މަމަހުމޫދު އައްބާސްއާ ދެކޮޅަށް މުޒާހަރާ ކުރަނީ
- Goal mv
- Jun 27, 2021
- 1 min read

ފަލަސްތީނުގެ ސަލާމަތީ ފައުޖުތަކުން ސަރުކާރާ ދެކޮޅު އެކްޓިވިސްޓެއް ކަމަށްވާ ނިޒާރު ބަނަތު ހައްޔަރު ކުރި ފަހުން އޭނާ މަރުވުމާ ގުޅިގެން، ރައީސް މަހުމޫދު އައްބާސްއާ ދެކޮޅަށް މުޒާހަރާތައް ބާއްވަން ފަށައިފިއެވެ.
ފަލަސްތީނުގެ ސަރުކާރުގެ މައި އޮފީސް ހުންނަ ރާމަﷲ ކައިރިއަށް އިއްޔެ އެތައް ސަތޭކަ ބަޔަކު އެއްވެ ބޭއްވި މުޒާހަރާގައި އައްބާސްގެ އިސްތިއުފާއަށާއި ސިޔާސީ އިސްލާހުތައް ގެނައުމަށް ގޮވާލި އެވެ. އަދި ރައީސް އޮފީސް ކައިރިއަށް އެމީހުން އެއްވުމުން އައްބާސަށް ތާއިދު ކުރާ ބަޔަކުވެސް އެ ސަރަހައްދަށް އެއްވެ، ދެ ފަރާތުގެ މެދުގައި ގާއުކުން ފަދަ ހަމަލާތައް ބަދަލު ކުރިއެވެ.
އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖަހާ، ސްޓަން ގްރެނޭޑު ބޭނުން ކުރިއެވެ. އެ ހަމަނުޖެހުންތަކުގައި 20 މީހަކަށް އަނިޔާވި ކަމަށް ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކުރިއެވެ.
އެ މުޒާހަރާތައް ފެށުނީ މިދިޔަ ބުރާސްފަތި ދުވަހު ފަލަސްތީނުގެ ފުލުހުން ބަނަތު ހައްޔަރު ކުރި ފަހުން އޭނާ މަރުވުމުންނެވެ. ބަނަތުގެ އާއިލާއިން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރި އިރު ފުލުހުން އޭނާއަށް މުގުރުބުރިން ހަމަލާ ދިނެވެ. އަދި އެ އަނިޔާއާ ހެދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ. ބަނަތު ވަނީ ފަލަސްތީނުގެ ސަރުކާރާ މެދު ނުރުހުން ފާޅުކޮށް، އެ ސަރުކާރުގެ ހުދުމުހުތާރު ކަމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އަދި ހުޅަނގުގެ ގައުމުތަކުން އެ ސަރުކާރަށް އެހީ ފޯރުކޮށްދިނުން ހުއްޓާލުމަށް ގޮވާލާފަ އެވެ.
އެ މުޒާހަރާތައް ކުރިއަށްގެންދަނީ، ފަލަސްތީނުގައި އައްބާސަށް އޮތް ތާއީދު ކުޑަ ވަމުންދާ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ފަހުންނެވެ








Comments