ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވާން ފަށައިފި
- ޙުސައިން އަޙުމަދު

- Jul 19, 2021
- 1 min read

ހައްޖުގެ އެންމެ ބޮޑު ރުކުން އަދާކުރުމަށް ހައްޖުވެރިން އަރަފާތުގެ ބޮޑު ބިމަށް ޖަމާވާން ފަށައިފިއެވެ.
މިނާގައި ތިބުމަށް ފަހު، ބައެއް ހައްޖުވެރިން މިނާ އިން އަރަފާތަށް ދަތުރު ފެށީ މައްކާއަށް މިއަދު ފަތިސްވުމުންނެވެ. ދެން ތިބި މީހުން މިނާ އިން އަރަފާތަށް ދަތުރު ފެށީ، މިއަދު ހެނދުނު އިރު އެރުމުންނެވެ. އަރަފާތު ބިމުގައި ތިބުމުގެ ކުރިން ތަރްވިޔާގެ ދުވަސް ފާހަގަކުުރުމުގެ ގޮތުން ހައްޖުވެރިން މިނާގެ މަޝްއަރުގައި ތިބެނީ މިގޮތަށް ކީރިތި ރަސޫލު ﷺ އަމަލުކުރައްވާފައިވާތީ އެކަލޭގެ ފާނުގެ ސުންނަތަށް އިގްތިދާ ވުމުގެ ގޮތުންނެވެ. މިއަދުގެ ބޮޑުބައި އަރަފާތުގެ ބިމުގައި ހޭދަކުރުމަށްފަހު މިއަދު ހަވީރުން ފެށިގެން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މިރެއަކީ އަލްހާ އީދުވިލޭރެއެވެ. މި ރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގަ އެވެ. މުޒްދަލިފާގައި ތިބެ އެތަނުން ހިލަހޮވުމަށްފަހު މާދަމާ (އީދު ދުވަސް) ގެ ހެނދުނު އަނެއްކާވެސް މިނާއަށް ޖަމާވުމަށްޓަކައި މިރޭ ފަތިހު ހައްޖުވެރިން މިނާއަށް ދިޔުމުގެ ދަތުރު ފަށާނެއެވެ. މި އަހަރު ހައްޖުވުމަށް ސައުދީއަށް އެތެރެވުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ދީފައެއް ނުވެއެވެ. ފުރުސަތު ދީފައިވަނީ، ސައުދީގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށެވެ. މިފަހަރުގެ ހައްޖާޖީންގެ ތެރޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ.








Comments