށް އޮތް 20-25 އަހަރު ކުލި ދައްކަމުން ދާނެއެވެ. މިއަންނަ އަހަރުގެ ބަޖެޓު މިއަހަރު ހަދަން ފަށާނެއެވެ. އެކަން ފެށުމުން ތިފަރާތްތަކުން ގުޅަން ވީ ތަމްސީލު ކުރާ މެންބަރަށެވެ. އެދެންވީ ހިޔާ ފްލެޓު ގެ ލޯނު ސަބްސިޑައިޒް ކުރަން ހުށަހެޅުމަށެވެ. ހުށަނައަޅައިފިއްޔާ ދެން ވޯޓެއް ނުލިބޭނެކަމުގެ ޔަގީންކަން ދޭށެވެ. ހުށަހަޅައިފިއްޔާ ދެން ބަލަންވީ އެކަމާއި އެެއްކޮޅަށް އަދި ދެކޮޅަށް ވޯޓު ލަނީ ކޮން ބައެއް ތޯއެވެ. MDP ގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެ މިކަން ފާސް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.
އެވަރުން ނިމުނީކީ ނޫނެވެ. 2023 ގައި ރިޔާސީ އިންތިހާބަށް ވޯޓު ހޯދަން ކެންޑިޑޭޓުން އައިމަ ތިފަރާތްތަކުން ކުރަންވީ ހަމަ އެ ސުވާލެވެ. އަހަންވީ ހިޔާ ލޯނު ކިހާވަރަކަށް ސަބަސިޑައިޒް ކުރާނެތޯއެވެ. ބަލަން ވީ ރިޔާސީ ވައުދު ތެރެއަށް އެކަން ވެއްދޭ ތޯއެވެ. ތީ 7620 އާއިލާއެވެ. ގާތްގަނޑަކަށް 40،000 މީހުންނެވެ. މަދުވެގެން 30،000 ވޯޓެވެ. ހިޔާ ފްލެޓު ލިބުނު އެންމެން އެކުއެކީ މިކަމުގައި އުޅެފިނަމަ ކުރިއަށް އޮތް ކޮންމެ އިންތިހާބަކަށް ހިޔާ ފްލެޓުގެ މަހު ކުލި ކުޑަ ކުރެވޭނެއެވެ. އަޅުގަނޑުގެ ޒިންމާ އަކީ މި މައުލޫމާތު ހިއްސާކޮށް ކަންކުރާނެ ގޮތް ކިޔައި ދިނުމެވެ. އެކަން ވެވިއްޖެއެވެ. ކަން ކުރުން އޮތީ ތިފަރާތްތަކުގެ އަތްމަތީގައެވެ.
ނިންމާލުމުގެ ކުރިން އިތުރު މައުލޫމާތެއް ހިއްސާ ކޮށްލާނަމެވެ. ހިޔާ ފްލެޓު ތަކާއި ގުޅިގެން އެންމެ ގިނައިން އަޑުއިވުނު އެއް ވާހަކަ އަކީ ހިޔާ ފްލެޓުތައް އެޅީ މާ އަގުބޮޑުކޮށް ކަމަށެވެ. ކުރިއަށް އޮތްތާ ތިފަރާތްތަަކާާއި ދިމާވާ ސިޔާސީ މީހުން އެހެން ބުނެފާނެއެވެ. ވީމަ އެކަން ވާގޮތް އެނގިފައި އޮތުން މުހިންމެވެ.
ރައީސް ނަޝިދު ދައުރުގައި ހުޅުމާލެ ފޭސް އެކެއްގެ ފްލެޓުތައް އަޅާފައި ހުރީ ޔުނިޓެއް ގާތްގަނޑަކަށް 899،500 ރުފިޔާއަށެވެ. ހިޔާ ފްލެޓު އަޅާފައި ހުރީ ޔުނިޓެއް 956،000 ރުފިޔާއަށެވެ. ވީމާ ހިޔާ ފްލެޓު އަޅާފައި ހުރީ އަގު ބޮޑުކޮށް ނޫންހެއްޔެވެ؟؟؟
މިއަދަދުތައް މިހެން ކިޔުމުން މިީހަކަށް މިކަން ވަރަށް ފަސޭހައިން ގަބޫލު ކުރެވިދާނެއެވެ. އެހެނަސް މިއީ މުޅިއަކަން ރަނގަޅު ވާހަކައެއް ނޫނެވެ.
