https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސްކޮޓްލޭންޑުން އިންގްލޭންޑް ހިފަހައްޓައިފި

  • މާހިރު މުޙައްމަދު
  • Jun 19, 2021
  • 1 min read

Updated: Jun 19, 2021



ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްކޮޓްލޭންޑާއި އިންގްލޭންޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.


މި ނަތީޖާއާއެކު އިންގްލޭންޑް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕް ޑީގެ ދެވަނައިގައެވެ. އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު ޗެކް ރިޕަބްލިކް އޮތްއިރު، އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އަދި ތިންވަނައިގައި އޮތް ކްރޮއޭޝިއާ އާއި ގްރޫޕްގެ ފުލުގައި އޮތް ސްކޮޓްލޭންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕްގައި އަދި ހަތަރު ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ.


މި ގްރޫޕްގައި ބާކީ ދެން ކޮންމެ ޓީމަކަށް ވެސް އޮތީ އެންމެ މެޗެއް ކަމަށްވާއިރު، ގްރޫޕްގެ ފަހު މެޗުގައި އިންގްލޭންޑް ނިކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. އަދި ކްރޮއޭޝިއާ ނިކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ.


ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގޯލްޖަހަން ދެ ޓީމަށް ވެސް ލިބިފައިވަނީ ދާދި ހަމަހަމަ ފުރުސަތުތަކެކެވެ. އެގޮތުން ފުރަތަމަ ހާފްގައި އިންގްލޭންޑްގެ ޑިފެންޑަރު ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި އަމާޒުވިއިރު ދެވަނަ ހާފްގައި މޭސަން މައުންޓް ދުރުން ފޮނުވާލި ހަމަލާ ދިފާއުކުރީ ސްކޮޓްލޭންޑުގެ ކީޕަރު މާޝަލް އެވެ.


މައުންޓް ފޮނުވާލި އެ ހަމަލާއަކީ މުޅި މެޗުގައި ވެސް އިންގްލޭންޑަށް ސްކޮޓްލޭންޑުގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ހަމަލާއެވެ.


ސްކޮޓްލޭންޑުގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު، ފުރަތަމަ ހާފްގައި އެޓީމުގެ އޯ ޑޮނެލް ފޮނުވާލި ހަމަލާ އިންގްލޭންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ. އަދި ދެވަނަ ހާފްގައި ޑައިކްސް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ރޮގުމަތިން އިންގްލޭންޑްގެ ރީސް ޖޭމްސް ދިފާއުކުރިއިރު، ޗޭ އެޑަމްސް އަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭ ވަރަކަށް ހުހަށް ހުރެ ކުރިއަށް ފޮނުވާލަން ލިބުނު އެ ބޯޅަ އެޑަމްސްގެ ފަޔަށް ރަނގަޅަށް އަރާގޮތް ވަނީ ނުވެފައެވެ.


ނަތީޖާ އަނބުރާލަން އިންގްލޭންޑުން ޖެކް ގްރީލިޝް އާއި މާކަސް ރަޝްފޯޑް ކުޅެން އެރުވި ނަމަވެސް އެ ދެ ކުޅުންތެރިންނަށް ވެސް މާ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެއް ނުވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page