https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޔޫރޯ 2020 ގެ ވަކިވަކި އެވޯޑްތައް ލިބުނު ކުޅުންތެރިން

  • Writer: Goal mv
    Goal mv
  • Jul 12, 2021
  • 1 min read

ޔޫރަޕު ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯގެ 2020 ވަނަ އަހަރުގެ މުބާރާތް ނިމިގެންދިޔައިރު މުބާރާތް ކާމިޔާބުކުރީ ވަރުގަދަ އިޓަލީއެވެ.


މުބާރާތުގައި ގިނަ ލަނޑުތަކެއް ފެނިގެން ގޮސްފައިވާ އިރު މުޅި މުބާރާތުގައި ޕެނަލްޓީ ޝޫޓް އައުޓްގައި ޖެހި ލަނޑުތައް ފިޔަވާ، 141 ލަނޑު ވަނީ ފެނިގެން ގޮސްފައެވެ. ހަމައެކަނި ގްރޫޕް ސްޓޭޖުގައި ވެސް 94 މެޗު ވަނީ ފެނިގެން ދިޔައެވެ.


މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ:

ޔޫރޯ 2020 ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިޓަލީގެ ޒުވާން ކީޕަރު ޖިއާންލުއިޖީ ޑޮނަރުންމާ އެވެ. އުމުރުން 22 އަހަރުގެ ޑޮނަރުންމާ އަށް މިމަގާމު ލިބުނުއިރު އޭނާ އަކީ މިވަގުތު އެއްވެސް ކުލަބަކަށް ނިސްބަތްނުވާ ފްރީ އެޖެންޓެކެވެ. މަޢުލޫމާތު ލިބޭ ގޮތުން ޕީއެސްޖީ އާއި ޑޮނަރުންމާ އާއި ދެމެދު ވަނީ އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައެވެ.


މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ:

ޔޫރޯ 2020 ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭސް ލޮޕޭޒް (ޕެޑްރީ)އެވެ. އުމުރުން އެންމެ 18 އަހަރުގެ ޕެޑްރީ ވަނީ މުބާރާތުގެ ސެމީ ފައިނަލުން ސްޕެއިން ކެޓުމާ ހަމައަށް އެޓީމުން ދެއްކި މޮޅު ކުޅުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.


ޔޫރޯ 2020 ގެ ރަން ބޫޓު:

މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ޝަރަފުވެރި ރަން ބޫޓު ހާސިލް ކޮށްފައިވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ މުބާރާތުގައި ޕޯޗުގަލް އިން ކުޅުނު 4 މެޗުން 5 ލަނޑު ކާމިޔާބު ކޮށްފައެވެ. މި 5 ލަނޑު އޭނާ ކާމިޔާބުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުންނެވެ.


ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ:

މުބާރާތުގެ އެންމެ މުހިންމު މެޗު ކަމަށްވާ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީއެވެ.

މިއަހަރު މި ބޭއްވުނު ޔޫރޯ މުބާރާތަކީ 2020 ވަނަ އަހަރުގެ މުބާރާތެވެ.

ކޮންމެ 4 އަހަރަކުން 1 އަހަރު ބާއްވާ ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް މިދިޔަ އަހަރު ނުބޭއްވުނީ ދުނިޔެއަށް ކުރިމަތިވި ކޯވިޑުގެ ސަބަބުންނެވެ.


ޔޫރޯ މުބާރާތް ދެން އޮންނާނީ 2024 ވަނަ އަހަރު ޖަރުމަނުގައެވެ. އެ މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 14 އިން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page