ރާއްޖެ އިން ފައިނަލްގެ އުއްމީދު އައު ކޮށްފި
- މާހިރު މުޙައްމަދު
- Oct 10, 2021
- 1 min read

ރާއްޖޭގެ އެއް ނަމްބަރު ފޯވާޑް އަލީ އަޝްފާގް ކާމިޔާބުކޮށްދިން ލަނޑުން މިއަދު ހަވީރު ރާއްޖެއާއި ލަންކާ ބައްދަލު ކުރި މެޗުން ކުރި ހޯދާ ފައިނަލް އަށް ދިއުމުގެ އުއްމީދު ބޮޑު ކޮށްފިއެވެ.
މި މެޗުން ރާއްޖެ ލަންކާ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މި ލަނޑު މެޗުގެ 06 މިނެޓުގައި އަޝްފާގް ކާމިޔާބު ކޮށްދިނީ، ހައިޝަމް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ރާއްޖެއަށް ލީޑު ފުޅާ ކުރަން ފުރުސަތެއް ލިބުން ނަމަވެސް ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މީގެ އިތުރުން މެޗު ނިމެނިކޮށް ސެންޓޭ ފޮނުވާލި ހިލެ ޖެހުން ވެސް އަމާޒުވީ ލަންކާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ރާއްޖޭގެ ކީޕަރު ފައިސަލް އަށް އަނިޔާވެ ބަދަލުކުރި ފަހުން ލަންކާ އަށް ލިބުނު ހިލޭޖެހުން ހެމިލްޓަން ފޮނުވާލި ނަމަވެސް އެ ހަމަލާ ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. މެޗުގެ 2 ވަނަ ހާފު ދިވެހި ޓީމުން ވަރުގަދަކޮށް ފެށިނަމަވެސް ކުޑަ އިރުކޮޅެއް ތެރޭ ވަރުބަލިކަން ފެނިގެން ދިޔައެވެ. މިއާއި އެކު ލަންކާ ޓީމުން ވަނީ، އެ ޓީމުގެ އެޓޭކުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ލަންކާ ޓީމުގެ ކަވިންދު އިޝާން ފޮނުވާލި ބޯޅަ ފާހަގަ ކޮށްލެވެއެވެ. ރާއްޖޭގެ ކުޅުން ތެރިން ކައިރިން ނެއްޓުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ކުޑަ ތަންކޮޅެއް މަތިންނެވެ. މެޗުގެ ފަހު ވަގުތު ކޮޅުވެސް ރާއްޖެއަށް އިތުރު ލަނޑެއް ޖެހުމަށް ފުރުސަތު ލިބުން ނަމަވެސް މެޗު ނިމުނީ، 1-0 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވެގެންނެވެ.








Comments