https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޤަބުރުސްތާނުގައި ވަޅުލާފައިވާ 2 ކުދިންގެ މޭގަނޑު ނަގައި ތެޔޮ ހާނައި، ތެޔޮހޭނި ކުނޑިތައް ކައިފި

  • Writer: Goal mv
    Goal mv
  • Jul 5, 2021
  • 2 min read


1953 ވަނަ އަހަރެވެ. ފުރަތަމަ ރައީސް ސުއްމުވުލްއަމީރު މުޙައްމަދު އަމީންދީދީގެ ޒަޢާމަތް ފެށުނީއެވެ. އެއާއެކު ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުފުޅުތައް ކުރެއްވިއެވެ. އެ ދަތުރުފުޅުތަކުން ބޮޑު ސުވާލުގެ ޖަވާބު ލިބިވަޑައިގަތެވެ. އަމީންދީދީއަށް އެނގިވަޑައިގަތީ ނޫނޭ ނޫނޭވާ ހަސަދަވެރި ހިތްތަކެއްވާކަމެވެ. ދުޝްމަނުކަމުގެ ލޯތަކެއް ވާކަމެވެ. އަނިޔާވެރި އަތްތަކެއް ވާކަމެވެ. ޝައިޠާނީ ސިކުނޑިތަކެއް ވެސް ވާކަންމެއެވެ.


ދިވެހިތާރީޚުގައި މަޝްހޫރު ގއ.ނިލަންދޫ ޙަކީމްދީދީއާއި، ގއ.ވިލިނގިލީ ދޮން އަޙްމަދުގެ ޢަލީ ތަކުރުފާނާއި، ޢައިޝާފާނާއި، ދޮންދިޔަގެ ޢަލީ ތަކުރުފާނާއި، މި ހަތަރު މުޖުރިމުންގެ ވާހަކައެވެ. އެ މީހުން ކުޅަ ޢަމަލުތަކުގެ ވާހަކައެވެ. އޭގެ ނަތީޖާއެވެ.



މި ހަތަރު މުޖުރިމުންގެ ހާލަތޭތޯއެވެ. މަޙްކަމަތުއްޝަރީޢަތުގައި ހަތަރު މުޖުރިމުންގެ ޝަރީޢަތް ކުރިއަށް ގެންދެވުނެވެ. ގިނަ ބައެއްގެ ހާޒިރުގައެވެ. ޝަރީޢަތް ކުރައްވާ ޙުކުމްކުރައްވަން އިންނެވީ ފަނޑިޔާރު ފަޟީލަތުއް ޝައިޚު ޖަލާލުއްދީނެވެ. ޝަރީޢަތުގެ މަޖިލީހަށް ސާބިތުވީ އޭރު ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީގެ ދުވަސް ދުއްވައިލަން ސިހުރުހަދާފައިވާ ކަމަށެވެ. ޝަރީޢަތުގެ މަޖިލީހަށް ސާބިތުވި ގޮތުގައި ގއ.ވިލިނގިލީ އަނީސް، ނަމަކަށް ކިޔާ މީހަކު އެދިގެން ޙަކީމް ދީދީ ވަރަށް ވަރުގަދަ ވިހަ ހިކައެއްގައި ނުބައި ސިހުރެއް ލިޔުނެވެ. އަދި އެ ހިކަ ލައިގެން ފެންކެއްކިއެވެ. އެއަށްފަހު އެ ފެނުގައި ސައިހަދައިފައި ވީރު އަލިދީދީއަށް ބޯންދިނެވެ. ޝަރީޢަތުގެ މަޖިލީހުގައި ޙަކީމްދީދީ ވަނީ އެ ކަންކުރިކަމަށް ފަށްފަށުން އިޢުތިރާފުވެފައެވެ.

އެހެންކަމުން ފަނޑިޔާރު ފަޟީލަތުއް ޝައިޚު ޖަލާލުއްދީން ނިންމެވީ ޙަކީމްދީދީގެ މަރު ހިފުމަށެވެ.


