ކަހަނބެއްގެ ސަބަބުން އެއާޕޯޓުގެ ދަތުރުތަކަށް ބުރޫ އަރައިފި
- މާހިރު މުޙައްމަދު
- Sep 29, 2021
- 0 min read

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ މައި އެއާޕޯޓުގެ ރަންވޭ މަތިން ދިޔަ ކަހަނބެއްގެ ސަބަބުން އެ އެއާޕޯޓުން ދަތުރުކުރަން ޝެޑިއުލްކޮށްފައި އޮތް މަތިންދާބޯޓުތަކަށް ބުރޫ އަރައިފިއެވެ.
ޓޯކިޔޯގެ ނަރީތާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަތިން ކަހަނބު ހިނގާފައި ދާތަން ފެނިފައި ވަނީ މަތިންދާބޯޓެއް ފުރަން އުޅެނިކޮށެވެ. ޕައިލެޓަށް ކަހަނބު ފެނުމާއެކު އޭނާ ވަނީ ފްލައިޓް ހުއްޓާފައެވެ. ޕައިލެޓް ވަގުތުން އެއާޓްރެފިކް ކޮންޓްރޯލްއަށް މިކަން ވަނީ އަންގައިފައެވެ. ރަންވޭ މަތިން ފެނިފައިވާ ކަހަނބުގެ ބަރުދަނުގައި 2.1 ކިލޯ ހުރި އިރު މި ކަހަނބުގެ ދިގުމިނުގައި 30 ސެންޓިމީޓަރު ހުއްޓެވެ. މި ކަހަނބު ރަންވޭ މަތިން ނަގާފައި ވަނީ އެއާޕޯޓުގެ މުވަޒަފުން ކުރި މަސައްކަތުންނެވެ. ރަންވޭ މަތިން ކަހަނބު ނެގިނަމަވެސް އޭގެ ފަހުން 12 ވަރަކަށް މިނެޓް ވަންދެން ރަންވޭ ވަނީ ބަންދުކުރަން ޖެހިފައެވެ. އެއީ މީގެ އިތުރު ކަހަނބެއް ރަންވޭ މަތީގައި އޮވެދާނެތީ ރައްކާތެރިވުމުގެ ގޮތުން އިތުރަށް ބެލުމަށެވެ. 12 މިނެޓަށް ރަންވެއި ބަންދުކޮށްފައި އޮތުމުގެ ސަބަބުން 5 މަތިންދާބޯޓު ވަނީ ފުރަން އޮތް ގަޑިއަށް ނުފުރި ފަސްކުރަން ޖެހިފައެވެ. ނުފުރި މަޑުކުރަން ޖެހުނު މަތިންދާބޯޓުތަކުގެ ތެރޭގައި ކަހަނބު ތީމަށް ހަދާފައިވާ މަތިންދާބޯޓެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ.








Comments