ފަހުރުވެރިކަމާއެކު ޖިންސީ ގޯނާކުރި އަލީ ވަހީދު ފިލުވާލަން ޖާމިނުވި އަޑުބަރޭ ޤައުމީ ޓީމުގައި
- މާހިރު މުޙައްމަދު
- Oct 1, 2021
- 0 min read

ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނު ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފިލުވާލަން ޖާމިނުވި ޔޫތު މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވަނީ ރާއްޖެއަށް އަންނަ ފުޓުބޯޅައިގެ އެންމެ ބޮޑު ސާފު ޗެމްޕިއަންޝިޕް މުބާރާތުގައި ޤައުމީ ޓީމުގައި ފަހުރުވެރިކަމާއެކު ހިމަނާފައެވެ.

އަލީ ވަހީދަށް ކުރެވިފައިވާ ދައުވާއަކީ މިނިސްޓަރެއްގެ މަޤާމުގައި ހުންނަވައި އެ މިނިސްޓްރީީ ގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ފުރަސާރަ ކުރިކަމުގެ 7 ދައުވާއެކެވެ. އަލީ ވަހީދުގެ އަޑުއެހުން ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައިއެވެ.
ކޯޓުން ޤާނޫނާއި ހިލާފަށް ދޫކޮށްލި ޕާސްޕޯޓެއްގައި ހުދު ފަޓުލޫނު ތުރުކުރައްވައިގެން އިއްޒަތްތެރި ކަމާއިއެކު ވަގުތުން ފުރާވަޑައިގަތީއެވެ. ގޮތަކަށް ބުނާނަމަ ރިވެތި ގޮތުގައި ފިއްލެވީއެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައި ވަނީ އަޑުބަރޭ ޒިންމާވާ ގޮތަށް، ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.
އަޑުބަރޭ ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައި ވަނީ ޕާސްޕޯޓް ދޫކުރާ 4 މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އެނބުރި ރާއްޖެއަށް ގެންނާނެ ކަމަށެވެ. ނަމަވެސް އެ 4 މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެއަށް އައިސްފައެއް ނުވެއެވެ. އަދި އަޑުބަރޭ ދިން ޔަގީންކަމާއެކު ވެސް ފަހުން ބުނެފައި ވަނީ އަލީ ވަހީދު ހުންނެވި ތަނެއް އެގިވަޑައި ނުގަންނަވާ ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ޖިންސީ ގޯނާގެ އެތައް ދައުވާއެއް ކުރެވިފައިވާ "ރޭޕިސްޓަކު" ފިއްލެވީއެވެ. އެކަމަށް އެހީތެރިވެދިނީ އަޑުބަރޭ ޖާމިނުވުމުގެ "ޑަރާމާ"އިންނެވެ.
އޭގެ ފަހުން 9 މަސް ވީއެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކުދިން އެތިބީ އިންސާފު އެއްކިބާވެފައެވެ. ކޯޓުތަކުގައި މައްސަލަތައް އޮތީ ފުނިޖެހިފައެވެ. ކޯޓުތަކުނާއި، ފުލުހުން އަދި ޕީޖީ ހުސެއިން ޝަމީމަށާއި ސަރުކާރަށް ކުރެވުނު އެއްކަމެއް ވެސް ނެތެވެ. ކުރެވޭނެ ކަމެއް ވެސް ނެތީޔޯލައެވެ.
ފެންނަނީ "ވީ ޓްރައިޑް އޭ" ބުނެލެވޭވަރަށް ކަމެއް ކުރާތަނެވެ. އެގޮތަކީ ތޯއެވެ. އެ އިގުރާރާ ހިލާފުވެ އަލީ ވަހީދު ގެނައުމުގެ ޒިންމާއިން އަޑުބަރޭ ތަަދައްހަލުވި މައްސަލައިގައި އަޑުބަރޭގެ މައްޗަށް އަހަރު ދުވަހުގެ ޖަލުހުކުމެއް ކުރުމަށް އެދި ޕީޖީ އޮފީހުން ވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. އަދި އޭގެ ފަހުން ކްރިމިނަލް ކޯޓުން އަޑުބަރޭއާއި މެދު ފިޔަވަޅެއް އަޅައިދެވެން ނެތް ކަމަށް ނިންމިއެވެ. އެއަށް ފަހު އެމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނި ނަމަވެސް އެމައްސަލަ އިސްތިއުނާފު ނުކޮށް އަނެއްކާ ވެސް ދައުލަތުން ދުވަން ފެށީ އަލީ ވަހީދުގެ ޕާސްޕޯޓު ފަހަތުންނެވެ. އަޑުބަރޭ މައްސަލަ އޮތްތާ އޮތީ ބާއްވާފައެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެ ނަމަ، ހިލާފުވި ކަމުގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހު، މި ޤާނޫނުގައިވާ އަދަބެއް ކަނޑައެޅުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެއެވެ.
ޖާމިނުވުމުގެ އިގުރާރާ ހިލާފު ވެއްޖެ ނަމަ. އެމީހަކަށް ދެވޭނެ 4 އަދަބެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައި ވެއެވެ. އެއީ؛
1 އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން،
2 އަހަރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުން،
15،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން، އަދި
ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުމެވެ.
މި އަދަބުތަކުގެ ތެރެއިން، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައި އެދުނީ އަޑުބަރޭއަށް 1 އަހަރު ދުވަހުގެ ޖަލު ހުކުމުގެ އަދަބު ދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އެހިސާބުން އެނިމުނީއެވެ. "ވީ ޓްރައިޑް" ބުނެލެވޭ ވަރަށް އެކަން ކުރެވިއްޖެ ނޫންތޯއެވެ.
ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަދޭން އެދި ޕީޖީ އޮފީހުން ހައިކޯޓުގައި އެދުނު މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު މުހައްމަދު ނިޔާޒު ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އަޑުބަރޭއާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލާފައި ހުންނަ ހުރުމެވެ.
ބާތިލްކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ޕީީޖީ އޮފީހުން އެދިފައި އޮތުމުގެ ސަބަބުން އެކަމާއި ހިތްހަމަ ޖެހިވަޑައިނުގެން ހައި ކޯޓުން އިއްވި ހުކުމުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ބުނެފައި ވަނީ އެފަދަ ޕާސްޕޯޓެއް ހިފަހައްޓަން އެދުމަށްވުރެ ކްރިމިނަލް ކޯޓަށް އަލީ ވަހީދު ހާޒިރުވާނެ ކަމަށް ދީފައިވާ ޔަގީންކަން ތަންފީޒު ކުރުމަށް ފިޔަވަޅު އެޅުން މާ މުހިންމު ކަމަށެވެ.
އަޑުބަރޭއަށް ފިޔަވަޅު އެޅެން ނެތް ކަމަށް ދަށު ކޯޓުން ނިންމުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ދައުލަތުން ދަށު ކޯޓަށް އޭރު އަންގާފައިވާތީ އެ ކޯޓުން އެ މައްސަލައާ ގުޅޭ ލިޔުންތައް ވެސް ދައުލަތާ ހިއްސާކޮށްފައިވާ ކަމަށާއި ނަމަ ވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައިނުވާ ކަމަށް ބުނެ ފަނޑިޔާރި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފަނޑިޔާރު ނިޔާޒް ވިދާޅުވީ ޖާމިނުވުމަކީ ޤާނޫނީ ގޮތުން ސީރިއަސް ނަތީޖާއެއް ހާސިލުކޮށްދޭ ޖާމިނުވުމެއް ކަމަށާއި އެހެންކަމުން އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެކަން ކަށަވަރުކުރުމަކީ ޖާމިނުވި ފަރާތްކަމުގައިވާ އަޑުބަރޭގެ ޒިންމާއެއް ކަމަށެވެ. އަދި އެކަން ނުކުރެވޭނެމަ ނަތީޖާއަަކަށް ވާނީ ޤާނޫނުގައި ބަޔާންކުރާ ޖާމިނުވުމަކީ ކުޅިވަރަކަށްވެ ޖާމިނުވާ މީހާއަށް އޭނާ ބޭނުންހާ ކުޅިވަރެއް ކުޅުމަށް އޭނާ މިނިވަންކަމާއެކު އުޅެވުން ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެއެވެެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ހައި ކޯޓުން އެ ހުކުމް ކުރި ދުވަހާ ޖެހިގެން އައި ދުވަހު އަޑުބަރޭއަށް ފިޔަވަޅު އަޅައިދޭން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ދައުލަތުން އެދުނީ ކުރިން ވެސް އެދުނު ގޮތަށް 1 އަހަރު ދުވަހުގެ ޖަލު އަދަބެއް އަންނަ ގޮތަށް އަޑުބަރޭއަށް ފިޔަވަޅު އަޅައިދިނުމަށެވެ. ނަމަވެސް، އެއީ ކުރިން ވެސް ގޮތް ނިންމާފައިވާ ކަމެއް ކަމަށް ވިދާޅުވެ، ގާޒީ ހަސަން ސައީދު އަނެއްކާ ވެސް ނިންމެވީ އަޑުބަރޭއަށް ފިޔަވަޅު ނޭޅުމަށެވެ.
