https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރޮނާލްޑޯ ރޮއްވާލައި ބެލްޖިއަމް ކުއާޓާއަށް

  • މާހިރު މުޙައްމަދު
  • Jun 28, 2021
  • 2 min read


ޔޫރޯ 2020 ގެ ގަދަ 16 އިން ޗެމްޕިއަން ޕޯޗުގަލް ކަޓުވާލައި ބެލްޖިއަމުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.


މިރޭ ސްޕެއިންގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗު އިންތިހާއަށް ފޯރިގަދަކޮށް ފާހަގަކޮށްލެވުނު އިރު، ޔޫރަޕްގެ ޗެމްޕިއަނުން ކަޓައިގެން ދިޔައީ ހިތްދަތިކޮށެވެ. ހަމަލާތައް އުފެއްދި ނަމަވެސް ކާމިޔާބު ނުވެއެވެ.



މިރޭގެ މެޗަކީ ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ބާރުގެ ކުރިމަތިލުމެކެވެ. ޕޯޗުގަލަކީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުންނެވެ. ބެލްޖިއަމްއަކީ މިވަގުތުވެސް ފީފާ ރޭންކިންގެ އެންމެ އުހުގައި އޮތް ޓީމެވެ. އެޓީމުން ފީފާ ރޭންކިންގެ އެއްވަނައިގައި ހިފަހައްޓަމުންދާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. ދެޓީމަކީވެސް ތަރިންގެ ދެޓީމަށްވާ އިރު، މިވަގުތު ދުނިޔޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ ނަންތައް ދަނޑުމަތިން ފެނިފައިވެއެވެ.


މެޗުގެ ފުރަތަމަ ކޮޅުގައި ވަރުގަދަ ޗެލެންޖުތަކެއް ފެނުނެވެ. ހަމަލާތަކަށް ދެޓީމުންވެސް ކުރިއަށް ޖެހުނުލެއް މަދުކަން ފާހަގަވެފައިވާ އިރު، ފުރަތަމަ ކޮޅުގައި ފެނިފައި ވަނީ ހަމަލާތައް މަދު މެޗެއްގެ ގޮތުގައެވެ. ފުރަތަމަ 15 މިނެޓް ތެރޭގައި ފެނުނު ހަމައެކަނި ފުރުސަތަކީ ރެނާޓޯ ސަންޗޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑިއޭގޯ ޖޮޓާ ފޮނުވާލި ހަމަލާއެކެވެ. ހުސްކޮށް ކަހަލަ ގޮތަކަށް އޮވެ ޖޮޓާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މެޗުގެ ކުޅުން ވަރަށް ބޮޑަށް މެދުތެރެއިން ކޮންޓްރޯލް ކުރަމުންދިޔަ އިރު، ބެލްޖިއަމްގެ ކެވިން ޑިބްރޭނާއާއި ރެނާޓޯ ސަންޗޭޒްގެ ކުރިމަތިލުން ދިޔައީ ފާހަގަކުރެވެމުންނެވެ. އެއީ މެޗު އަނބުރާލުމަށް ދެޓީމުގައިވެސް ތިބި މުހިއްމު ދެކުޅުންތެރިންވެސް މެއެވެ. ފުރަތަމަ ހާފުގައި ޕޯޗުގަލްގެ އިތުރު ހަމަލާއެއްވެސް ފާހަގަވެގެން ދިޔައެވެ. ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުން ނުރައްކާތެރިކޮށް ދިޔަ ނަމަވެސް، ބެލްޖިއަމްގެ ގޯލްކީޕަރު ތީބޯ ކޯޓުވާ ވަނީ މަތަކޮށްފައެވެ. ހާފުގެ ފަހުކޮޅުގައި ބެލްޖިއަމްގެ އެޓޭކް ލައިނުގެ ނުރައްކާ ފާހަގަވިއެވެ. ރޮމެލޫ ލުކާކޫގެ ބާރު ދުވެލިތައް ފާހަގަވެގެން ގޮސްފައިވާ އިރު، ހާފު ނިންމާލީ ގޯލަކާވެސް އެކުގައެވެ. ބެލްޖިއަމަށް ލީޑު ނަގައިދިނީ ކެޕްޓަން އެޑެން ހަޒާޑުގެ ކޮއްކޮ ތޯގަން ހަޒާޑެވެ. އޭރިއާ ބޭރުން ދުރުން ތޯގަން ހަޒާޑް ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. ތޯގަން ހަޒާޑު ބޯޅައިގައި ޖެހިލެއް ބާރުކަމުން ބޯޅަ ދިޔައީ ގޯލްކީޕަރު ރުއި ޕެޓްރީޝިއާއަށް އެންމެ އުނދަގޫވާނެ ގޮތަށް އެނބުރެމުން މިސްރާބު ބަދަލުވަމުންނެވެ. ހިތްގައިމު ގޯލެކެވެ. އޭގެ ފަހުންވެސް ބެލްޖިއަމްގެ ހިތްގައިމު ކުޅުމަކާއެކު މުނިއޭގެ ނުރައްކާތެރި ހަމަލާއެއް ފާހަގަވިއެވެ. އަރިމަތިން ވަދެ ބޫޓުގެ ބޭރު ފުށުން ފޮނުވާލި ހަމަލާ ގޯލަށް އަމާޒެއް ނުވިއެވެ. ގަދަ 16 ގެ އުންމީދު ބޮޑުކޮށް ދެވަނަ ހާފަށް ނުކުތް ބެލްޖިއަމަށް ދެވަނަ ހާފުގެ ކުރީކޮޅުގައި ދިމާވި އެންމެ ބޮޑު މާޔޫސްކަމަކީ މުހިއްމު މިޑްފީލްޑަރު ޑިބްރޭނާއަށް އަނިޔާވެ ބާލަން ޖެހުމެވެ. މެދުތެރޭގައި ޑިބްރޭނާ ކުޅެމުންދިޔަ ކުޅުން ގެއްލުމުން ޕޯޗުގަލުން ކުރިއަށް ޖެހިލައި ބެލްޖިއަމަށް ނުރައްކާވެސް ކުރިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ޕޯޗުގަލަށް ދެ ފުރުސަތެއްވެސް ބޭކާރުވިއެވެ. ރޮނާލްޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޮޓާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު، ސަންޗޭޒް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފީލިކްސް ބޮލުން ފޮނުވާލި ހަމަލާ، ބެލްޖިއަމް ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައެވެ.


