ޔާޔާގެ ބަންދަށް 3 ދުވަސް އިތުރުކޮށްފި
- މާހިރު މުޙައްމަދު
- Sep 26, 2021
- 0 min read

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯއެއް ޢާންމުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަ ޢުމުރުން 36 އަހަރުގެ މުޙައްމަދު ނަބީލް (ޔާޔާ) ބަންދަށް 3 ދުވަސް އިތުރުކޮށްފިއެވެ.
ނަބީލް ބަރަހަނާވެފައި ހުންނަ މަންޒަރު ފެންނަ ވީޑިއޯ ޓިކްޓޮކްގައި ޢާންމުކުރީ މި މަހުގެ 07 ވަނަ ދުވަހުގައެވެ. މި މައްސަލައިގައި ނަބީލް ހައްޔަރުކުރީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރީ 12 ވަނަ ދުވަހުގައެވެ. ނަބީލްގެ ބަންދަށް ކޯޓުން ދިނީ 15 ދުވަހެވެ. ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނަބީލްގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރިކަމަށާއި، އޭނާގެ ބަންދަށް 3 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. މި މަހުގެ 12 ވަނަ ދުވަހުގައި ކްރިމިނަލް ކޯޓުގައި ވާހަކަދައްކަމުން ނަބީލް ބުނެފައިވަނީ ޢާންމުވެފައިވާ ވީޑިއޯއަކީ އޭނާ ހެދި ވީޑިއޯއެއްނޫން ކަމަށާއި، އެއީ އޭނާގެ ވީޑިއޯއެއް ނޫން ކަމަށެވެ. އަދި އެއީ އޭނާ ބޭޒާރުކުރަންވެގެން އޭނާގެ މޫނު އެޑިޓުކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް ވެސް ބުންޏެވެ. އެހެންނަމަވެސް އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އުފައްދާފައިވާ ކަމަށް ނަބީލް ބުނެފައިވެއެވެ. މިހާރު ވަރަށް ބޮޑަށް ބޭޒާރުވެފައިވާ ކަމަށާއި، އެ ގޮތުން މަގުމަތީގައި ނޫޅެވޭ ކަމަށާއި އޭނާއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ނަބީލް އެ ދުވަހު ބުންޏެވެ. އެ ދުވަހުގެ އަޑުއެހުމުގައި ފުލުހުން ބުނީ ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން ހުރި އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރީގެ ތެރޭގައި އޮތް ދަބަހަކުން ފެނިފައިވާ ކަމަށެވެ.








Comments