މިނިވަން ދުވަހު ދިވެހިން ވިސްނާލުން މުހިންމު!
- Goal mv
- Jul 26, 2021
- 2 min read

މިމިނިވަން ދުވަހުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަމުން ދަނީ، 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެޖުލައި މަހުގެ 26 ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށް ފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.
އިނގެރޭސިވިލާތުގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހާއި 23 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުޙަންމަދު މުޢީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ޢިއްޒަތްތެރި ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް.ގޯޑްން އާއި ދެމެދު، ކުރެވުނު މުޢާހަދާއެއްގެ ދަށުންނެވެ. އެމުޢާހަދާގައިވާ ގޮތުން ރާއްޖޭގެ ޚާރިޖީ ކަންތައްތައް ހިންގާނީ އިނގިރޭސި ދައުލަތް މެދުވެރިކޮށްގެންނެވެ. އޭގެފަހުން އިނގެރޭސީންގެ އަތްދަށުގައި ކަޅު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ތާރީޙުގެ ތެރެއަށް އެކަން ދޫކޮށް މިނިވަންކަމުގެ ނިދާ ރާއްޖެއަށް އިވިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރުން ޤަބޫލުކުރި ހިސާބުންނެވެ.
ކޮންމެ އަކަސް ރާއްޖެ މިއޮތީ މިނިވަންވެފައެވެ. އަޅުވެތިކަމުގެ ހިތިރަހަ އަރުތެރެއިން ފިލައްޖެއެވެ. އެ ރަހައަކީ ކޮބައިކަމާއި އޭގެ ހިތިކަން މިއަދުގެ ޒުވާން ޖީލު ދަންނަކަހަލައެއް ނޫނެވެ. ރާއްޖެ މިނިވަންވިތާ 56 އަހަރު މިއަދު ފާހަގަކުރަމުންދާ އިރު ހަނދާން އާވަނީ ކޮންމެ އަހަރަކުވެސް މިނިވަން ދުވަހާ ގުޅިގެން މާލެއާއި އަތޮޅުތެރޭގެ ރަށްތައް ނަލަ ހައްދާލާ މަންޒަރެވެ. ފެއްސާއި ރަތާއި ހުދުގެ ރަމްޒީ ކުލަތަކުން މި ކުޑަކުޑަ ދިވެހިރާއްޖޭގެ މުތީތަކެއް ފަދަ ރަށްތަކުގެ މަލަމަތި ޖަރީކޮށްލާ މަންޒަރެވެ.

ހަވައާއި ބަޑިބޭހެވެ. ބޮޑުބެރާއި މާލިކެނޑުމެވެ. މިކަހަލަ ހާއްސަ ދުވަހަކު ނޫނީ ކާން ނުލިބޭ ފަދަ ދިވެހި ކެއުންތަކުން ބަރާވެ ފުރިފައިވާ ސުފުރާތަކެވެ.

ހަމައެކަނި މިނިވަން 50 ފާހަގަ ކުރުމަށް ދިވެހިން ތައްޔާރުވީ މިންވަރު ހިތަށް އެރުމުން ވެސް މިއަދު ލޮލުން ކަރުނަ ހިރިލާކަހަލައެވެ.