އާދެ، މިވަރަކުން އަދި ނުފުދުނެވެ. ކުރިއަށް އޮތީއެވެ. މާ ބޮޑެތި ޖަރީމާތަކެކެވެ. ޙަކީމްދީދީއާއި، ދޮން އަޙްމަދުގެ ޢަލިތަކުރުފާނާއި، ދޮންދިޔަގެ ޢަލިތަކުރުފާނުވަނީ، ވިލިނގިލީ ޤަބުރުސްތާނުގައި ވަޅުލާފައިވާ ތުއްތު ދެ ކުއްޖެއްގެ މަހާނަކޮނެގެން އެ ދެ ކުދިންނަގާފައެވެ. އެއަށްފަހު ބަނޑުފަޅައިލައިގެން އެ ކުދިންގެ މޭގަނޑުގައި ތެޔޮ ހާނައިގެން، އެ ތެޔޮ، އެ މީހުންގެ ހަށިގަނޑުގައި އުނގުޅާ ތެޔޮހޭނި ކުނޑިތައް ވެސް ވަނީ ކައިފައެވެ. ޙަކީމްދީދީއާއި، ދޮން އަޙްމަދުގެ ޢަލިތަކުރުފާނުވަނީ މި ނުބައި ޢަމަލު ހިންގިކަމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް ދޮންދިޔަގެ ޢަލިތަކުރުފާނު މިކަމަށް އިންކާރުކުރިއެވެ. އެހެނަސް އޭނާ އެކަން ކުރިކަމަށް ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ވަނީ ސާބިތުވެފައެވެ. އެ ގޮތުން އޭނާއަށާއި، ދޮން އަޙްމަދުގެ ޢަލިތަކުރުފާނާމެދު ފަނޑިޔާރު ޖަލާލުއްދީން ނިންމެވީ 39 އެތިފަހަރުން ތައުޒީރުކުރުމަށްފަހު ޢުމުރު ދުވަހަށް ހައްޔަރުކުރުމަށެވެ.


ދޮން އަޙްމަދުދީދީގެ ޢައިޝާފާނުތޯއެވެ. އޭނާ ވަނީ ހިކަ ލައިގެން ސައިކައްކައިދިން ކަމަށާއި، އެހެނިހެން ގޮތްގޮތުން ވެސް ވީރު އަލިދީދީ ދުނިޔެއިން ފޮހެލުމަށް ހިންގި ޖަރީމާގައި ބައިވެރިވިކަމަށް އެއްބަސްވެފައެވެ. މި ގޮތުން ފަނޑިޔާރު ޖަލާލުއްދީން ޙުކުމްކުރެއްވީ 39 އެތިފަހަރުން ޢައިޝާފާނު ތައުޒީރުކުރުމަށްފަހު، އަމުރު ނިމިއްޖައުމަށްދާންދެން ހައްޔަރުގައި ބޭއްވުމަށެވެ. ޝަރީޢަތުގެ މަޖިލިސް ކުރިއަށްދަނީއެވެ. ކަމަކަށްފަހު ކަމެއް ފެންމަތިވަމުންނެވެ. ގިނަ ބަޔަކު ކުރިމަތީގައި މުޖުރިމުން، މުޖުރިމުންގެ ކުށަށް އިޢުތިރާފުވަމުންނެވެ. ދެން އިވުނީ ވެސް މާ ބޮޑު ވާހަކައެވެ. އަމީންދީދީ އަވަހާރަކޮށްލުމަށް ރޭވި ރޭވުމެއްގެ ވާހަކައެވެ. މި ކަން ކުރުމަށް ދޮން އަޙްމަދުގެ ޢަލިތަކުރުފާނު ވަނީ ނުބައި ރޭވުންތަކެއް ރާވައި އެއާއި އެއްގޮތަށް ޢަމަލު ވެސް ކޮށްފައެވެ. އަމީންދީދީ އަވަހާރަކޮށްލުމުގެ ނިޔަތުގައި ގޮދަން ފުށުން ސޫރައެއް ހެދީއެވެ. ނަމަވެސް އެ ސޫރަ ކާންއުޅެއުޅެ ނުކެވުނުކަމަށް ޝަރީޢަތުގެ މަޖިލީހުގައި އޭނާ އިޢުތިރާފުވިއެވެ. ޝަރީޢަތުގެ މަޖިލިސް ނިމިއްޖެއެވެ. ދެން އޮތީ ތަންފީޒުކުރުމުގެ މަރުހަލާއެވެ. މިއަދު މި ވިދާޅުވާ ގޮތަށް ”ތަޙުޤީޤު ނިމެނީއެކޭ“ ނުވަތަ ”ހެއްކާއި ޤަރީނާ ނެތީއޭ“، ނޫންނަމަ ”މަސްލަހަތު ފުށުއަރަނީ“ އެކޭ ވިދާޅެއްނުވެއެވެ. އާދޭހެވެ. ނުބައިނުލަފާވެގެންވި ޙަކީމް ދީދީގެ މަރުގެ އަދަބު ތަންފީޒު ކުރާ ވަގުތު ކުޑަތަންވީއެވެ.


