https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކަނަމަދު ކޭކު ރެސިޕީ

  • މާހިރު މުޙައްމަދު
  • Jul 2, 2021
  • 2 min read


ކޭކަށް ބޭނުންވާ ތަކެތި:

2 ބިސް

1 ޖޯޑު ފުށް

½ ޖޯޑު ތެޔޮ

½ ޖޯޑު ހަކުރު

1 ޖޯޑު ކަނަމަދު

¼ ސައިސަމުސާ ލޮނު

1 ސައިސަމުސާ ވެނީލާ އެސެންސް

2 ½ ސައިސަމުސާ ބޭކިންގް ޕައުޑަރ

1 ½ ސައިސަމުސާ ނެސްކެފޭ ޕައުޑަރ

1/3 ޖޯޑު އަދި 4 މޭޒުމަތީ ސަމުސާ ކިރު


ޓޮޕިންގްއަށް ބޭނުންވާ ތަކެތި:

1/3 ޖޯޑު ކިރު

½ ޖޯޑު ކަނަމަދު

1/3 ޖޯޑު ބަޓަރު

¼ ސައިސަމުސާ ލޮނު

3 މޭޒުމަތީ ސަމުސާ ގެރިކިރު

½ ސައިސަމުސާ މުގުރި ފޮނިތޮށި

½ ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ބްރައުން ޝުގަރ (އާދައިގެ ހަކުރު ވެސް ރަނގަޅުވާނެ)


ތައްޔާރު ކުރާނެ ގޮތް:މިކްސަރު ބޭނުން ކޮށްގެން ކަނަމަދުކޮޅު މުގުރާލާށެވެ. މުގުރާނީ އެހާ ހިމުންކޮށެއް ނޫނެވެ. މުގުރާ ނިމުނީމައި ކޭކަށްވީ ކަނަމަދާއި ޓޮޕިންގްއަށްވީ ކަނަމަދުކޮޅު ވަކިން ބަހައްޓާށެވެ.


7 އިންޗި ޑަޔަމީޓަރުގައި ހުރި ވަށް ކޭކު ފިހާ ތަބަކެއްގެ ފުލުގައާއި އަރިމަތި ތަކުގައި 2 ސައިސަމުސަލެއްހާ ތެޔޮ އުނގުޅާލާށެވެ. ދެން އުނގުޅާފައި ހުރި ތެޔޮތަކުގެ މައްޗަށް މޭޒުމަތީ ސަމުސަލެއްހާ ފުށް ބުރުއްސާލާށެވެ. ތަބަކަށް ފުށްކޮޅު އަޅާލާފައި ތަބަކުގައި ކުޑަކޮށް ތަޅާލާ ތަޅުވާލީމާ ރީތިކޮށް ފަށަލައެއްހެން ފުށްތައް ބުރުއްސިގެން ދާނެއެވެ. ތަބައް އަރި ކޮށްލާފައި އަރިމައްޗަށް ވެސް މިގޮތަށް ބުރުއްސާލެވޭނެއެވެ. ތަބަކުގެ ތެރޭގައި ފުށް ގިނަ ވެފައި ހުރިނަމަ އެކޮޅު ކޮޅުން ބާއްވާފައި ދެތިން ފަހަރަކު ފުލުގައި ޖަހާލީމާ ގިނަވާ ފުށްތައް ދާނެއެވެ.


180 ޑިގްރީސް ސެލްސިއަސްއަށް އަވަން ހޫނު ކުރަން ޖައްސާށެވެ. ކޭކު ފިހަން އަވަނަށް ލުމުގެ މަދުވެގެން 10 މިނެޓު ކުރިން އަވަން ހޫނުކުރަން ޖައްސަން ވާނެއެވެ.


ފުށާއި ބޭކިންގް ޕައުޑަރު އަދި ލޮނު އެހެން ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާށެވެ. ދެން ކޭކަށްވީ ކަނަމަދު އޭގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ.


ބިހާއި ހަކުރާއި ތެޔޮ އެއްކުރާށެވެ. މިކަމަށް އަތުން ހިފާ ކަރަންޓު މިކްސަރު، ސްޓޭންޑް މިކްސަރު، ނޫނީ ޖޫސް ގިރަން ބޭނުން ކުރާ މިކްސަރުވެސް ބޭނުން ކުރެވިދާނެއެވެ. އެއްކުރާނީ ރަނގަޅަށް އެއްވެ، ކުލަ ކޮންމެވެސް ވަރަކަށް އަލިވެ، އޮލަކަމެއް އެއަށް އަންނަން ދެނެވެ. ޖޫސް ގިރާ މިކްސަރު ބޭނުން ކުރާ ނަމަ މަޑު ދުވެލީގައި 2 މިނެޓު އެއްކޮށްލީމާ ރަނގަޅުވާނެއެވެ. އުލަކުންވެސް މިކަން ކުރެވިދާނެއެވެ. އުލަކުން ގިރާނަމަ 10 ވަރަކަށް މިނެޓު ގިރަންވާނެއެވެ.


ޖޫސް ގިރާ އެތީގައި ބިސްތައް ގިރި ނަމަ އެހެން ބޯތަށްޓަކަށް މިކްސަރުގައި ހުރި ސާމާނު އޮއްސާލާށެވެ.