ބެލްޖިއަމުން ކައުންޓާގައި މަދު ފަހަރެއްގައި ނުރައްކާ ކުރި ނަމަވެސް، ފަހު ފަސް މިނެޓުގައިވެސް ޕްރެޝަރުކޮށް ނުރައްކާ ކުރީ ޕޯޗުގަލުންނެވެ. އެޓީމަށް މަދުވީ ހަމަ އެންމެ ގޯލެކެވެ. ބެލްޖިއަމުން ކުއާޓާގައި ވާދަކުރަން ޖެހޭނީ އިޓަލީއާއެވެ. މެޗު އޮންނާނީ ވެމްބްލީ ސްޓޭޑިއަމްގައެވެ.



މެޗުގެ ކުރިން އެންމެ ވަރުގަދައަށް ދެކެވުނު އެއް ވާހަކައަކަށްވީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކައެކެވެ. ފޯމުގައި ހުރި ރޮނާލްޑޯ މިރޭގެ މެޗަށް ނުކުތީ ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވުމަށެވެ. މެޗަށް ނުކުތްއިރު، ރޮނާލްޑޯ ވަނީ ގައުމީ ޖާޒީގައި 109 ގޯލު ޖަހައިފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލުން ފްރާންސާ ދެކޮޅަށް ކުޅުނު އިރު، އެ މެޗުގައި ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އޭނާ ގައުމީ ޖާޒީގައި ޖެހި ގޯލުގެ އަދަދު ވަނީ 109 އަށް އަރައިފައެވެ. އެއީ ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއާ ހަމަހަމަ އަދަދެކެވެ. އެ ރެކޯޑުގައި ކުރިންވެސް އޮތް އީރާންގެ އަލީ ދާއީ ޖަހާފައި ވަނީވެސް 109 ގޯލެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page