https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކައިވެނީގެ ވަލީމާތައް މިއަދު ބާއްވަނީ މޮޅުކަމާއި، މުއްސަނދިކަން ދެއްކުމަށް- ހުކުރުޚުތުބާ

  • މާހިރު މުޙައްމަދު
  • Sep 11, 2021
  • 1 min read

މިއަދު ކައިވެނީގެ ވަލީމާތައް ބާއްވަނީ އެކަކަށް ވުރެ އަނެކަކުގެ މޮޅުކަމާއި، މުއްސަނދިކަން ދެއްކުމަށް، އާޚިރު ނަތީޖާއަކީ ތިމާ ދަރަނިވެރިވުން ކަމުގައި މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.


މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ”އިސްލާމް ދީން އަބަދުވެސް ގޮވައިލަނީ، އިސްރާފު ނުކުރުމަށެވެ. ކެއިންބުއިމުގައި އިސްރާފު ކުރުމަކީ އިންސާނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. އެކަމުގެ ސަބަބުން އޭނާއަށް އެތައް ބަލިތަކެއް ޖެހިދާނެ ކަމެކެވެ. އޭނާގެ ދުޅަހެޔޮކަން ނަގައިލާފާނެ ކަމެކެވެ. މި ޒަމާނަށް ބަލާ އިރު ކާވެނީގެ ވަލީމާތަކާއި ތަފާތު މުނާސަބަތުތަކުގައި ބާއްވާ ޕާޓީތަކުން އިސްރާފުގެ ކުލަތައް ފެނެއެވެ. މިއީ ދީނީގޮތުން ބަލާ އިރު އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. ޙަޤީޤަތުގައި އެއީ މާތް ﷲ ދެއްވި މުދަލުން ކުރެވޭ އިސްރާފެކެވެ. ގިނަބަޔަކު ވަލީމާތައް ބާއްވަނީ ސުންނަތް ޤާއިމުކުރުމަކަށް ނޫނެވެ. އެކަކަށް ވުރެ އަނެކަކުގެ މޮޅުކަމާއި، މުއްސަނދިކަމާއި، ފޯރުންތެރިކަން ދެއްކުމަށްޓަކައެވެ. މި ވަލީމާތަކުގެ އާޚިރު ނަތީޖާއަކީ ތިމާ ދަރަނިވެރިވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އިސްރާފު ކުރުން ޙަރާމް ކުރައްވާފައެވެ. ރަސޫލާ ގެ ޙަދީޘް ކުރައްވާފައި ވެއެވެ. މާނައީ: ”އިސްރާފު ކުރުމެއް ނެތި އަދި ބޮޑާކަމެއް ނެތި ތިޔަބައިމީހުން ކައި ބޮއި އުޅޭށެވެ! އަދި ތިޔަބައިމީހުން ފޭރާންލާށެވެ! އަދި ތިޔަބައިމީހުން ޞަދަޤާތް ކުރާށެވެ!“ މި ޙަދީޘުން ދޭހަވާ ގޮތުގައިޒީނަތްތެރި ވުމާއި، ފޭރާން އެޅުމުގައި ވެސް އިސްރާފު ކޮށްގެން ނުވާނެކަން އެނގެއެވެ. ރީތި ހެދުން އަޅައި ޒީނަތްތެރި ވުމަކީ، އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. މާތް ﷲ ދެއްވި ނިޢުމަތުގެ އަސަރު ތިމާގެ ކިބައިން ފެނުމަކީ ދީން މަނާ ކުރާ ކަމެއްނޫނެވެ. އެކަމަކު ތިމާއަށް މިންވަރަށް ބަލައިލުމެއް ނެތި ޚަރަދު ކުރުމަކީ ވެސް ޙައްދުފަހަނަޅައި ދިޔުމެކެވެ.


ކާނާއަކީ އިންސާނާއަށް ޝަރޫރީ އެއްޗަކަށްވާތީ އިންސާނާއަށް ކާބޯތަކެއްޗާ ނުލައި މި ދުނިޔެއަކު ނޫޅެވޭނެއެވެ. އިންސާނުން ކާނާއާ މެދު ދެކެންޖެހޭނީ އެއީ ދިރިހުރުމުގެ ވަސީލަތެއް ކަމުގައެވެ. އެއީ އެއްވެސް ޙާލެއްގައި އޭނާގެ ލަނޑުދަނޑިއެއް ނޫނެވެ. ކާނާއިން މުސްލިމަކަށް ޙާޞިލުވާންޖެހޭ މަޤްޞަދަކީ، މާތް ﷲ އަންގަވާފައިވާ ގޮތަށް މި ދުނިޔޭގައި އުޅެ، އެކަލާނގެ ރުހިވޮޑިގަތުން ޙާޞިލުކުރުމެވެ. މި ރުހިވޮޑިގަތުން އޭނާއަށް ލިބޭނީ، މާތް ﷲ އަންގަވާފައިވާ ގޮތަށް ކާބޯތަކެތި ހޯދައިގެންނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page