https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިސްލާމް ދީނަށް ކުރިމަތިކުރުވަމުންދާ ގޮންޖެހުންތަކުގެ ދިފާއުގައި ތެދުވަންޖެހޭ – ހުތުބާ

  • Writer: Goal mv
    Goal mv
  • Jul 20, 2021
  • 1 min read

އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް ގައުމު ބޭނުންވެފައިވާ ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.


ބޮޑު އީދު ދުވަހުގެ ހުތުބާގައި ބުނެފައި ވަނީ މިއީ މިނިވަންކަމުގެ އީދެއް ކަމާއި، އީދު ވާންޖެހޭނީ ނަފުސުތައް ޝަހަވަތްތަކުން މިނިވަންކޮށްދޭ، ހަސަދަވެރިކަމުންނާއި ރުޅިވެރިކަމުން ހިތްތައް ތާހިރުކޮށްދޭ އީދަކަށް ކަމަށެވެ. އަދި މި އީދު ވާންވާނީ ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަ ކުރުމުން ދޫތައް ރައްކާތެރިކޮށްދޭ އީދަކަށް ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ. މިއަދު ފެންނަމުންދަނީ ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތަމުންދާ މަންޒަރު ކަމަށާ ނަބިއްޔާއަށް ފުރައްސާރަކޮށް މުސްލިމުންގެ މުގައްދަސް ތަންތަނަށް ވެރިވެ ފޭރިގަންނަމުންދާ މަންޒަރު ކަމަށާ އަދި އިސްލާމީ ގައުމުތަކުގެ އިންތަކުގެ ހުރުމަތް ކަނޑާ މުސްލިމު އިލްމުވެރިންގެ ގަދަރު ވައްޓާލާ އިސްލާމީ ޔުނިވާސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާ މަންޒަރު ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް ބުނެ އަޑު އުފުލާއިރު މުސްލިމުންގެ ހައްގުތަކަށް އެކު ގޮތްގޮތުން އަރައިގަންނަމުންދާ ކަމަށެވެ. ހުތުބާގައި ބުނީ މިއަދަކީ ގުރުބާނީގެ ދުވަސް ކަމަށާއި މާތް ﷲ އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވި އިބްރާހީމުގެފާނާއި، ލޮބުވެތި ދަރިކަލުން އިސްމާއީލުގެފާނާ ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނުން ފާސްވެވަޑައިގަތުމުން، މާތް ﷲ އެ ދެބަފައިކަލުންނަށް ތައުރީފުގެ ބަސް ވަހީކުރެއްވި ދުވަސް ކަމަށެވެ. ”އިބްރާހީމުގެފާނުގެ އަދުއްވުން އުޅުނީ އެކަލޭގެފާނު ދެރަކޮށް، ނިކަމެތިކޮށްލެވޭތޯއެވެ. އެކަމަކު މާތް ﷲ އެބައިމީހުން އެންމެ ނިކަމެތީންގެ ތެރޭގައި ލެއްވިއެވެ. އިބްރާހީމުގެފާނު މި އިމްތިހާނުން ފާސްވެވަޑައިގަތުމުން މާތް ﷲ އެކަލޭގެފާނަށް މަތިވެރި ނިއުމަތްތަކެއް ދެއްވިއެވެ. އިސްމާއީލުގެފާނުގެ ބަދަލުގައި ގުރުބާން ކުރައްވާނެ ކަންބަޅިއެއް ފޮނުއްވެވިއެވެ. އެކަލޭގެފާނުގެ މައްޗަށް ސަލާމް ލައްވައި، އެކަލޭގެފާނުގެ ޒިކުރާ، އާހިރަތާ ހަމައަށް ލެހެއްޓެވިއެވެ..،“ ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި އިތުރަށް ބުނީ އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާއަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށާއި މާތް ﷲ އަށް ކިޔަމަންގަތުމަށް ފަހު، މައިންބަފައިންގެ ބަސް އަހަން ޖެހޭނެކަމުގެ ހެޔޮ މިސާލު ކަމަށެވެ. އަދި އިސްލާމީ އުއްމަތަށް މިއަދު މިވަނީ މި ހާދިސާއިން އިބުރަތް ހާސިލުކުރަން ޖެހިފައި ކަމަށް ވެސް ބުނެފައިވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page