https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ވަގުތުގެ މުހިންމުކަން ތިބާއަށް އެނގޭ ހެއްޔެވެ؟

  • މާހިރު މުޙައްމަދު
  • Oct 22, 2021
  • 2 min read

ވަގުތަކީ އިންސާނާގެ ދުނިޔަވީ ހަޔާތުގައި ވަރަށް މުހިއްމު ބަހާއެކެވެ. އިސްލާމް ދީނުގައި ވަރަށް ބޮޑަށް ހެޔޮގޮތުގައި ވަގުތުގެ ބޭނުން ހިފުމަށް އިރުޝާދު ދެއްވާފައިވެ އެވެ. އަދި ވަގުތުގެ ވާހަކަ ކީރިތި ޤުރްއާނުގައި އެކި ސިފަސިފައިގައި އެކި ނަންނަމުގައި އައިސްފައިވެއެވެ. އޭގެ ތެރޭގައި އަންނަނިވި ނަންތައް ހިމެނެއެވެ. (الدَّهرُ، اَلْحِينُ، الآنَ، اليَومُ، الأجَلُ، الأَمَدُ، السَّرْمَدُ، الأَبَدُ، الخُلْدُ، العَصْرُ) މިއީ މުޅިން ވެސް ވަގުތަށް ކިޔާ ޢާންމު ނަންނަމެވެ. މީގެ އިތުރުން ވަގުތުގެ އެކި ބަހާއަށް ކިޔާ ނަންތައް ވެސް ޤުރްއާނުގައި އައިސްފައިވެއެވެ. އޭގެ ތެރޭގައި اللَّيْلُ، النَّهَارُ، الضُّحَى، الْفَجْر ފަދަ ނަންތައް ހިމެނެއެވެ. ކީރިތ ޤުރްއާނުގައި ވަގުތު ގަންދެއްވައި ހުވާ ވަޙީކުރައްވާފައި ވުމުން ވެސް ދީނުގައި ވަގުތުގެ މުހިންމުކަން ދޭހަވެއެވެ. މީހުންނަށް އަގުކުރަން ފަސޭހައީ ލޮލަށް ފެންނަ އަތުން ހިފޭ ތަކެއްޗެވެ. އެހެންވެ ވަރަށް ގިނަ ފަހަރަށް ވަގުތަކީ އެފަދަ މާއްދީ އެއްޗަކަށް ނުވާތީ އެއީ އަގުހުރި އެއްޗެއްކަން ދޭހަނުވެ، އޭގެ ބޭނުން ނުހިފި ފާއިތުވެގެންދެއެވެ. ހަޔާތުގައި ދެރަ ކަމެއް ދިމާވުމުން މެނުވީ ގިނަ ފަހަރަށް ވަގުތަކީ އަހަރެމެންގެ ހަޔާތުގައި އެއާ ދޭތެރޭގައި ވިސްނަންވީ އެއްޗެއް ކަމެއް ވެސް ނޭނގޭ ކަހަލައެވެ. މިހާ ހިސާބުން ވަގުތުގެ މުހިއްމުކަން އަންގައިދޭ ބައެއް ޙަދީސަށް ބަލާލާނަމެވެ. ﷲ ރުއްސުންލެއްވި އިބުނު ޢައްބާސްގެ އަރިހުން ބުޚާރީ ތަޚްރީޖު ކުރެއްވި ޙަދީސެއްގައި ވަނީ: نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيْرٌ مِنَ النَّاسِ: أَلصِّحَّةُ وَالْفَرَاغُ "ގިނަ ބަޔަކު އެއާ ދޭތެރޭގައި ފަރުވާކުޑަކޮށްލާ 2 ނިއުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސް ވަގުތެވެ." މާނަ އަކީ އިންސާނާ ފުރިހަމަ ޞިއްޙަތުގައި ހުންނަ ވަގުތު އޭނާއަށް ވަރަށް ގިނަ ކަންތައް ވަރަށް ފުރިހަމައަށް ކުރެވޭނެ އެވެ. އެހެނަސް ބަލިވުމުން އެގޮތަށް އެހާ ފުރިހަމައަށް އެ ކަންކަމެއް ނުކުރެވޭނެއެވެ. އެހެން ކަމުން ޞިއްޙަތު ސަލާމަތުން ހުންނަ އިރު އެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިއްމު ކަމެކެވެ. ހަމައެފަދައިން ކަމެއް ނުކޮށް ބޭކާރު ގޮތުގައި ދޫކޮށްލާ ހުސް ވަގުތަކީ ކުރެވޭ ވަރަށް ބޮޑު އިސްރާފެކެވެ. އެއާ މެދު އޭނާއާ ސުވާލު ކުރެވޭނެ އެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅަށް ބަލާއިރު އެކި ކަންކަމުގައި ވަރަށް ހީވާގިވެވަޑައިގެން ވަގުތުގެ ބޭނުން ހިއްޕަވާފައި ހުރިތަން ފެނެ އެވެ. މިސާލަކަށް ﷲ އެ ކަމަނާއަށް ރުއްސުންލެއްވި އުއްމުލް މުއުމިނީނަ ޢާއިޝަތުގެފާނުންގެ އަރިހުން އަލްބުޚާރީ އާއި މުސްލިމު ރިވާކުރެއްވި އަންނަނިވި ޙަދީސަށް ބަލާލަމާ ހިނގާށެވެ. {كَانَ رَسُولُ اللهِ  إِذَا دَخَلَ الْعَشْرُ (أي: عَشْرُ رَمَضَانَ) أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَرَ} "ކީރިތި ރަސޫލާ 10 ވަނުމުން (ރޯދަމަހުގެ ފަހު ދިހަ ދުވަހަށް އެޅުމުން) ރޭގަނޑު ދިރުއްވައެވެ. (ރޭއަޅުކަމުގައި މަޝްޣޫލުވެވަޑައިގަންނަވައެވެ.) އަހުލުވެރިން ހޭލައްވައެވެ. އަދި ގަދައަޅައި ރޭއަޅުކަން ކުރައްވައެވެ." ވަގުތަކީ އެއާ މެދު ޤިޔާމަތް ދުވަހުން އަހުރެމެންނާ ސުވާލުކުރެވޭނެ އެއްޗެއްކަން އަންނަނިވި ޙަދީސުން އެނގެއެވެ. އިބްނު މަސްޢޫދުގެ އަރިހުން އައްތިރްމިޛީ ރިވާކުރެއްވި ޙަދީސެއްގައި ވެއެވެ. "ފަސް ކަމެއްގެ ވާހަކައިން ސުވާލުކުރެވުމުގެ ކުރިން ޤިޔާމަތް ދުވަހު އަޅާއަށް ހުރިތަނުން ގުޑައިވެސް ނުލެވޭ ހުއްޓެވެ. لاَ تَزُولُ قَدَمُ ابْنُ آدَمَ يَوْمَ الْقِيَامَةِ مِنْ عِنْدِ رَبِّهِ حَتىَّ يُسْأَلَ عَنْ خَمْسٍ: عَنْ عُمُرِهِ فِيمَ أَفْنَاهُ وَعَنْ شَبَابِهِ فِيمَ أَبْلاَهُ وَمَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ وَمَاذَا عَمِلَ فِيمَا عَلِمَ؟} އެއީ އޭނާ ޢުމުރު ހޭދަކުރީ ކޮން ގޮތަކަށްތޯ އާއި އޭނާގެ ޒުވާންކަން ހޭދަކުރި ގޮތާ ބެހޭގޮތުންނާއި، އޭނާ މުދާ ހޯދީ ކިހިނަކުންތޯ އާއި އަދި އެ މުދާ ހޭދަކުރީ ކޮން ގޮތަކަށްތޯ އާއި އޭނާ އުނގެނި ޢިލްމުގެ އޭނާ ބޭނުން ހިފީ ކިހިނެއްތޯއެވެ. މި ޙަދީސްތަކަށް ނަޒަރު ހިންގާލާއިރު އިންސާނާގެ ޙަޔާތުގައި ވަގުތުގެ މުހިންމުކަން ވަރަށް ބޮޑަށް ދޭހަވެއެވެ. މުސްލިމަކަށް އޭނާގެ އާޚިރަތް ބާއްޖަވެރި ކުރެވޭނީ ވެސް ދުނިޔޭގައި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ކަން އެނގެއެވެ. އެހެން ނޫންނަމަ ދެ ދުނިޔޭގައި ވެސް ހުރީ ގެއްލުމާއި ހަލާކެވެ. ހަމަ އެހެންމެ މުސްލިމުންނަށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމާއި ވަގުތަކީ ބޮޑުވެގެންވާ ނިޢުމަތެއް ކަމާއި ފައިސާ އާއި ޞިއްޙަތު ފަދައިން އެއާ މެދު ވެސް އޭނާއާ ސުވާލު ކުރެވޭނެ ކަން އެނގެ އެވެ. 2ވަނަ ފުރުޞަތެއް ނުލިބޭ ތަކެތީގެ ތެރޭގައި ފާއިތުވާ ވަގުތާއި، ބުނެފައި ދޫކޮށްލާ ބަހާއި ދުނީގައި ރުވާފަ ދޫކޮށްލާ ތީރު ހިމެނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page