https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މިއީ މިއަދު ބެލެނިވެރިން އިންތިހާއަށް ވިސްނަން ޖެހޭ ކަމެއް

  • މާހިރު މުޙައްމަދު
  • Jul 16, 2021
  • 1 min read

މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހިތާމައަކީ، ދަރިންނަށް ދީނީ ތަރުބިއްޔަތާއި، ތަޢުލީމާއި، އިރުޝާދު ދިނުމާއި، ދީނުގެ މަތިވެރިކަން ބަޔާންކޮށްދިނުމަށް ގިނަ ބެލެނިވެރިން ފަރުވާ ކުޑަކޮށްފައިވާކަންކަމަށް، އައްޝައިޚް ޝަފީޢު ވިދާޅުވެއްޖެއެވެ.


ޝައިޚް ޝަފީޢު މިއަދު ވިދާޅުވީ، ތުއްތު އިރު ދެވޭ ނަސޭހަތާއި، އިރުޝާދަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި، އެ ނަސޭހަތާއި، އިރުޝާދު އެ ކުދިންގެ ހިތުތެރޭގައި ތާއަބަދަށް ބިންވަޅު ނެގިފައި ހުންނާނެ ކަމަށެވެ.


ހަމައެހެންމެ އެންމެ ތުއްތުއިރުން ފެށިގެން ދަރިންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖައްސުވަންޖެހޭނެކަން ފާހަގަކުރައްވަމުން ޝައިޚް ޝަފީޢު ވަނީ، އެ ކުދިންނަށް އިސްލާމްދީނުގެ މަތިވެރިކަން ކިޔައިދިނުމަށް ބާރުއަޅުއްވައިފައެވެ. އަދި އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަން ދަރިންނަށް ބަޔާން ކޮށްދިނުމަށާއި، އިހުމާލުވެއްޖެނަމަ، ފަހުން ހިތާމަ ކުރަން ޖެހޭނެކަން ވެސް ޝައިޚް ޝަފީޢު ފާހަގަކުރެއްވިއެވެ. ”ހިތާމައަކީ ދީނީ ތަރުބިއްޔަތާއި، ތަޢުލީމާއި، އިރުޝާދު ކުދިންނަށް ދިނުމާއި، ދީނުގެ މަތިވެރިކަން އެ ކުދިންނަށް ބަޔާންކޮށްދިނުމަށް ގިނަ ބެލެނިވެރިން ފަރުވާ ކުޑަކޮށްފައިވާކަން. މިއީ ވަރަށް ބޮޑު އިހުމާލެއް.“ ޝައިޚް ޝަފީޢު ވިދާޅުވިއެވެ.


ޝައިޚް ޝަފީޢު ވިދާޅުވީ ‏ކުއްޖާ ބޮޑުވެ ފުރާވަރަށް އަރާއިރު، އޭނައަށް ދީނުގެ ގިނަ އަޙްކާމުތަކެއް ނޭނގޭނެ ކަމަށާއި، ދީނީގޮތުން ހިތުތެރޭގައި އޮންނަން ޖެހޭ ޣީރަތްތެރިކަމެއް ނޯންނަ ކަމަށެވެ. އަދި ހަރާމްހަލާލެއް ބެލުމެއް ނޯންނަ ކަމަށާއި، އުޚުރަވީ ނަޒަރެއް ލިބިފައެއް ނޯންނަކަން ވެސް ޝައިޚް ފާހަގަކުރެއްވިއެވެ. ”މިއީ މިއަދު ބެލެނިވެރިން އިންތިހާއަށް ވިސްނަން ޖެހޭ ކަމެއް.“ ޝައިޚް ޝަފީޢު ވިދާޅުވިއެވެ. ޝައިޚް ވިދާޅުވީ ކީރިތި ޤުރުއާނުގައި އަމުރު ކުރައްވައިފައި ވަނީ، އަމިއްލަ ނަފްސާއި، އަނބިދަރިންގެ ނަފްސުތައް ވެސް ނަރަކައިގެ އަލިފާނުން ސަލާމަތް ކުރުމަށް ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page