ޤުރްއާން ހިތުދަސްކުރި ކުއްޖާއާއި، ރައީސްގެ ދެމަފިރިކަނބަލުން ބައްދަލުކުރައްވައިފި
- ޙުސައިން އަޙުމަދު

- Jul 16, 2021
- 1 min read

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ކުޑަކުއްޖެއްކަމަށްވާ އަމަން އަޙްމަދު ޢާޠިފާއި، ބައްދަލުކުރައްވައިފިއެވެ.
ބ.ހިތާދޫ، ޑެއިޒީމާގެ އަމަން ކީރިތި ޤުރުއާން ހިތުދަސްކުރީ ޢުމުރުން އެންމެ 06 އަހަރާއި، 09 މަހުގައެވެ. އަމަންއަކީ އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރެކެވެ.
ރައީސްގެ ދެމަފިރިކަނބަލުން މިއަދު މެންދުރުފަހު އަމަންއާއި ބައްދަލުކުރީ ރައީސް އޮފީހުގައެވެ. މިހާ ތުއްތު ދުވަސްވަރުގައި އަމަން، ކީރިތި ޤުރްއާން ހިތުދަސްކުރީތީ ރައީސް ވަނީ އެކަމަށް ތަޢުރީފު ކުރައްވައިފައެވެ. ހަމައެހެންމެ ރައީސް ވަނީ އަމަންގެ މައިންބަފައިން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އަމަންގެ މަންމަ ލުބާނާ މުޙައްމަދަށާއި، ބައްޕަ އަޙްމަދު އާޠިފަށް ޝުކުރު އަދާކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ، ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އަމަން ޝައުޤުވެރިވި ގޮތާ ގުޅޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވައިފައެވެ. އަދި ރައީސްގެ އެދިވަޑައިގަތުމުގެ މަތިން އަމަން ވަނީ، ކީރިތި ޤުރްއާނުގެ ކުރު ސޫރަތެއް ކިޔައިދީފައެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ގުޅިގެން އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުން އަމަންއަށް ދިން ތަށްޓާއި، ހަނދާނީ ލިޔުން، މި ބައްދަލުކުރެއްވުމުގައި އަމަންއާއި ހަވާލުކޮށްދެއްވީ ރައީސްއެވެ. ހަމައެއާއެކު އަމަންގެ މަސައްކަތަށް ހިތްވަރުދެއްވުމުގެ ގޮތުން ރައީސް ވެސް ވަނީ، އަމަންއަށް ޚާއްސަ އިނާމެއް ދެއްވައިފައެވެ.
އަމަންގެ މަންމައާއި ބައްޕަ ވަނީ، އަމަންއަކީ ވަރަށް ތުއްތުއިރުއްސުރެ ޤުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ ކުއްޖެއްކަން ފާހަގަކުރައްވައިފައެވެ.
އަމަންއަކީ ޤުރްއާން ހިތުދަސްކުރި ހާފިޒެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި، ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިކުރުމަށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މިހާރު ވަނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅައިފައެވެ.








Comments