އިންޑިއާގެ ޤައުމީ އެއާ ލައިންގެ ދަރަނި ބޮޑުވުމުން ވިއްކާލައިފި
- މާހިރު މުޙައްމަދު
- Oct 11, 2021
- 1 min read

ގެއްލުމުގައި ހިންގާ އިންޑިއާގެ ޤައުމީ އެއާލައިން، އެއާ އިންޑިއާ، އެ ޤައުމުގެ ޓާޓާ ސަންސް އިން ގަނެފިއެވެ.
ޓާޓާއިން އެއާ އިންޑިއާ ގަނެފައި ވަނީ އެކަމަށް ކުރިއަށް ގެންދިޔަ ބިޑްގައި އެންމެ ބޮޑު އަގު ހުށައަޅައިގެންނެވެ. އެކުންފުނިން ވަނީ އެއާލައިން ގަތުމަށް 2.3 ބިލިއަން ޑޮލަރު ހުށައަޅާފައެވެ.
ބޮޑު ދަރަންޏެއްގައި ހިންގަމުން އަންނަ އިންޑިއާގެ ޤައުމީ އެއާލައިން ޕްރައިވެޓައިޒްކުރުމަކީ އެ ޤައުމުގެ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސިޔާސަތުތަކުގެ ތެރެއިން ސިޔާސަތެކެވެ.
ޓާޓާއިން އެއާ އިންޑިއާ ގަނެފައިވާ އިރު އެ އެއާލައިންގެ ދަރަނީގެ ގޮތުގައި އޮތް 2 ބިލިއަން ޑޮލަރު ޓާޓާގެ ދަށަށް ދާނެއެވެ. މިއާއެކު އެތައްހާސް މުވައްޒަފުން ހިމެނޭ އެއާ އިންޑިއާގެ ހުރިހާ މުވައްޒަފުން މަދުވެގެން 1 އަހަރު ވަންދެން ވަޒީފާގައި ބައިތިއްބަން ޖެހޭނެ ކަމަށް ވެސް އެ ބިޑްގެ އޮފިޝަލަކު ވިދާޅުވިއެވެ.
ޓާޓާއިން އެއާ އިންޑިއާ ގަތް އިރު އެކުންފުނީގެ ބެލެނިވެރިކަމުގެ ދަށުގައި މިހާރު ވެސް އިތުރު 2 އެއާ ލައިންއެއް ހިންގައެވެ. އެއީ އެއާ އޭޝިއާ އިންޑިއާ އާއި ވިސްޓާރާ އެއާލައިންސްއެވެ.
އިންޑިއާގެ ސަރުކާރުން މި ޑީލް 2021 ވަނަ އަހަރުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރާ އިރު މި ޑީލްގެ ސަބަބުން ވަޅު ޖެހިފައި އޮތް އެއާ އިންޑިއާގެ ހިންގުން ހަމައަކަށް އެޅޭނެ ކަމަށް މާހިރުން ބުނެއެވެ.








Comments