އެހެންކަމުން ފަނޑިޔާރު ޖަލާލުއްދީނާއި އޭރުގެ ވަޒީރުލްއަމީންޢާންމާއި، ވަޒީރުލްއަމީންޢާންމުގެ ވަކީލާއި، މަޙްކަމަތުއް ޝަރިއްޔާގެ ވެރިޔާގެ ޤާއިމު މަޤާމު އައްޝައިޚް އިބްރާހިމް ރުޝްދީ އަލްއަޒްހަރީ އާއި، ފަޟީލަތުއް ޝައިޚް މަލިމް މޫސާ ކަލޭފާނުގެ ހާޒިިރުގައި ޙުކުމް ތަންފީޒުކުރިއެވެ. ހުޅުލޭގައި ޙަކީމްދީދީ ގަޔަށް ބަޑިޖަހައި މަރުހިފައިފިއެވެ.


މި ޚަބަރު ލިބުމުން އަޅުގަނޑު ނިކަން އުފާވެފައި ހުއްޓަސް، ޤައުމު މިއަދު ކުރާ ހިތާމަ މާ ބޮޑެވެ. މަރުގެ އަދަބު ތަންފީޒުކުރުމާމެދު ޢާންމުންގެ ޚިޔާލު ހޯދަނީ ޔޯލައެވެ.


މަތިވެރި އިލާހުގެ ޝަރީޢަތުގައި ކަނޑައެޅިގެން އައިސްފައިވާ ޙުކުމްފުޅަކަށް މީހެއްގެ ޚިޔާލެއް ހޯދާކަށް ނުޖެހެއެވެ.


އެ އިލާހުގެ ޝަރީޢަތްތަކަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ މާއްދާތައްހެން ދެއިރު ދެދަޅައަށް ބަދަލުވާ އެއްޗެއްނޫނެވެ. އެ އިލާހުގެ ޝަރީޢަތަކީ ބައެއް ބޭފުޅުން ބޭނުންވެލެއްވީމައި ހިތުހުރި ގޮތަކަށް ބިލެއް އެކުލަވާލައްވައި ބިލު ފާސްކުރައްވައި، އުނިއިތުރު ގެންނަވައި ކޮށައިމަށައި ހައްދަވާހެން ޢަމަލުކުރެވެން އޮންނަ ޝަރީޢަތެއްނޫނެވެ.


އެއީ މާ ފުރިހަމަ، މާ ތަނަވަސް، މާ ޙިކްމަތްތެރި ޝަރީޢަތެކެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page