https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސްވިޒަލޭންޑަށް ހިތާމަވެރި ނިމުމެއް، ސްޕެއިން ސެމީއަށް

  • Writer: Goal mv
    Goal mv
  • Jul 3, 2021
  • 1 min read


ޔޫއެފާ ޔޫރޯ 2020 މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑް ޕެނަލްޓީގައި ބަލިކޮށް މުބާރާތުގެ ރެކޯޑް ޗެމްޕިއަން ޓީމު ސްޕެއިން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.


ރަޝިޔާގެ ސެއިންޓް ޕީޓާސް ބާގް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ސްޕެއިން ކުރި ހޯދީ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. އެންމެ ފަހުގެ ޔޫރޯގެ ނާކާމީޔާބީއަށް ފަހު މުޅިން އައު ފެށުމަކާ އެކު ސްކޮޑު މުޅިންހެން ބަދަލުކޮށް ސްޕެއިނުން މިފަހަރުގެ ޔޫރޯގައި ތަފާތު ދައްކަމުން އަންނަ އިރު އެ ޓީމު ސެމީގައި ވާދަ ކުރާނީ ރޭ ބެލްޖިއަމާއި އިޓަލީ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.


ސްޕެއިނުން ކުއާޓާގެ ފުރުސަތު ހޯދީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 5-3 އިން ކްރޮއޭޝިއާ ބަލިކޮށްގެންނެވެ. ސްވިޒަލެންޑް ވަނީ ދެ ވަނަ ބުރުގައި މުޅި ދުނިޔެ ހައިރާންކޮށްލައި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސް ކަޓުވާލައިފަ އެވެ. ފްރާންސް 3-1 އިން ކުރީގައި އޮއްވައި ފަހު 10 މިނިޓް ތެރޭ 3-3 އިން އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް މޮޅުވީ 5-4 އިންނެވެ.


ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް އިތުރުވަގުތުގެ އެންމެ ފަހުވަގުތާ ހަމައަށް ސްވިޒަލޭންޑުން ވަނީ ހިތްވަރުކޮށް ސްޕެއިން ހިފަހައްޓައިފައެވެ. ސްވިޒަލޭންޑް މެޗުން ބަލިވީ ޕެނަލްޓީގައި ލިބުނު ނާކާމީޔާބީގަ އެވެ. ސްވިޒަލޭންޑުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ބޭކާރުވެގެން ދިޔަ އިރު، ސްޕެއިނުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page