https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރޮނާލްޑޯ ލަދެއްގައި ބެދިއްޖެ

  • މާހިރު މުޙައްމަދު
  • Aug 23, 2021
  • 1 min read

އާ ސީޒަނުގެ ފުރަތަމަ މެޗުގައި އެއްވަރުވަމުން ދިޔަ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލު ނުގުނުމުން އޭނާ ބޮޑު ލަދެއްގައި ބެދިއްޖެއެވެ.


އިޓާލިއަން ލީގުގެ ކުޅުން ރަސްމީކޮށް ފަށައިގެން ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުގައި ރޭ ޔުޑިނީސްއިން ފަހަތުން އަރައި ދެ ގޯލު ޖަހައި ޕޮއިންޓެއް ވަނީ ހޯދައިފައެވެ. އަހަރުތަކެއްގެ ޑޮމިނެންސަށް ފަހު ޔުވެންޓަސްއަށް މިދިޔަ ސީޒަނުގައި ލީގު ގެއްލުނު އިރު، އެ ޓީމުން މި ސީޒަނާއި ކުރިމަތިލީ އޭރު ހުރި ކޯޗު އަންދުރޭ ޕިރްލޯ މަގާމުން ވަކިކޮށް ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ކޯޗެއްގެ ގޮތުގައި ހަމަޖެއްސުމަށްފަހުއެވެ. ޔުވެންޓަސްގެ ޕޯޗުގަލް ތަރި ރޮނާލްޑޯ ބެންޗުގައި ބަހައްޓައިގެން ފެށި ރޭގެ މެޗުގެ ކުރީކޮޅު އެ ޓީމުން ވަނީ ދެ ގޯލުޖަހައި ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނަޓުގައި ޕައޮލޯ ޑިބާލާ ޖެހި ގޯލުން ޔުވެންޓަސް މެޗު ފެށި އިރު، 23 ވަނަ މިނަޓުގައި ލީޑު ފުޅާކޮށްދިނީ ކޮލޮމްބިއާގެ ޑިފެންޑަރު ކުއަޑްރާޑޯއެވެ. ފުރަތަމަ ހާފުގައި ޖެހި ދެ ގޯލާ އެކު ޔުވެންޓަސްއަށް މެޗު ލިބުނީ ކަމަށް ހީކޮށްގެން ތިއްބައި ދެވަނަ ހާފުގެ ކުރީކޮޅު ޔުޑިނީސްއިން ވަނީ ގޯލެއް ޖަހައި އުންމީދު ދަމަހައްޓައިފަ އެވެ. ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެ ގޯލު ޔުޑިނީސްއަށް ޖަހައިދިނީ ރޮބާޓޯ ޕެރޭރާއެވެ. އެއަށްފަހު 83 ވަނަ މިނަޓުގައި ޔުޑިނީސްއިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެ ގޯލު ޔުޑިނީސްއަށް ޖަހައިދިނީ ބާސެލޯނާގެ ކުރީގެ ފޯވާޑް ޖެރާޑް ޑިއުލެފޯއެވެ. ޕޮއިންޓަކުން ފުއްދާލަައިގެން މެޗު ނިންމާލުމަށް ޔުޑިނީސްއިން މަސައްކަތް ކުރަމުން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ޔުވެންޓަސްއިން ވަނީ ގޯލެއް ޖަހައި ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ. އެ ގޯލު ޖެހި ރޮނާލްޑޯ ވަނީ ސެލަބްރޭޝަނުގައި އޭނާގެ ޖާޒީ ވެސް ބާލައިފައެވެ. އެހެން ނަމަވެސް ފަހު ވަގުތު ވީއޭއާރުން ރޮނާލްޑޯގެ ގޯލު އޮފްސައިޑް ކަމަށް ވަނީ ނިންމައިފައެވެ. އަދި އެހެންމެ ޖާޒީ ބޭލި މައްސަލައިގައި އޭނާއަށް ރީންދޫ ކާޑު ވެސް ރެފްރީ ވަނީ ދައްކައިފަ އެވެ. މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ރޮނާލްޑޯއަށް މެޗުގެ ފަހު ވަގުތު ލިބުނު ލަނޑާ އެކު ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑު ކިޔަމުންނެވެ. އަނެއްބަޔަކު ގޯސްކުރީ ވީއޭއާރެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page