އައްޒާމް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
- މާހިރު މުޙައްމަދު
- Aug 2, 2021
- 1 min read

ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އައްޒާމް ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
ނ. ކެނދިކުޅުދޫގައި މިނިވަން ދުވަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި އުމުރުން 31 އަހަރުގެ އައްޒާމް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކުރިއެވެ.
އައްޒާމަކީ ރަށު ފެންވަރާގަޔާއި ޤައުމީ ފެންވަރުގައި ފުޓްބޯޅަ އާއި ފުޓްސަލްގައި ފާހަގަކުރެވޭ އެތައް ކާމިޔާބެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ.
ކެރިއަރުގައި އައްޒާމްއަށް މިހާރު ހުރި ހިސާބަށް އާދެވުނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް އޭނާ ބުނެއެވެ.
"ޝުކުރު އަދާކުރަން ޖެހޭ ލިސްޓް ވަރަށް ބޮޑު. އެންމެ ފުރަތަމަ ކެނދިކުޅުދޫ ރައްޔިތުންނަށް. ދެން އަޅުގަނޑުގެ ސަޕޯޓަރުންނަށް. ދެން ހާއްސަކޮށް އަޅުގަނޑުގެ އާއިލާ އަށް. މަންމަ އާއި ބައްޕަ އަށް. ތެންކް ޔޫ ހުރިހާ އެންމެންނަށް ވެސް،" އައްޒާމް ބުންޏެވެ.
ޕްރޮފެޝަނަލްކޮށް ކުޅުން ހުއްޓާލިކަން ކަށަވަރުކޮށްދިނުމަށް ފަހު، އައްޒާމް ބުނީ ފުޓްބޯޅަ އާއި ފުޓްސަލް ރަސްމީ މުބާރާތަކުން ދެން ނުފެންނާނެ ކަމަށެވެ.
ބީޖީ ސްޕޯޓްސް ކްލަބުން ފުރަތަަމަ ޑިވިޝަނުގައި ފެނިގެންދިޔަ އައްޒާމް ބޮޑަށް ވިދާލީ ޓީސީއާ ގުޅުނު ފަހުންނެވެ. ޓީސީގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.








Comments