ގިރާފައި ހުރި ބިސްތަކުގެ ތެރެއަށް ފުށް އެތިން 4 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް އަޅާ އެއްކޮށްލާށެވެ. މިކަމަށް ސަމުސަލެއް ބޭނުން ކުރެވިދާނެއެވެ.


ދެން 2 މޭޒުމަތީ ސަމުސާ ވަރުގެ ކިރުކޮޅެއް އަޅާލާފައި އަނެއްކާވެސް އެއްކޮށްލާށެވެ. އެއްކުރާނީ އެހާ ބާރަކަށް ނޫނެވެ.


މިގޮތަށް 7 އަދި 8 ގައި ބުނެފައިވާ ގޮތަށް ފުށާއި ކަށިކެޔޮ ކިރު އަޅައި އެއްކުރަމުން އެތަކެތި ހުސްކޮށްލާށެވެ.


ދެން ވެނީލާ އެސެންސްއާއި ނެސްކެފޭ ޕައުޑަރުކޮޅު އަޅާ އެއްކޮށްލާށެވެ.


ތައްޔާރު ކޮށްފައި ބެހެއްޓި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ.


ދެން ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބައް ބައިންދައިގެން ފިހާށެވެ. ފިހާނީ މައްޗަށް ރަން މުށި ކުލަ އަރައި މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު އޭގައި އެއްވެސް އެއްޗެއް ހަރުނުލާ ހުންނާނެ ވަރަށެވެ. އަހަރުމެންގެ ކޭކު ފިހެވުނީ 30 މިނެޓުންނެވެ. އެކަމަކު އެކި އަވަނުން ފިހެވޭ އިރު ތަފާތު ވެދާނެތީ މިކަމަށް ސަމާލު ވެލަން ވާނެއެވެ.


ކޭކު ފިހެވުމުން އަވަނުން ނެރެފައި 10 މިނެޓުވަރު ތަބަކުން ނުނަގައި އެހަށް ހިހޫ ކުރަން ބަހައްޓާށެވެ. ދެން ތަބަކުން ނަގާށެވެ.


ކޭކު ހިހޫ ވަމުން ދާއިރު ބަޓަރުކޮޅު ތެއްޔަށް އަޅާފައި މަޑުގިނީގައި ބަހައްޓައިގެން ބަޓަރުކޮޅު ދިޔާވަންދެން ކައްކާށެވެ.


ދެން ހަކުރު އަޅާފައި މެދު މިންވަރަކަށް ގިނި ގަދަކޮށްލާފައި ތެލީގައިވާ ތަކެތި ބޮކިޖަހާ ކެކިގަންނަންދެން ހުއްޓާނުލާ ގަށަމުން ކައްކާށެވެ.

ދެން އަނެއްކާވެސް ގިނި މަޑުކޮށްލާފައި ކިރުކޮޅު ތެއްޔަށް އަޅާފައި ގިރަމުން ގެންދާށެވެ. ގިނި މަޑުކޮށްލާނީ ތަންކޮޅެއް މަޑު ދުވެލީގައި ބޮކި ޖަހަމުން ދާނެ ވަރަށެވެ.


ތެލީގައިވާ ތަކެތި އޮލަވެލީމައި ގެރި ކިރާއި، ވެނީލާ އެސެންސާއި، ފޮނިތޮށްޓާއި، ލޮނު ތެއްޔަށް އަޅާ އެއްކޮށްލާށެވެ.


ދެން ވެސް ގިރަމުން ކައްކަމުން ގެންދާށެވެ. ދޭފަތުގައި ފަށަލައެއް ލެވޭހާ އޮލަވީމައި އުނދުން މަތިން ބާލާށެވެ. ހިހޫ ވަމުން ދާއިރު ކެއްކި ސާމާނު އަދި ވެސް ދާނީ އޮލަވަމުންނެވެ. ހިހޫ ކޮށްފައިވާ ކޭކުގެ މައްޗަށް ކެއްކި ސާމާނު އޮއްސާލާށެވެ. ސަމުސަލެއް ބޭނުން ކޮށްގެން އަރިމަތި ތަކުގައިވެސް ހާކާށެވެ. (ކޭކު ދެ ލޭޔަރއަށް ވާނެ ގޮތަށް މެދުން ފަޅާލާފައި ދެ ލޭޔަރގެ ދެމެދަށް ¼ އަޅާފައި އަނެއްބައި ކޭކުގެ މަތީގައާއި އަރިމަތީގައި ހޭކިދާނެއެވެ.)


ދެން ޓޮޕިންގްގައި ބޭނުން ކުރަން ބެހެއްޓި ކަނަމަދު ކޭކުގެ މައްޗަށް ބުރުވާލާށެވެ. ބޭނުމިއްޔާ އިނގިލިތައް ބޭނުން ކޮށްގެން ކޭކުގެ އަރިމަތި ތަކުގައިވެސް މުގުރި ކަނަމަދު ހަރުލާފައި ހުންނާނެ ގޮތަށް ތައްޔާރު ކޮށްލެވިދާނެއެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page