ސަމާލުވޭ- ރާއްޖެއިން ވިހަގަދަ ބޯވައެއް ފެންނަމުން އެބަދޭ
- މާހިރު މުޙައްމަދު
- Aug 22, 2021
- 1 min read

މި ފަހަކަށް އައިސް ބްލޫރިންގްޑް އޮކްޓޮޕަސް ރާއްޖެއިން ފެންނާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން މިއަދު ވަނީ އިލްތިމާސްކޮށްފިއެވެ.
އެ އިންސްޓިޓިއުޓުން ބުނީ މިއީ ރާއްޖޭގައި އާންމުކޮށް އުޅޭ ބާވަތްތަކުގެ ބޯވަ އާއި ހިލާފަށް ސައިޒުން ކުޑަ ބޯވައެއް ކަމަށާއި އެސޮރުމެންނަށް ނުރައްކާ އިހުސާސްވުމުން، ވަށް ބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއްހެން ލަތްތަކެއް ހަންގަނޑަށް އަރުވާ ކަމަށެވެ.

އަދި މި ބޯވަ ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެސޮރުމެން އުފައްދާ ވިހަ މާއްދާ ބޭނުންކޮށްގެން ކަމަށާއި މިއީ އިންސާނުންގެ ހިއްސުތަކާ ބެހޭ ނާރަށް ހަމަލާދޭ ވިހައެއް ކަމަށް ބުނެފައިވެއެވެ.

އެގޮތުން މި ބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ އިންސާނުންގެ ގައިގައި ދަތް އަޅައި ވިހަ ދޫކުރުމުގެ ފުރުސަތު އޮންނަ ކަމަށާއި މިގޮތަށް ބޯވަ ހިފައި ގެންގުޅޭއިރު ދަތް އެޅިއަސް އެކަމުގެ ތަދު އިހްސާސް ނުވެދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މި ވިހައިގެ އަސަރު ހަށިގަނޑަށް ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާ ކަމަށް މެރިން ރިސާޗް އިންސްޓިޓިއުޓުން ހާމަކުރެއެވެ.

އަދި މިފަދަ ހާލަތްތަކުުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތްއަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިގެން ދަންދެން ކުއްލި ފަރުވާގެ ގޮތުގައި މަސްނޫއީކޮށް ނޭވާލައްވަން ޖެހޭ ކަމަށާއި އާއްމު ގޮތެއްގައި ވިހައިގެ އަސަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިގެންދާ ކަމަށް ވެސް ބުނެފައިވެއެވެ.
މި ބޯވައިގެ ވިހަ ހަށިގަނޑުން ނައްތާލަން ފަރުވާދިނުމަށްޓަކައި އެންޓި ވެނަމެއް ހޯދިފައި އަދި ނުވާ ކަމަށްވެސް މެރިން ރިސާޗުން ބުނެއެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ މި ވައްތަރުގެ ބޯވައެއް ފެނުނަސް އަތްލައި ނުހެދުމަށާއި އަދި ބަލާލަން ރީތި ނަމަވެސް މި ބާވަތުގެ ބޯވަ ނަގައި ޓޭންކްތަކުގައި ނުގެންގުޅުމަށް އިލްތިމާސްކޮށްފައެވެ.








Comments