ޕީޖީ ޝަމީމް ސަރުކާރުދެކެ ހިތްހަމަނުޖެހިގެން މަޤާމުން އިސްތިއުފާ ދެއްވަން ތައްޔާރު ވެއްޖެ
- ޙުސައިން އަޙުމަދު

- Jun 20, 2021
- 1 min read

ޕްރޮސެކިއުޓާރ ޖެނެރަލްގެ މަޤާމުގައި ދެން މާގިނަ ދުވަހަކު ނުހުންނަވާނެކަމަށް، ޕްރޮސެކިއުޓާރ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމީމް ވަނީ ޕީޖީ އޮފީހުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވައިފައެވެ. އޭނާ ވިދާޅުވީ ޢަމަލުކުރާނެ އުސޫލެއް ނެތުމަކީ މަސައްކަތްކުރެއްވުމުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ހަމައެހެންމެ ޕީޖީ އޮފީހަކީ ވޭތުވެދިޔަ ތަނުގައި އެއިރެއްގައި ހުންނަވާ ޕީޖީއަކަށް ފެނިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރެއްވެވޭގޮތަށް ބައްޓަންވެފައިވާ ތަނެއްކަމަށެެވެ.
އަދި އެކަން ބަދަލުކޮށް، ޕްރޮސެކިއުޓަރުން މަސައްކަތް ކުރައްވާނެގޮތުގެ މެނުއަލްއެއް އޮފީހުގައި މިހާރު އޮންނާނެ ކަމަށާއި، ފިޔަވަޅު އަޅާނެ ގޮތާއި، ދަޢުވާކުރާނެ ގޮތާއި، ދަޢުވާގައި ހުންނާންޖެހޭ ކަންކަން ވެސް މެނުއަލްގައި އޮންނާނެ ކަމަށެވެ. ޝަމީމް ވިދާޅުވީ އެ މެނުއަލްއާއި އެއްގޮތަށް ކަންތައްތައްވޭތޯ ކަށަވަރުކުރެއްވުގެ މަސައްކަތް މިހާރު ފަށްޓަވައިފައިވާ ކަމަށެވެ. ހަމައެފަދައިން ހުރިހައި މައްސަލަތަކެއްގައި އެއް ގޮތަކަށް ޢަމަލުކުރުމަށްޓަކައި، އެކި ބާވަތުގެ މައްސަލަތަކަށް ޢަމަލުކުރާނެގޮތުގެ އެސްއޯޕީތައް މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތީ އެކަން ތަންފީޒު ކުރުން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
”ކުރިއަށް އޮތް ތަނުގައި އަޅުގަނޑު އުންމީދުކުރަނީ ނިޒާމު ރަނގަޅަށް ހިނގައިގަތީމައި އަޅުގަނޑު މިތާ ނެތަސް، އަޅުގަނޑު ދެން މާ ގިނަ ދުވަހަކު ނުވެސް ހުންނާނެ ވެސްމެ. މި ދެންނެވީ ކޮންމެ އިރަކު ވެސް ހަމަ ދާންޖެހިދާނެކަން ޤަބޫލުކޮށްގެން އަޅުގަނޑު ހުންނަނީ“ ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އޭނާ ނެތަސް އެ ނިޒާމު އެ ގޮތަށް ހިނގުމަކީ އެ އޮފީހަށް އޭނާއަށް ކޮށްދެއްވެވޭނެ ކަންތައް ކަމަށެވެ. ހަމައެހެންމެ ޝަރީޢަތުގެ މަރުހަލާގައި ކަންކަން ގޯހުން ގޯހަށްދަނީ ވަކި އޭނާ ހުންނަވާތީ ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޤާމުން ދުރަށް ވަޑައިގަންނަވާން ޖެހިވަޑައިގަތަސް ސިޔާސީ ދާއިރާއަށް ޝައުގެއްނެތްކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މަޤާމުން ދުރަށް ވަޑައިގަންނަވާ ދުވަހަކުން އޭނާ ފެންނާނީ ކުރިން ވެސް އުޅުއްވި ގޮތަށް ދިފާޢީ ވަކީލެއްގެ ގޮތުގައި ކަމަށާއި، ނުވަތަ އޭނާ އުޅުއްވާނީ ފޮތް ލިޔުއްވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.








Comments