ބޭންކުން ރޭނުމަށް ދޭ ލޯނުގެ ރޭޓު މިއީ އިންޓަރނޭޝަލަން ސްޓެންޑާޑެވެ. ބަދަލުވެސް ވަމުން ދާ އެއްޗެކެވެ. މިހުރިހާ ލޯނެއް ނަގަނީ ޑޮލަރުންނެވެ. އަގު ހަދަނީވެސް ޑޮލަރުންނެވެ. އެގޮތުން ބަލާއިރު ކުރީގެ ފްލެޓުތައް އަޅާފައި ހުރީ ޔުނިޓެއް އެވްރެޖް ކޮށް 70،000 ޑޮލަރަށެވެ. ހިޔާ ފްލެޓު އަޅާފައި ހުރީ ޔުނިޓެއް 62،000 ޑޮލަރަށެވެ. އެހެނަސް ހިޔާ ފްލެޓު އަގު ބޮޑު ހެން ހީވެގެން އުޅެނީ ޑޮލަރުގެ ރޭޓަށް އައިސްގެން އުޅޭ ބަދަލާ ހެދިއެވެ. ޔުނިޓެއް 70،000 ޑޮލަރަށް ރޭނިއިރު ޑޮލަރު ހުރީ 12.85 ގައެވެ. ހިޔާ ގެ ޔުނިޓެއް 62،000 ޑޮލަރަށް ރޭނިއިރު ޑޮލަރު ހުރީ 15.42 ގައެވެ. ވީމާ އޭރާއި މިހާރުގެ ރޭޓަށް އައި ބަދަލު ނުބަލާ ރުފިޔާއިން އަގު ކީމާ ހިޔާ ގެ އަގު ބޮޑު ހެން ހީވަނީއެވެ. އެކަމަކު ހިޔާ ފްލެޓުތަކުގެ އަސްލު އަގު ކުރީގެ ފްލެޓު ތަކަށް ވުރެ މާ ކުޑައެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ގެ އަގު 2011 ގެ ފަހުން ބޮޑު ތަނުން ބޮޑު ވެގެން އުޅެނީވެސް މިހެންވެއެވެ. ޑޮލަރުގެ ރޭޓު މަތިވީމަައެވެ. ވީމާ ބޯހިޔާވަހިކަމުގެ އަގު އުފުލިގެން އުޅެނީ ޗައިނާ އަކާއި ހެދިއެއް ނޫނެވެ. ލޯނު ދިން ބޭންކާއި ހެދިއެއްވެސް ނޫނެވެ. އަގު ބޮޑު ވެގެން އުޅެނީ ޑޮލަރުގެ އަގު ހިފަހައްޓަން ސަރުކާރަކަށް ނޭނގި ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ޑޮލަރުގެ އަގު ބޮޑުތަނުން ބޮޑުވީމައެވެ. އޭގެ ގެއްލުންވެސް އާހިރުގައި މިވީ އަގު ހެޔޮކޮށް ބޯހިޔާވަހިކަން ބޭނުންވާ ނިކަމެތި މީހާއަށެވެ.
މިކަން ސާފުކޮށް ދެވިއްޖެ ކަމަށް އުންމީދުކޮށް، ބޭނުންތެރި މައުލޫމާތުކޮޅެއް ހިއްސާ ކުރެވިއްޖެ ކަމަށް ގަބޫލުކޮށް މިހިސާބުން ކުރުކޮށްލާނަމެވެ.








Comments