ރާއްޖެއިން ބޭރުގައި އޮންނަ 2 މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ދީމާއަށް ލިބިއްޖެ
- މާހިރު މުޙައްމަދު
- Aug 4, 2021
- 1 min read

2 މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީއަށް ލިބިއްޖެއެވެ.
ދުނިޔޭގެ ރޭންކިންގެ ކުރީގައި އޮތް ގިނަ ކުޅުންތެރިން ވާދަކުރާ އެ މުބާރާތުގައި ވާދަކުރަން ދިއުމުގެ ފުރުސަތު ދީމާއަށް ހަމަޖައްސައިދިނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.
އަންނަ ސެޕްޓެންބަރު 18 އިން 22 އަށް ޕޯޗުގަލްގައި އޮންނަ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ދީމާ ބައިވެރިވެ އެ މުބާރާތުގައި ދީމާ ކުޅޭނީ 15 އަހަރުން ދަށުގެ ކެޓަގަރީގައެވެ. އެ ކެޓަގަރީން ފުރުސަތު ލިބިފައި ވަނީ ދުނިޔޭގެ ރޭންކިންގއަށް ބަލާ އިރު އެންމެ މޮޅު 30 ކުޅުންތެެރިންނަށެވެ.
އޮމާނުގައި ބާއްވާ 15 އަހަރުންދަށުގެ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތް އޮންނާނީ އަންނަ އޮކްޓޫބަރު 10 އިން 16 އަށެވެ.
އެންމެ ފަހުން ނެރުނު ރޭންކިންގައި ވާގޮތުން ދީމާ އޮތީ 15 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 11 ވަނައިގައެވެ. އަދި 17 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 53 ވަނައިގައެވެ.
13 އަހަރުގެ ދީމާއަކީ 2019 ވަނަ އަހަރުގައި ބޭއްްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 3 ރަންމެޑަލް ރާއްޖެއަށް ހޯދައިދިން ހުނަރުވެރި ކުޅުންތެރިއެކެވެ.








Comments