މި ފަހަރު ވެސް ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއަށް އިންޑިއާ ބަލިކުރެވޭނެ؟
- މާހިރު މުޙައްމަދު
- Sep 30, 2021
- 1 min read

މާލޭގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިފަށް ހުރިހާ ޓީމްތަކަކުން ވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖެ ވެސް ވަނީ ގަތަރުގައި ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ. މި ތަމްރީންގައި އެކުވެރިކަމުގެ ދެ މެޗު ރާއްޖެއިން ވަނީ ކުޅެފައެވެ. އޭގެ ތެރެއިން އެއް މެޗުން ރާއްޖެ މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި އަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަވާނެކަމަށް ބެލެވޭ އެއް ޓީމަކީ އިންޑިއާއެވެ. އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމެވެ. އަދި މި ސަރަހައްދުގައި އެންމެ ސިސްޓަމެޓިކް ފުޓްބޯޅަ އޮނިގަނޑެއް އޮތް ގައުމެވެ. އެހެންކަމުން މި މުބާރާތް ގެއްލުމަކީ އެ ގައުމަށް އޮތް އިޚްތިޔާރެއް ނޫނެވެ. އަދި އެ ޓީމަށް މުބާރާތް ގެއްލޭ ކޮންމެ ފަހަރަކީ ޓީމަށާއި އެގައުމުގެ އެފްއޭއަށް ބޮޑެތި ފާޑުކިޔުން އަމާޒުވާ ފަހަރުތަކެކެވެ. މި މުބާރާތުގައި އންޑިއާއަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިވެހި ޓީމެވެ.

ދިވެހި ޓީމަށް ވެސް މި މުބާރާތް ކާމިޔާބު ކުރެވެން އޮތީ އިންޑިއާ ބަލިކޮށްގެންނެވެ. ރާއްޖެއިން ތަށި ނެގި ދެފަހަރު ވެސް އެކަން ކާމިޔާބު ކުރީ އިންޑިއާ ބަލިކޮށްގެންނެވެ. ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއިން ކުޅުނު 52 މެޗުން އެ ޓީމު ވަނީ 34 މެޗު ކާމިޔާބުކޮށްފައެވެ. އަދި 10 މެޗު ނިމުނީ އެއްވަރުވެގެންނެވެ. ސާފްގައި އިންޑިއާ ބަލިވެފައި ވަނީ މުޅި ޖުމްލަ 8 މެޗުންނެވެ. އެ 8 މެޗުގެ ތެރެއިން ހަތަރު މެޗަކީ ފައިނަލް މެޗުތަކެވެ. އަދި 8 ބަލީގެ ތެރެއިން ތިން ބައްޔާ އިންޑިއާ ކުރިމަތިލާން ޖެހުނީ ދިވެހީންގެ ފަރާތުންނެވެ. ސާފްގައި އިންޑިއާއަށް އެންމެ ބޮޑު ބައްޔަކީ 2-0 އިން ބަލިވި 2 މެޗެވެ. އޭގެ ތެރެއިން އެއް ބައްޔަކީ ވެސް ދިވެހީންގެ އަތުން ވީ ބައްޔެކެވެ.
މިއަހަރުގެ މުބާރާތަށް ދިވެހީން ކުރިމަތިލަނީ 100އިންސައްތަ ދިވެހީންނާއެކުގައެވެ. ކޯޗިން ސްޓާފުންނާއި ޓީމުގެ އެންމެހައި ކަންކަމުގައި ތިބީ ދިވެހީންނެވެ. ސާފްގެ 3 ވަނަ ތަށި ހޯދަން ދިވެހި ޓީމު ދިވެހީންނާ އެކު މި ނިކުންނަނީ ވެސް ދިވެހި ފަސްގަނޑުގައެވެ. ހުރިހާ ދިވެހީންގެ އުއްމީދަކީ ވެސް ރާއްޖޭގައި މިއަހަރުގެ ތަށި ބެހެއްޓުމެވެ.
ދިވެހިން ތިބީ ގައުމީޓީމާއެކު 3 ވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުއްމަދު ޞާލިހު ވެސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު މިހެން ވިދާޅިވެފައި ވަނީ ސާފް ޗެމްޕިއަންޝިޕް 2021 ގެ ކުރިން ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.








Comments