ކްރޮއޭޝިއާގެ ޕެރިސިޗް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ
- މާހިރު މުޙައްމަދު
- Jun 27, 2021
- 1 min read

ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ޕެރިސިޗް ކޯވިޑަށް ޕޮޒިޓިވްވެ، މިރޭ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗު ގެއްލިއްޖެއެވެ.
އުމުރުން 32 އަހަރުގެ ޕެރިސިޗްޯކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޔޫރޯގެ 2 ވަނަ ބުރުގައި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްރޮއޭޝިއާ ސްކޮޑު ކުރި ޓެސްޓްތަކުންނެވެ. ކޮންމެ މެޗެއްގެ ކުރިން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުން ކޯވިޑަށް ޓެސްޓްކުރަން ޖެހެއެވެ. ޕެރިސިިޗް ޕޮޒިޓިވްވި ނަމަވެސް އެ ޓީމުގެ އެހެން ކުޅުންތެރިންނާއި ސްޓާފުންް ނެގެޓިވްއެވެ.
ޕެރިސިޗް ޕޮޒިޓިވްވުމާ އެކު ޔުއެފާ އާއި ކަމާބަހޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި މިހާރު މުޅި ޓީމުން އަމަލުކުރަމުން އަންނަނީ ޔުއެފާގެ ހާއްސަ ޕްރޮޓޮކޯލާ އެއްގޮތަށް ކަމަށް ކްރޮއޭޝިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފައެވެ. ޔުއެފާ އިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ކޯވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެ ކުޅުންތެރިއަކު 10 ދުވަހުގެ އައިސޮލޭޝަނެއް ފުރިހަމަަ ކުރަން ޖެހޭނެއެވެ. ޕެރިސިޗް މިހާރު ހުރީ އައިސޮލޭޝަނުގައެވެ.
ޕެރިސިޗް ވަނީ މިދިޔަ އަންގާރަ ދުވަހު ކްރޮއޭޝިއާ އިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 3-1 އިން ސްކޮޓްލެންޑް ބަލިކުރި މެޗުގައި ކުޅެފައެވެ. އެ މެޗުގައި ލަނޑު ވެސް ޖެހި ޕެރިސިޗަކީ ކްރޮއޭޝިއާ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި ޗެކް ރިޕަބްލިކާއި ކްރޮއޭޝިއާ އެއްވަރުވި މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. އަދި ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންގްލެންޑާ ދެކޮޅަށް ވެސް ކުޅުނެވެ.
ކްރޮއޭޝިއާ އިން ސްޕެއިނާ ދެކޮޅަށް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދަން މުހިއްމު މެޗަކަށް މިރޭ ނުކުންނަ އިރު، ޕެރިސިޗް ނެތުން ވެގެންދާނީ އެ ޓީމަށް ލިބޭ ބޮޑު ގެއްލުމަކަށެވެ.








Comments