ރެކޯޑު މުގުރާލައި އިޓަލީ ކުއާޓާއަށް
- Goal mv
- Jun 27, 2021
- 3 min read

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި، އިޓަލީން ތާރީހީ ރެކޯޑެއް މުގުރާލައިފިއެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ގަދަ 16 ގެ މެޗުގައި އިޓަލީން އޮސްޓްރިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. 2018 ވަނަ އަހަރުން ފެށިގެން ބަލިނުވެ އޮތް އިޓަލީން ވަނީ އެންމެ ފަހުން ކުޅުނު 31 މެޗުންވެސް ބަލިނުވުމުގެ ސިލްސިލާއެއް ދަމަހައްޓައިފައެވެ. އެ ސިލްސިލާއާއެކު އިޓަލީން ވަނީ 1930 ވަނަ އަހަރު އެގައުމުގެ ގައުމީ ޓީމުން ކޯޗު ވިޓޯރިއޯ ޕޯޒޯއާއެކު ހަދާފައިވާ ރެކޯޑު މުގުރާލައިފައެވެ. ޕޯޒޯގެ ޓީމުން ބަލިނުވެ ހިފެހެއްޓީ 30 މެޗުގެ ސިލްސިލާއެވެ. އިޓަލީއާއި އޮސްޓްރިއާ މިރޭ ކުޅުނު މެޗަކީ ޔޫރޯ 2020ގެ ގަދަ 16 ގައި ކުޅުނު ދެވަނަ މެޗެވެ. އިޓަލީން ގަދަ 16 އަށް ދިޔައީ 100 ޕަސެންޓް ރެކޯޑަކާއެކުގައެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ކޮޅަށް ގޯލެއް ވައްދާނުލައި މޮޅުވެފައިވާ އިރު، އެއީ ގްރޫޕް އޭގެ އެއްވަނަ ޓީމެވެ. އިޓަލީން ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ހަތް ގޯލު ޖަހައި، އެޓީމުން ތަށްޓަށް ވާދަކުރާނެކަން ދައްކާލައިފައެވެ. ޔޫރޯ 1968ގެ ޗެމްޕިއަންކަން ހޯދި އިޓަލީން ވަނީ އެންމެ ފަހުން 2016ގައި ބޭއްވި ޔޫރޯގައި ވެސް ރަނގަޅު ހިސާބަކަށް ދަތުރުކޮށްފައެވެ. ރަނގަޅު ފޯމެއްގައި ކުޅެމުން ގޮސް މުބާރާތުގެ ކުއާޓާއާ ހަމައިން އިޓަލީއަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަން އަތުން ބަލިވެގެންނެވެ. މިރޭގެ މެޗަށް އިޓަލީން ނުކުތީ އެންމެފަހުން ކުޅުނު 11 މެޗުގައިވެސް ކޮޅަށް ގޯލެއް ނުވައްދާ އޮވެގެންނެވެ. އިޓަލީއާ ދެކޮޅަށް މިރޭ އޮސްޓްރިއާއިން ނުކުތީ އެގައުމުގެ ތާރީހުގައިވެސް ޔޫރޯގެ ނޮކްއައުޓް ބުރުގައި ކުޅުނު ފުރަތަމަ މެޗަށެވެ. އެޓީމުން މިއަހަރު މުބާރާތުގެ ގަދަ 16 ޔަގީން ކުރީ ގްރޫޕް ސްޓޭޖުގައި ޔޫކްރެއިނާއި ނޯތު މެސަޑޯނިއާ ބަލިކޮށްގެންނެވެ. އޮސްޓްރިއާ ގްރޫޕް ސްޓޭޖުގައި ބަލިވީ ނެދަލޭންޑްސް އަތުން އެކަންޏެވެ. ގަދަ 16 އަށް ދިޔައީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މެޗުގެ ކުރީކޮޅުގައި ފެނިގެން ދިޔައީ ދެޓީމުންވެސް އެޓޭކް ކުރުމަށް މަސައްކަތް ކޮށް، ހިތްގައިމު މެޗެއްގެ ސިފަތަކެވެ. ދެޓީމުންވެސް ނޮކްއައުޓް މެޗެއްގެ ސިފައިގައި ކުޅެމުން ދިޔައީ "އެންޑް ޓު އެންޑް" ފުޓުބޯޅައެކެވެ. ހާއްސަކޮށް އިޓަލީގެ އެޓޭކް ފެނުނީ ނުރައްކާތެރިކޮށެވެ. އަރިމަތިން ކުޅެމުންދިޔަ ހަލުވި ލޮރެންޒޯ އިންސީނިއާގެ އިތުރުން ސީރޯ އިމޯބިލޭއަށް ފަހިވި ފުރުސަތުތައް މެޗުގެ ކުރީކޮޅުގައި ފާހަގަވެގެން ގޮސްފައިވާ އިރު، އޮސްޓްރިއާއިން ވަނީ ގިނަ އެޓޭކްތަކެއް ނުރައްކާ ވިޔަ ނުދީ ހިފަހައްޓައިފައެވެ. ހާފުގެ ގިނަ ވަގުތުގައި ބޯޅަ ހިފަހައްޓައިގެން އިޓަލީ ކުޅެފައިވާ އިރު، އިމޯބިލޭ ދުރުން ފޮނުވާލި ބާރު ހަމަލާ ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށްވެސް އަމާޒުވެފައެވެ. އޭގެ އިތުރުން އިޓަލީން އަރިމަތިން ވިންގް ބެކެއްގެ ގޮތުގައި ކުޅެމުން އައި ސްޕިނަޒޯލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބަރެއްލާ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ބެޗްމަން ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން ހާފު ނިމެނިކޮށް ސްޕިނަޒޯލާ ފޮނުވާލި ހަމަލާވެސް މަތަކުރީ ބެޗްމަންއެވެ. ދެވަނަ ހާފަށް އޮސްޓްރިއާ ނުކުމެފައި ވަނީ ކުރިއަށްވުރެވެސް ވަރުގަދަ ރޫހެއްގައެވެ. އެޓީމުން ކުރިއަށްވުރެ ބޮޑަށް އެޓޭކަށްވެސް ޖެހި އިޓަލީގެ މައްޗަށް ގަދަވެ ކުޅުމަށް މަސައްކަތް ކޮށްފައިވެއެވެ. އެ މަސައްކަތުގެ ތެރެއިން ހަމަލާތައްވެސް އުފައްދާފައިވެއެވެ. އެގޮތުން ހާފުގެ ކުރީކޮޅުގައި ސަބިޓްޒާ ފޮނުވާލި ބާރު ހަމަލާ، ބޮނޫޗީ ބްލޮކްކޮށްފައިވާ އިރު، އާނޯޓޮވިޗް ފޮނުވާލި ހަމަލާ، އިޓަލީގެ ކީޕަރު ޑޮނަރުއްމާ ވަނީ މަތަކޮށްފައެވެ. އޭގެ އިރުކޮޅެއްފަހުން އޮސްޓްރިއާއިން އިޓަލީ ގޯލަށް ބޯޅަ ވައްދާވެސް ލިއެވެ. އަލާބާ ބޮލުން ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިޓަލީގެ ގޯލަށް އާނޯޓޮވިޗް ބޯޅަ ފޮނުވާލި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ބޯޅަ ފޮނުވާލިއިރު، އާނޯޓޮވިޗް އޮފްސައިޑް މަގާމެއްގައި އޮތް ކަމަށެވެ. އޮސްޓްރިއާއިން ހިތްވަރާއެކު އިޓަލީގެ ވަރުގަދަ އެޓޭކް ލައިން ހިފަހައްޓަމުން ދިޔައިރު، އިޓަލީއަށް ސީދާ ގޯލަށް ހަމަލާތައް ފޮނުވައިލެވުނުލެއް މަދެވެ. އޮސްޓްރާއިން މެޗުގެ 90 މިނަޓާ ހަމައަށް އެންމެ ބުރަކޮށް ކޮށްފައި ވަނީ އިޓަލީގެ ހަމަލާތައް އޭރިއާ ތެރެއަށް ވަނަ ނުދީ ހިފަހައްޓާލުމަށެވެ. އިޓަލީއަށް އިތުރު ހާސްކަމާ ކުރިމަތިވެ އެޓީމުގެ ފަރާތުން ފައުލްތައް ގިނަކޮށް ފެންނަން ފެށިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ގޯލެއް ނުޖެހި އެއްވަރުވެފައި އޮތުމުން ކުއާޓާއަށް ދާނެ ޓީމެއް ޔަގީންކުރަން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅޭށެވެ. މާޔޫސް ކަމުގައި އިތުރު ވަގުތަށް ދިޔަ އިޓަލީން އެ އުދާސްތައް ފިލުވާލީ އިތުރު ވަގުތުގެ ފުރަތަމަ ފަސް މިނެޓް ތެރޭގައި ޖެހި ގޯލުންނެވެ. އެތައް މަސައްކަތެއް ކޮށް އިޓަލީން ޖަހަން މަސައްކަތްކުރި ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެޑަރީކޯ ޗިއޭސާއެވެ. ސްޕިނަޒޯލާ މަތިން ވައްޓާލި ބޯޅައެއް އޭރިއާ ތެރޭގައި ހުރެ ހިތްގައިމުކޮށް ކޮންޓްރޯލްކޮށްލައި، ޗިއޭސާ ބޯޅަ ވައްދާލީ ގޯލުގެ ދުރު ކަނަށެވެ.
އެ ގޯލާއެކު އިޓަލީން 1930 ވަނަ އަހަރު އެގައުމުގެ ރަން ޖީލުގެ ރެކޯޑު މުގުރާލުމާ ގާތަށް ޖެހިލައި، ކުއާޓާގެ ޖާގައަކާވެސް ގާތަށް ޖެހިލިއެވެ. އެކަން ޔަގީން ކުރީ އިތުރު ވަގުތުގެ ދެވަނަ ހާފަށް ނުކުތުމުގެ ކުރިން އިޓަލީން ޖެހި ދެވަނަ ގޯލާއެކުގައެވެ. އަޗާބީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިޓަލީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕެސީނާއެވެ. އިޓަލީން އިތުރު ކްލީން ޝީޓަކާއެކު މެޗު ނިންމާލަން ދިޔަ ނަމަވެސް އޮސްޓްރިއާއިން ވަނީ މެޗު ނިމެން ފަސްވަރަކަށް މިނެޓަށް ވެފައި ވަނިކޮށް 11 މެޗަށްފަހު ފުރަތަމަ ފަހަރަށް އިޓަލީގެ ގޯލު ފޫއަޅުވާލައިފައެވެ. އޭގެ ފަހުން އޮސްޓްރިއާއިން ޕްރެޝަރުކުރިވެސް މެއެވެ. މެޗު ނިމެންދެން އިޓަލީން ވަނީ ކައުންޓާ ފުރުސަތުތައް ފަހިކޮށް ހިފަހައްޓާލައިފައެވެ. އިޓަލީން ކުއާޓާގައި ކުޅެން ޖެހޭނީ ޕޯޗުގަލްއާއި ބެލްޖިއަމް ވާދަކުރާ ގަދަ 16ގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.








Comments