https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިޓަލީން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޖަހައިގެން

  • މާހިރު މުޙައްމަދު
  • Jul 12, 2021
  • 2 min read

ޤައުމަށް ޔޫރޯގެ ތަށި ހޯދައިދިނުމުގެ އަޒުމުގައި ނުކުތް އިންގްލެންޑް ބަލިކޮށް، އިޓަލީން ޔޫރޯ 2020 ގެ ޗެމްޕިއަންކަން ހޯދައިފިއެވެ.


"އިޓްސް ކަމިންގް ހޯމް" ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ކުރަމުންދިޔަ އިންގްލެންޑް ބަލިކޮށް އިޓަލީން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު މިއީ އެގައުމުން މުބާރާތް ކާމިޔާބުކުރީ 2 ވަނަ ފަހަރެވެ. މިއީ މުބާރާތުގެ ފައިނަލަށް ވެސް އިންގްލެންޑް ދަތުރުކުރި ފުރަތަމަ ފަހަރެވެ.


އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗު އިޓަލީން ކާމިޔާބުކުރީ ޕެނަލްޓީގައި 2-3 އިން ކުރިހޯދައިގެންނެވެ. މިއީ މުބާރާތުގެ ތާރީހުގައި ވެސް ފައިނަލް މެޗުގައި ޕެނަލްޓީ ޖަހަންޖެހުނު 2 ވަނަ ފަހަރެވެ.


ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އިޓަލީއަށް ރަނގަޅަށް ގޭމުގެ ތެރެއަށް ނުވަދެވުގެން އުޅެނިކޮށް އިންގްލެންޑުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހާ ލީޑު ނަގާފައެވެ.

ޓްރިޕިއަރ ނަގައިދިން ހުރަހެއް އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެފައި ފޮނުވާލި ވޮލީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އިންގްލެންޑަށް ލީޑު ނަގައިދިނީ ލޫކް ޝޯއެވެ.


މިއީ ލޫކް ޝޯ އިންގްލެންޑުގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މިއީ ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯގެ ތާރީހުގައި ވެސް މުބާރާތުގެ ފައިނަލް މެޗުގައި ފެނިގެން ދިޔަ އެންމެ އަވަސް ލަނޑެވެ. އޭނާ މިލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގެ 1 މިނެޓާއި 57 ސުކުންތުގައެވެ.


މިލަނޑަށް ފަހު މަޑުމަޑުން އިޓަލީން މެޗުގެ ކޮންޓްރޯލް ހޯދާ ކުޅުން ރަނގަޅު ކުރިއެވެ. ހާއްސަކޮށް މެދު ތެރެއިން އެޓީމުން ވަނީ ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓާ އެޓޭކްތަކެއް ކުރަން ފަށާފައެވެ. އެހެންނަމަ ވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ ނަތީޖާއަށް ބަދަލެއް ނައިސްއެވެެ. މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދަމުން އައި އިޓަލީން ވަނީ 2 ވަނަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މެޗުގެ 67 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިއޮނާޑޯ ބޮނޫޗީއެވެ.


ލަނޑަށް ފަހު ވެސް މޮޅަށް ކުޅެމުންދިޔަ އިޓަލީން ވަނީ އިންގްލެންޑުގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން 73 ވަނަ މިނެޓުގައި ހާފުގެ މެދެއްހާ ހިސާބުން ވެރާޓީ ތަނަވަސްކޮށްދިން ހުރަހަކުން ބެރާޑީ ވަނީ ވަރަށް ރަނގަޅަށް ބޯޅައަށް ހުސްވެ ގޯލާއި ދިމާލަށް ފޮނުވާލާފައެވެ. އެހެންނަމަ ވެސް އިނގިރޭސި ޓީމުގެ ކީޕަރު ކުރި ޕްރެޝަރުގެ ސަބަބުން ބެރާޑީ އަށް މިހަމަލާ އެންމެ ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ. ބެރާޑީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.


މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 1-1 އިން މެޗު އެއްވަރުވެގެންނެވެ. ފުރަތަމަ 90 މިނެޓު ނިމުނުއިރު އިޓަލީން ވަނީ ޖުމްލަ 14 ހަމަލާއެއް އުފައްދާ 5 ހަމަލާއެއް ގޯލާއި އަމާޒު ކޮށްލާފައެވެ. އިންގެލެންޑް ޓީމަށް އުފެއްދުނީ ޖުމްލަ 4 ހަމަލާއެކެވެ. 90 މިނެޓުގެ ކުޅުން ނިމުނު އިރު 67 އިންސައްތަ އާއިއެކު މެޗުގެ ޕޮޒެޝަން އިންސައްތަ ޑޮމިނޭޓް ކުރީ އިޓަލީންނެވެ.


90 މިނެޓު ހަމަވި އިރު 2 ޓީމު އެއްވަރުވެފައި އޮތުމުން އިތުރުވަގުތުގެ 2 ހާފު ކުޅުނު އިރު 2 ޓީމުން ވެސް ވަނީ އެޓޭކިންގް މޮޅު ގޭމެއް ކުޅެފައެވެ. އެގޮތުން 2 ޓީމުން ވެސް ވަނީ އިދިކޮޅު ޓީމަށް ނުރައްކާކޮށް ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. މީގެން އެއްވެސް ފުރުސަތެއްގެ ބޭނުން ދެ ޓީމުންކުރެ ޓީމެއްގެ ކުޅުންތެރިއަކަށް ހިފިފައެއް ނުވެއެވެ.


އެހެންކަމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.


ޕެނަލްޓީ ޝޫޓް އައުޓުގައި އިޓަލީގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ފެޑެރިކޯ ބާނަޑޭޝީ އާއި ލެއޮނާޑޯ ބޮނޫޗީގެ އިތުރުން ޑޮމެނިކޯ ބެރާޑީއެވެ. އެޓީމަށް ކާމިޔާބު ނުކުރެވުނީ ބެލޯޓީ އާއި ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީއެވެ. އިންގްލެންޑް ޓީމުން ޕެނަލްޓީ ވައްދާލާފައި ވަނީ ކެޕްޓަން ހެރީ ކޭން އާއި ހެރީ މެގުއަރއެވެ. އިންގްލެންޑް ޓީމުން ޕެނަލްޓީ ކާމިޔާބު ނުކުރަނީ ބުކަޔޯ ސަކާ އާއި ޖޭޑަން ސަންޗޯގެ އިތުރުން މާކަސް ރަޝްފޯޑެވެ.


މި ޝަރަފުވެރި ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދި އިރު އެންމެ ފަހުން އެޓީމުން މުބާރާތް ކާމިޔާބުކުރީ 1968 ވަނަ އަހަރުގައެވެ. އެހެންނަމަ ވެސް 2012 ވަނަ އަހަރު އިޓަލީން ވަނީ މުބާރާތުގެ ރަނަރަޕް ކަން ވަނީ ހޯދާފައެވެ. އެފަހަރުގެ ފައިނަލުގައި އިޓަލީ ސްޕެއިން އަތުން ބަލިވީ 0-4 ގެ ނަތީޖާ އަކުންނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page