މަނީ ހެއިސްޓުގެ ވާހަކަ ކިޔާފައި "ޓޯކިޔޯ" އަށް ރޮވުނީ ކިއްވެ؟
- މާހިރު މުޙައްމަދު
- Sep 6, 2021
- 1 min read

މަނީ ހެއިސްޓް އަކީ ނެޓްފްލިކްސް އިން މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު އެއް ސީރީޒްއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.
ޕްރޮފެސަރެއްގެ މާސްޓާ ޕްލޭންގެ ދަށުން ކުށްވެރިންތަކެއް ފައިސާ ހޯދައި، އޭގެ ފަހުން ފުލުހުންނާ ދެމެދު ހިނގާ ކަންކަން ފެނިގެންދާ މި ސީރީޒްގެ ތަރިންނަށް ނަން ދީފައި ވަނީ ދުނިޔޭ އެކި ގައުމުތަކުގެ ސިޓީތަކަށް ކިޔާ ނަމުންނެވެ މަނީ ހެއިސްޓުގައި ގިނަ ބަޔަކު ދަހިކޮށްލާ ކަމަކީ ކޮންމެ ސީރީޒް އެއް ވެސް ނިމޭއިރު ދެން ވާނެ ގޮތެއް އާދަޔާ ޙިލާފަށް ބޮޑަށް ބަލަން ބޭނުންވެފައި ތިބުމެވެ.
މި ސީރީޒްގެ ކޮންމެ އެޕިސޯޑަކީ އެތައް ކަންތައްތަކެއް ހިނގާ ފޭނުންނަށް ގިނަ ސިހުންތަކެއް ލިބޭ ބައިތަކެކެވެ. ޝޯގައި އެންމެ ގިނަ ބައެއްގެ ލޯބި ހޯދި ޓޯކިޔޯ މި ސީޒްންގައި މަރުވުން ވެގެންދިޔައީ ފޭނުންނަށް ލިބުނު ބޮޑު ހައިރާން ކަމެކެވެ. އަދިވެސް އެކަން ގަބޫލު ކުރަން ފޭނުންނަށް ވަރަށް ދައްޗެވެ.
ޓޯކިޔޯގެ ރޯލުން ފެނިގެން ދަނީ ކުޅަދާނަ ސްޕެނިޝްގެ އެކްޓްރެސް އުރްސުލާ ކޯބެރޫއެވެ. އުމުރުން 32 އަހަރުގެ ޓޯކިޔޯ އަކީ މަނީ ހެއިސްޓް ސީރީޒްގެ ފުރަތަމަ ސީޒަނުން ފެށިގެން ހަރަކާތްތެރިވާ އެކްޓަރެކެވެ. އޭނާ މި ސީޒަންގެ ސްކްރިޕްޓް ފެނުނު ވަގުތަކީ ވަރަށް ޖަޒުބާތީ ވަގުތުކޮޅެކެވެ.
އުރްސަލާ ބުނީ އޭނާ އަށް ސްކްރިޕްޓް ކިޔުމަށް ފަހު ކަރުނަ ހިފަހައްޓާ ނުލެވުނު ކަމަށެވެ. ނަމަވެސް ޓޯކިޔޯ އަކީ އެ ސީރީޒްގައި ކިހާ މުހިންމު މީހެއްކަން އިހުސާސް ވެސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. އޭނާ ރޯވަރުން އެ ޝޯގެ އެއް ބައިވެރިޔަކު އޭނާގެ ފޮޓޯވެސް ނެގި ކަމަށް އުރްސަލާ ބުންޏެވެ. އަދި އޭނާ އަށް އޭނާގެ ކެރެކްޓަރު މަރުވާކަން އަމިއްލަ އަށް ގަބޫލުކުރަން ވެސް އުނދަގޫވި ކަމަށް އުރްސަލާ ބުނެއެވެ.
ފަހު އެޕިސޯޑުގައި ފޭނުން ނޭވާ ހިފަހައްޓާލަންޖެހޭ އެތައް ދަނޑިވަޅުތަކެއް ހިމެނެއެވެ. ނެޓްފްލިކްސް އިން މަނީ ހެއިސްޓުގެ ފަހު ސީޒަންގެ ފުރަތަމަ ޕާޓް ދެއްކިއިރު މީގެ ދެވަނަ ޕާޓް ރިލީޒް ކުރާނީ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.
ތަފާތު އެކި އިހުސާސްތައް ދައްކުވައިގެން އުފައްދާފައިވާ މަނީ ހެއިސްޓް ނުވަތަ ލަ ކަސާ ޑެ ޕަޕެލްގެ ފަހު ސީޒަންގައި 10 އެޕިސޯޑް ހިމެނޭއިރު މި އެޕިސީޑްތައް ކުޅެފައި ވަނީ ސްޕެއިން، ޕޯޗުގަލް އަދި ޑެންމާކުގައެވެ. މި ސީރީޒް އަކީ އެލެކްސް ޕިނާ ލިޔެފައިވާ އަދި އޭނާ ޑައިރެކްޓުކުރާ ސީރީޒްއެކެވެ.
ސްޕެނިޝް ސީރީސްއެއް ކަމަށްވާ މަނީ ހެއިސްޓްގެ ފުރަތަމަ ސީޒަން ރިލީޒް ކުރީ 2017 ވަނަ އަހަރުގެ މެއި 2 ވަނަ ދުވަހުއެވެ. ބެލުންތެރިންގެ ސަމާލުކަން ލިބިގެންދާ ގޮތަށް ކުޅެފައިވާ މި ސީރީޒްއަށް މިހާތަނަށް ގިނަ އެވޯޑުތަކެއް ލިބިފައިވާ އިރު އޭގެ ތެރޭގައި އެމީ ގެ ބެސްޓް ޑްރާމާ ސީރީޒް 2018 ފަދަ އެވޯޑްތައް ހިމެނެއެވެ.








Comments