އަޑުބަރޭއަށް ފިޔަވަޅު ނާޅަން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ނުކުރާކަމަށް ފަނޑިޔާރު ނިޔާޒު ފާހަގަކުރެއްވި ކަންބޮޑުވުމާއި ބެހޭ ގޮތުން ޕީޖީ އޮފީހުން ބުނީ އެ ނިންމުން އިސްތިއުނާފު ނުކުރަނީ ކްރިމިނަލް ކޯޓުން ދިން ލިޔުން އޮތީ އިސްތިއުނާފު ކުރެވޭނެ ގޮތަށް ކަމަށް އެ އޮފީހުން ނުދެކޭތީ ކަމަށެވެ.
ދިވެހިންގެ ތެރޭގައި އަޑުބަރޭ ދައްކާލާފަ ކޮންމެ ކަމެއް ވެސް ކުރެވިދާނޭ ބުނާ މީހުން ގިނަ ވެއްޖެއެވެ. އަޑުބަރޭ އަކީ އެހާވެސް ނުފޫޒްގަދަ މީހަކަށް ވެއްޖެއެވެ.
ވާނީ ވެސް އެހެންތާއެވެ. ޖިންސީ ގޯނާގެ 7 ދައުވާއެއް ކުރެވުނު މީހާ ފިލުވުމުން ދައުލަތުން އޭނާއަށް އަދަބެއް ދިނުމަށް 2 ފަހަރު މަތިން ކްރިމިނަލް ކޯޓުގައި އެދުމުން ވެސް ކްރިމިނަލް ކޯޓަށް ވެސް އެކަން އެއީ ކުރެވޭނެ ވަރު ކަމަކަށް ނުވިއެވެ.
އެވަރަކުން އަދި ނިމުނީކީ ނޫނެވެ. މިހާރު އުމުރުން 35 އަހަރުވެފައިވާ އަޑުބަރޭ 2018 ވަނަ އަހަރު ޤައުމީ ޓީމުން ރިޓަޔާ ކުރެވިފައި ވަނިކޮށް، މިހުރިހާ ކަމަކަށް ފަހު ވެސް ދިވެހިންގެ ފަހުރު ކަމަށް ބުނާ ޤައުމީ ޓީމުންގެ ސްކޮޑުގައި ވެސް އޭނާ ވަނީ ހިމަނާފައެވެ.
ދައްކާނެ ވާހަކައެއް ނެތެވެ. އަހަރެންގެ ނަޒަރުގައި ހަގީގަތުގައި އެފަދަ ތުހުމަތެއް ކުރެވޭ މީހަކު ފިލުވި މީހަކު ޤައުމީ ޓީމުގައި ބެހެއްޓުމަކީ ވެސް އެ ޓީމެއްގެ ތާރީހުގައި ފިލައިގެން ނުދާނެ ލައްގަޑެއް ކަމުގައި ވާނެއެވެ.

ޤައުމީ ޓީމުގެ ކޯޗު ވިދާޅުވި ފަދައިން އަޑުބަރޭގެ ކަންތަކާ ސަޕޯޓަރުން މާބޮޑަކަށް ނުވިސްނާނެތާއެވެ. ދިވެހިންނަށް ވަރިހަމަވީތާއެވެ.
ސާފު ޗެމްޕިއަންޝިޕް މުބާރާތުގެ ފޯރިއާއެކު ދިވެހިން އެމީހުންގެ އާއްމު ދިރިއުޅުމުގެ ކަންކަމާއި ޤައުމު ސިޔާސީ ގޮތުން، ޝަރުއީ ގޮތުން އަދި އިޖުތިމާއީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތި ވަމުންދާ ދުވަސްވަރެއް ނަމަވެސް ދިވެހިން އެކަންތައް ކުއްލިއަކަށް ހަދާން ނައްތާލައިފިއެވެ.








Comments