ދިވެހިން މިނިވަން ދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުން އައީ ނުހަނު ފޯރިއާ ޖޯޝާއި އެކުގައެވެ.
ނަމަވެސް ދުނިޔެ ބަދަލުވަމުންދާ ގޮތް ނިކަން ދެކިބަލާށެވެ. މި ކުޑަކުޑަ ދިވެހި ސަގާފަތަށް އަންނަމުންދާ ހީނަރުކަން ނިކަން ވިސްނާލަބަލާށެވެ. ދިވެހިން މިއަދު މިނިވަން ހެއްޔެވެ؟ ދިވެހިންގެ ތެރޭގައި މިއޮތީ އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިން ގެނެސްދިން ސަގާފަތާއި އާދަތައް ހެއްޔެވެ؟ ބޮޑު ރަސްގެފާނާއި ދަންޑެހެލު ފަދަ ޤައުމަށްޓަކައި މަރުދޭން ތައްޔާރަށް ތިބި، ޤައުމީ ލޭހުރި ޒުވާނުން މިއަދުގެ ޖީލުގައި އެބަ ތިބި ބާވައެވެ؟
ނޫނެކެވެ. މިއަދު ދިވެހިން މިވަނީ ދުނިޔޭގެ ބަވަނައާއި އެކު ބަދަލުވެފައެވެ. މާޒީއާއި މާޒީއެވެ. ބައެއްގެ އަޅުވެތިކަމުގައި ދިވެހިން ނެތަސް ފިކުރީ ގޮތުން އަޅުގަނޑުމެންގެ ވިސްނުމާއި އަޤީދާ މިވަނީ ހުޅަނގުގެ ސަގާފަތާއި ގޮތްތަކަށް އަޅުވެތިވެފައެވެ.
މިއަދުގެ ޒުވާން ޖީލު ޓިކްޓޮކްގައި ޖެހި މި ވަނީ މިނިވަންކަމުގައި ހައްދުފަހަނަ އަޅާފައެވެ. ދީނަކާއި ދީނެކެވެ. ދިވެހިންގެ އަޤީދާ ބަލިކަށިވެއްޖެއެވެ. ދިވެހިންގެ ސަގާފަތް ތާރީހާ މޮޑެވި ފަސްދާނުލެވިއްޖެއެވެ. ޤައުމީ ރޫޙު ނެތި ހިނގައްޖެއެވެ.
ސިޔާސީ ކޯޅުމުގައި ޤައުމު ފަނާވަނީއެވެ. މުޅި ޤައުމުގައި ފިތުނައާއި ހަސަދަވެރިކަމެވެ. ރުޅިވެރިކަމާއި ބައިބައިވުމެވެ. އީމާންތެރިކަމުގެ ޒައްރެއް ނެތި ފާހިޝް ކަންކަމާއި ނޭއްގާނީ އަމަލުތަކުގައި ދިވެހި ޒުވާނުން މަސްޢޫލުވެ ނެތިގެން ދަނީއެވެ.
ހިތާމައިގެ މައްޗަށް ހިތާމައެވެ. 56 ވަނަ މިނިވަން ދުވަސް ފާހަގަ ކުރާއިރު މިއީ ވިސްނާލުން މުހިންމު ކަންކަމެވެ.
އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިން ގެނެސްދިން މާތްވި ސަގާފަތާއި އާދަތައް އަޅުގަނޑުމެންގެ ދަރީންނަށާއި ދަރީންގެ ދަރީންނަށް ކިޔައިދިނުމަކީ އަޅުގަނޑުމެން ކޮންމެ ދިވެެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. އަމިއްލަ ބަހެއް އޮތީތީ އެކަމާއި ފަހުރުވެރިވާ، ދިވެހި ފަސްގަނޑަށް އުފަންވީތީ ޝުކުރުވެރިވާ ޒުވާން ޖީލެއް ބިނާކުރަން މިއަދު މިވަނީ މަޖުބޫރުވެފައެވެ. ބޮޑު ތަކުރުފާނާއި ދަންޑެހެލާއި އެނޫންވެސް ޤައުމަށްޓަކައި ފިދާވެފައިވާ ޝަހީދު ހުސެން އާދަމްފަދަ ދިވެހި ދަރީންގެ ވާހަކަތައް ކިޔައިދީ އެވާހަކަތަކުން އިބްރަތް ހާސިލްކޮށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ޤައުމަށްޓަކައި ދީނަށްޓަކައި މަރުދޭންވެސް ފަސަނުޖެހޭނެ ފަދަ ދިވެއްސަކަށް ވާން މިއަދު މަޖުބޫރުވެއްޖެއެވެ.
މިނިވަންދުވަސް ފާހަގަކުރާއިރު ވިސްނާލުން މުހިންމު ކަމަކީ މިއަދު ދިވެހިންނަށް ލިބިފައިމިވާ މިނިވަންކަމަކީ ޖާނާއި މާލުން ޤުރުބާންވި ދިވެހި ދާރީންތަކެއް ލޭ އޮހޮރުވައިގެން ކުރި މިންނެތް މަސައްކަތްކަމެވެ. މިކަމުގެ އަގު އަދާކުރެވެން އޮތީ މި ޤައުމު މިނިވަންކަންމަތީ ދަމަހައްޓައިގެންނެވެ. ހުޅަނގުގެ ސަގާފަތް މި ޤައުމުގެ ތެރޭގައި ބިންވަޅު ނަގައިފިނަމަ އެކަމުގެ މާނައީ ކާބަފައިން އަޅުގަނޑުމެންނާ ހަވާލުކުރި އަމާނާތާމެދު އިހުމާލުވެފައިވާކަމެވެ.

2008 ވަނަ އަހަރު ސާފު ޗެމްޕިއަންކަން މިކުޑަކުޑަ ޤައުމަށް ނިސްބަތްވާ ދަރިންތަކެއް ނެގި ހަނދާން އާވޭހެެއްޔެވެ؟ އެދުވަހު މުޅި ދިވެހި ޤައުމު އެކަތިގަނޑަކަށް ވީ ގޮތާއި މުޅި ދިވެހިރާއްޖެ ރަތްކުލައިން ޖަރީވެގެން ދިޔަ މިންވަރު ހިތަށް ސިފަވޭހެއްޔެވެ؟ އެދުވަހު ހިތަށް ލިބިގެން ދިޔަ ފިނިކަން އިހުސާސް ވޭހެއްޔެވެ؟ އެއީވެސް މި ދިވެހިންނެވެ. އެ ދުވަހު ޤައުމު ހޯދި ފަހުރާއެކު އެކަން ފާހަގަކުރަން ނިކުމެ ތިބީވެސް ހަމަ އަޅުގަނޑުމެން ދިވެހިންނެވެ.
ދަންނަވަން މިއުޅެނީ ދިވެހިން ދިވެހިީންގެ ގޮތުގައި ތިބެވޭނީ ދިވެހިންގެ ސަޤާފަތް އޭގެ އަސްލާއެކު ދަމަހައްޓައި ދިރުވައިގެން ކަމެވެ. ބޭރުގެ ސަޤާފަތް ދިވެހިންގެ ސަގާފަތުގެ ތެރެއަށް ގެނައުމަކީ ދިވެހިންގެ އާދަތައް ފަސްލައި ވަޅުލުމެވެ. އެގޮތަށް އެކަންވެއްޖެ ނަމަ، ކަމުގެ ހިތިކަން ދެކޭނެބަޔަކީ ވެސް ހަމަ ދިވެހިންނެވެ. އެހެންކަމުން މި ހިތިރަހަ އަރުތެރޭގައި ލުމުގެ ކުރިން މިކަންކަމާމެދު ވިސްނާލުން މުހިންމެވެ.

މިފަދަ ކަންކަން ރަނގަޅު ކުރުމަށް އަތުކުރި އޮޅާލާ ދިވެއްސަކަވީތީ ފަހުރުވެރިވަމާ ހިނގާށެވެ؟








Comments