https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މާދަމާއަކީ ޢަރަފާތު ދުވަސް، އެ ދުވަހު ރޯދަ ހިފުމީ 2 އަހަރުގެ ފާފަ ފުއްސަވާނެ ކަމެއް!

  • މާހިރު މުޙައްމަދު
  • Jul 18, 2021
  • 1 min read

ގަދަ ކީރިތި ވަންތަ ﷲގެ އަޅުތަކުންނަށްޓަކައި މަލާއިކަތުންގެ އަރިހުގައި ﷲ ސުބުޙާނަހޫވަތައާލާ ފަޚުރުވެވޮޑިގަންނަވާ ދުވަސް ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ހައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ އަޅުގަނޑުމެންގެ މައްޗަށް މާތް ﷲ ރަހުމަތެއް ކަމުގައި ބާވައިލެއްވި އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަސް ވެސްމެ އެވެ.

" لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ "


ގިނައިން ފާފަފުއްސަވައި ނަރަކައިން މުއްތިކުރުމުގެ ދުވަސް ކަމަށް ވެސް އިލްމުވެރިން ވިދާޅުވެ އެވެ. މިފަދަ މާތް ދުވަހެއް މާތް އިސްލާމުންގެ މައްޗަށް ލެއްވުމުން އެދުވަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންޖެހެ އެވެ. އަރަފާތު ދުވަހު ހިފާ ރޯދައަކީ ދެއަހަރުގެ ކައްފާރާ ކަމަށް ދަންނަ ބޭކަލުން ވިދާޅުވެ އެވެ. އެހެންކަމުން ޙައްޖުވެރިން ފިޔަވާ އަރަފާތު ދުވަހު ރޯދަ ހިފުމަކީ ކޮންމެ އިސްލާމެއް މުސްލިމެއްގެ މައްޗަށް އޮތް ސުންނަތެކެވެ.


ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސާބިތުވެއެވެ. އެކަލޭނގެފާނު ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. ”ޢަރަފާތު ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަ ފުއްސަވާނޭ ކަމެކެވެ. އަދި އާޝޫރާ ދުވަހު ރޯދަ ހިފުމަކީ، އިސްވެ ގޮސްފައިވާ އަހަރުގެ ފާފަ ފުއްސަވާނޭ ކަމެކެވެ،“


ރަސޫލާ صلى الله عليه وسلم މިދުވަހުގެ ރޯދަހިފުން ދޫނުކުރައްވާކަން ވެސް ސުންނަތުން ސާބިތުވެ އެވެ. މާތް ރުއްސުންލެއްވި މުއުމިނުތަކުންގެ މައިކަނބަލެއް ކަމަށްވާ ޙަފުޞާ ބިންތި އުމަރު ރިވާކުރެއްވި އެވެ. 4 ކަމެއް ރަސޫލާ صلى الله عليه وسلم ދޫނުކުރައްވަ އެވެ. އެއީ ޢާޝޫރާ ދުވަހުގެ ރޯދަ ހިއްޕެވުމާއި އަރަފާތް ދުވަހު ރޯދަހިފުމާއި ކޮންމެ މަހެއްގެ ތިންދުވަހު ރޯދަ ހިފުމާއި (އެބަހީ ކޮންމެ ޙިޖުރީ މަހެއްގެ 13، 14، 15) އަދި ފަތިސްނަމާދުގެ ކުރީގައި ކުރައްވާ ސުންނަތް 2 ރަކުޢަތް ކުރެއްވުމެވެ.

އެހެންކަމުން މިފަދަ މާތްވެގެންވާ ދުވަހެއް އަޅުގަނޑުމެންގެ މައްޗަށް ލައްވާފައިވާ އިރު އަޅުގަނޑުމެންގެ އަމަލުތައް މާތް ރުހިވޮޑިގަންނަވާ ގޮތަށް ބަދަލުކޮށް އެކަލާނގެ ލޯތްބާއި، ރުހިވޮޑިގަތުން ހޯއްދެވުމަށް އެންމެން މަސައްކަތް ކުރަމާތޯއެވެ.


މީގެ އިތުރުން ވެސް ހައްޖުގެ ފުރަތަމަ 10 ދުވަހަކީ މަތިވެރިވެގެންވާ 10 ދުވަސް ކަމަށް ދަންނަ ބޭކަލުން ވިދާޅުވެއެވެ. އެ ދުވަސްތަކުގައި އަޅުގަނޑުމެން މުސްލިމުން ހީވާގިވެ އާޚިރަތުގެ ކާމިޔާބާއި ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަންވީ ދުވަސްތައް ކަމަށާއި އެދުވަސްތައް މާތް ކުރައްވާ މަތިވެރި ކުރެއްވުމަކީ މާތްގެ އޯގާވަންތަކަމުން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް އިލްމުވެރިން ވިދާޅުވެ އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page