ޕީއެސްޖީއަށް މެސީ ކުޅޭނީ 30 ނަމްބަރު ޖަރޒީގައި!
- މާހިރު މުޙައްމަދު
- Aug 11, 2021
- 1 min read

ޕެރިސް ސެއިންޓް ޖާމެއިންއަށް ދުނިޔޭގެ އެންމެ ހުނަރުވެރި އަދި ނުފޫޒުގަދަ ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ކުޅޭނީ 30 ނަމްބަރު ޖާރޒީގައެވެ.
މެސީ، ޕީއެސްޖީއަށް 2 އަހަރުގެ އެގްރިމެންޓަކަށް ސޮއިކޮށްފައި ވާއިރު، ޕީއެސްޖީއަށް މެސީ ބަދަލުވިކަން ހާމަކޮށް އެ ކުލަބުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުލަބުގައި މެސީ ބޭނުންކުރާނީ ބާސެލޯނާއަށް މެސީ ކުޅުނު އިރު އެންމެ ފުރަތަމަ ބޭނުން ކުރި ޖާރޒީ ނަންބަރު ކަމަށް ވާ 30 ނަންބަރު ޖާރޒީއެވެ.
މެސީ، ބާސެލޯނާގައި ކުޅެމުން އައި 10 ނަންބަރު ޕީއެސްޖީ އިން ލިބެން ނެތީ އެ ނަންބަރަކީ އެ ޓީމުގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ މިހާރުކުޅެމުން އަންނަ ނަންބަރަށް ވާތީ އެވެ.
10 ނަންބަރު ޖާރޒީ މެސީއަށް ދިނުމަށް ނޭމާ ތައްޔާރަށް ހުރިނަމަ ވެސް މެސީ ވަނީ އެ ނަންބަރު ބޭނުންނުވާ ކަމަށް ވަނީ ބުނެފައެވެ.
ޕީއެސްޖީގެ 30 ނަންބަރަކީ މީގެކުރިން އެ ޓީމުގެ ކީޕަރުންނަށް ޚާއްސަކޮށްފައިވާ ނަންބަރުކަން ފާހަގަކުރަމެވެ.








Comments